"ފުރޮޅުފިލާ ޗަރުކޭސް" ސްކޭޓްބޯޑިން މުބާރާތް މާފުށީގައި ދެވަނަ ފަހަރަށް ފެށުމަށް ތައްޔާރުވެއްޖެއެވެ.
"ފުރޮޅުފިލާ ޗަރުކޭސް" ސްކޭޓްބޯޑިން މުބާރާތް މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރުމަހުގެ 25 އަދި 26 މި ދެދުވަހު މާފުށީ ސްކޭޓް ޕާކްގައެވެ. މިދިޔަ އަހަރުވެސް ބޮޑު ތަރުހީބެއް ލިބުނު މުބާރާތް އަނެއްކާވެސް ފެށުމަށް ތައްޔާރުވަމުން އަންނައިރު، މިއަހަރުގެ މުބާރާތް ކުރިއަށްދާނީ މުޅި ރާއްޖެއަށް ހުޅުވާލައިގެންނެވެ.
މުބާރާތާ ގުޅޭގޮތުން މާފުށީ "ފުރޮޅުފިލާ" ކްލަބްގެ ފަރާތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެމުން ބުނެފައިވަނީ މިއަހަރުގެ މުބާރާތް ކުރިއަށްދާނީ މިދިޔަ އަހަރާ އަޅާބަލާއިރު ބޮޑެތި ބަދަލުތަކަކާއެކު ކަމަށެވެ. އެގޮތުން މި މުބާރާތުން ފެންނާނެ އެންމެ ބޮޑު ބަދަލަކީ މިމުބާރާތް މުޅި ރާއްޖެއަށް ހުޅުވާލުންކަމަށާއި މުބާރާތުގެ ޖަޖުންގެ ގޮތުގައި ހަރަކާތްތެރިވާނީ އިންޓަނޭޝަނަލް ޖަޖުންކަމަށް "ފުރޮޅުފިލާ" ކްލަބްގެ ފަރާތުންވަނީ މައުލޫމާތުދީފައެވެ.
"ފުރޮޅުފިލާ ޗަރުކޭސް" ސްކޭޓްބޯޑިން މުބާރާތުގައި ވާދަކުރުމަށް ވަކި އުމުރެއް ނެތްއިރު، އެންމެ ތުއްތު ކުއްޖާއިން ފެށިގެންގޮސް ޕްރޯ ކެޓަގަރީގައިވެސް ވާދަކުރުމުގެ ފުރުސަތު އޮންނާނެއެވެ.
މުބާރާތުގައި ބައިވެރިވުމަށް ރަޖިސްޓްރީވުމުގެ ފުރުސަތު މި ހަފްތާތެރޭ ހުޅުވާލުމަށް "ފުރޮޅުފިލާ"ގެ ފަރާތުން މަސައްކަތްކުރަމުން އަންނައިރު، މާލެއިން މުބާރާތުގައި ވާދަކުރުމަށް މާފުއްޓަށް ދާ ފަރާތްތަކަށް ފެރީގެ ޚިދުމަތް ހިލޭ ފޯރުކޮށްދޭނެއެވެ. އަދި ގެސްޓްހައުސްގައި މަޑުކުރާނަމަ ޑިސްކައުންޓް އަގެއްގައި އެކަންވެސް ހަމަޖެހިގެންދާނެކަމަށް "ފުރޮޅުފިލާ"އިން މައުލޫމާތުދެއެވެ.
މީގެ އިތުރުން "ފުރޮޅުފިލާ ޗަރުކޭސް" ސްކޭޓްބޯޑިން މުބާރާތުގައި އަތޮޅު ތެރެއިން ވާދަކުރާ ފަރާތްތަކަށް އެކޮމޮޑޭޝަންގެ ކަންކަން މުޅިން ހިލޭ ހަމަޖެހިފައިވާކަމަށާއި، އުންމީދަކީ މިއަހަރުގެ މުބާރާތުން ރާއްޖޭގެ އެކި ހިސާބުތަކުން ގިނަ އަދަދެއްގެ ހުނަރުވެރި އެތުލީޓުން ވިދާލުންކަމަށް "ފުރޮޅުފިލާ" ކުލަބުން ބުނެއެވެ.
ކޮންމެ ކެޓަގަރީއަކުން އެއްވަނަ، ދެވަނަ އަދި ތިންވަނަ މުބާރާތުގެ ތެރެއިން ހޮވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ވާދަކުރާ ކޮންމެ ކުއްޖަކަށްވެސް ހަދިޔާއެއްގެ އިތުރުން މެޑަލްއެއް ލިބޭނެކަމަށް "ފުރޮޅުފިލާ" ކްލަބުން ވަނީ ބުނެފައެވެ.
ސްކޭޓްބޯޑިންގެ ތެރެއަށް އައު އެތުލީޓުން ވެއްދުމުގެ މަސައްކަތް ކުރަމުން އަންނަ މާފުށީގެ ކްލަބެއްކަމަށްވާ "ފުރޮޅުފިލާ"އިން މިދިޔަ އަހަރުވެސް "ފުރޮޅުފިލާ ޗަރުކޭސް" ސްކޭޓްބޯޑިން މުބާރާތްވަނީ ކުރިއަށްގެންގޮސްފައެވެ. ބޮޑު ތަރުހީބެއް ލިބުނު އެމުބާރާތުގައި 80 ސްކޭޓް ބޯޑަރަކުވަނީ ވާދަކޮށްފައެވެ.