ޚަބަރު

ރިވެލި އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި


  • އަންނަ މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ފޯމު ހުށަހެޅޭނެ

  • އެވޯޑު ދޭނީ ޖުމްލަ 6 ކެޓަގަރީއަކުން

ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާގެ ފަރާތުން ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، މިދާއިރާގައި މަސައްކަތް ކުރާ އެކިއެކި ފަރާތްތަކުގެ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ދޭ ރިވެލި އެވޯޑަށް ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

ރިވެލި އެވޯޑަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި، މާލީ އެހީދިނުމުގެ ޤާނޫނާއި، އެފަރާތްތަކަށް އިޤްތިޞާދީ އަދި އިޖުތިމާޢީ ފުރުޞަތުތައް ފަހިކޮށްދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ "އޯގާތެރި މުޖުތަމަޢު"ގެ ސިޔާސަތުތައް ތަންފީޒުކުރުމަށް ހިންގާ މުހިންމު ޤައުމީ ހަރަކާތެކެވެ. މި އެވޯޑު ދިނުމުގެ މަޤުޞަދަކީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އަގުވަޒަންކޮށް، އެފަރާތްތައް ބާރުވެރި ކުރުވުމަށް މަސައްކަތްކުރާ ފަރާތްތަކުގެ ޚިދުމަތްތައް ފާހަގަކުރުން ކަމަށް ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

މި އެވޯޑުން ޙާޞިލުކުރަން ބޭނުންވާ މައިގަނޑު ކަންތައްތައް:

* ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރި ކުރުވުން
* ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، އެފަރާތްތަކުގެ ލާބަޔަށް އެކި ފަރާތްތަކުން މަސައްކަތްތަކުގެ އަގު ވަޒަންކުރުމާއި އެކަމަށް ހިތްވަރުދިނުން
* ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތަކާއި ބެހޭގޮތުން އާއްމުންގެ ތެރޭގައި ހޭލުންތެރިކަން އިތުރުކުރުން
* ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބައިވެރިވުން އިތުރުކޮށް، އެފަރާތްތަކަށް މުޖުތަމަޢުގެ ދާއިރާތަކުން ފުރުޞަތުތައް ފަހިކޮށްދިނުން
* ނުކުޅެދެންތެރިކަން ހުންނަ ފަރާތްތަކުގެ އަމިއްލަ މިނިވަންކަމަށް ވަކާލާތުކޮށް، އެފަރާތްތަކުގެ ކުރިއެރުމަށް މަގުފަހިކުރުން

ޞިއްޙަތާ އާއިލާއާއި އިޖުތިމާއީ އެހީތެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި ފަހަރުގެ ރިވެލި އެވޯޑު ދިނުމަށް ހަމަޖެހިފައިވަނީ ޖުމްލަ 6 ކެޓަގަރީއަކުން ކަމަށެވެ.

ރިވެލި އެވޯޑު ދޭ ދާއިރާތައް:

* ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދާއިރާ
* ރާއްޖެއަށް ރީތި ނަން ހޯދައިދޭ ފަރާތްތައް
* ތަޢުލީމީ ދާއިރާ
* އަމިއްލަ ޖަމުޢިއްޔާތައް
* ފަންނީ އަދި ފަރުދީ އެހީތެރިކަން ދޭ ފަރާތްތައް
* އިޤްތިޞާދީ ގޮތުން ބާރުވެރިކުރުވާ ކުންފުނިތައް

ރިވެލި އެވޯޑަށް ކުރިމަތިލުމުގެ ފޯމާއި އުޞޫލުތައް ޞިއްޙަތާއި އާއިލާއާއި އިޖުތިމާއީ އެހީތެރިކަމާ ބެހޭ ވުޒާރާގެ ކައުންޓަރުންނާއި، އެވުޒާރާގެ ވެބްސައިޓް health.gov.mv ގެ އިތުރުން އަތޮޅުތަކުގައި ހުންނަ ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުތަކުން ލިބެން ހުންނާނެ ކަމަށް އެވުޒާރާއިން ވިދާޅުވިއެވެ. އަދި ފުރިހަމަކޮށްފައިވާ ފޯމުތައް މިނިސްޓްރީގެ ކައުންޓަރަށް ނުވަތަ [email protected] އަށް މެއިލް ކުރެއްވޭނެ ކަމަށްވެސް އެ ވުޒާާރާއިން ވިދާޅުވިއެވެ.

މިއެވޯޑަށް ކުރިމަތިލުމުގެ ސުންގަޑިއަކީ، 17 ސެޕްޓެމްބަރު 2026 ވާ ބުރާސްފަތި ދުވަހުގެ 13:00 އެވެ.

މިފަދަ އެވޯޑެއް ދިނުމުގެ އެންމެ ބޮޑު ބޭނުމަކީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަކީވެސް މުޖުތަމަޢުގައި ތިބި ޤާބިލު ބައެއްކަން ހާމަކޮށްދިނުން ކަމަށް ޞިއްޙަތާއި އާއިލާއާއި އިޖުތިމާއީ އެހީތެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. މީގެ ސަބަބުން މުޖުތަމަޢުގެ ތަފާތުކުރުންތައް ކުޑަވެ، ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުވާނެ ކަމަށްވެސް އެވުޒާާރާއިން ވިދާޅުވެއެވެ.