ސަރުކާރުން ބިލުތައް އެކުލަވާލައި، ފާސްކޮށް، ތަޞްދީޤުކުރަނީ ފުޅާ ދާއިރާއެއްގައި ކުރެވޭ ފަންނީ ދިރާސާތަކަށް ފަހުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވި 7 ބިލެއް ތަޞްދީޤުކުރެއްވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
ބިލުތައް ތަޞްދީޤުކުރެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވަނީ، މިއިން ކޮންމެ ބިލަކީވެސް، އޭގެ ސަބަބުން ދިވެހި ރައްޔިތުންނަށް ފައިދާކުރާނޭ ފަދަ ބިލުތަކެއް ކަމަށް ވިދާޅުވެފައެވެ. އެގޮތުން، ބޭރު ފައިސާއާބެހޭ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލުގެ ސަބަބުން، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ހެޔޮވުން ފަދަ އިތުރު ލުއިފަސޭހަތައް ލިބިގެންދާނޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ބިލުގައި ބަޔާންކޮށްފައިވާ މިންވަރުގެ ބޭރުފައިސާ ބޭންކުތަކުން މާރުކުރުމަކުން، ރިޒޯޓުތަކުގެ އޮޕަރޭޝަނަކަށް، އަދި ޑޮލަރުން މުސާރަ ދޭންޖެހޭ މުވައްޒަފުންނަށް މުސާރަ ދިނުމަކަށްވެސް ހުރަހެއް ނޭޅޭނޭކަން، ދިރާސާތަކާއި ހިސާބުތަކުން ފެންނާން އެބަހުރިކަން ފާހަގަކުރައްވައި، މިއީ ބަހަނާއެއްކަމުގައި ހަދައިގެން، ޑޮލަރުން މުސާރަ ލިބޭ ފަރާތެއްގެ މުސާރައަށް އުނިކަމެއް އައިސްގެން ނުވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި ޤާނޫނު ތަންފީޒުކުރުމުގައި ތަންފީޒީ އިދާރާތަކުގެ އިތުރުން، ފަތުރުވެރިކަމުގެ ސިނާޢަތުގެ އެއްބާރުލުން ލިބޭނޭކަން ޔަޤީންކުރައްވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ޓެކުހާ ގުޅުންހުރި އިޞްލާޙުތަކަށް އަލިއަޅުއްވާލައްވަމުން އެމަނިކުފާނު ވަނީ، މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި 8 ވަނަ އިޞްލާޙުގައި ބަޔާންކޮށްފައިވަނީ، ފަތުރުވެރިކަމުގެ ސިނާޢަތަށް ޑެސްޓިނޭޝަން ޕްރިންސިޕަލް ތަޢާރަފުކުރުމާއެކު ގެނެވުނު ބަދަލުތައްކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން، އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި 2 ވަނަ އިޞްލާޙުން އިމާރާތްކުރުމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ބޭރުގެ ކުންފުނިތަކުން ނަގާ ވިތުހޯލްޑިންގ ޓެކުހަށް އައި ބަދަލާއެކު، އެފަދަ ކުންފުނިތަކާ އެއްހަމައެއްގައި ކޮންޓްރެކްޓްތައް ހޯދުމަށް ވާދަކުރުމުގެ ފުރުޞަތު ދިވެހި ކުންފުނިތަކަށް ފަހިވެގެންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް ގެނައި 4 ވަނަ އިޞްލާޙާއެކު، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ގެއްލުނު ތަންފީޒީ ބާރު އަލުން އެ އޮތޯރިޓީއަށް ލިބޭނޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ފަޅުރަށާއި ފަޅު ކުއްޔަށްދިނުމާބެހޭ ބިލު ޤާނޫނުކަށްވުމަކީ، ރާއްޖޭގެ އިޤުތިޞާދު ސިންދަފާތުކުރުމަށް އެޅިގެން ދިޔަ މުހިންމު ފިޔަވަޅެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނަށް 2 ވަނަ އިޞްލާޙު ގެނައުމާއެކު، ދިވެހި މަސްކަނޑުތައް އިތުރަށް ޙިމާޔަތްކޮށްދީ، އެކުއަކަލްޗަރ ފުޅާކޮށް، ސްޕޯޓްސް ފިޝިންގ ހާބަރުތަކާއި، ސިނާޢަތަށް ބޭނުންވާ ބިނާރު ޤާއިމުކުރުމަށް މަގުފަހިވެގެންދާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، އެއްގަމު ދަތުރުފަތުރުގެ ބިލު ޤާނޫނަކަށް ވުމާއެކު، މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އިތުރު ބާރެއް ލިބި، ޚާއްޞަކޮށް މާލޭގެ ޓްރެފިކް މައްސަލަ ޙައްލުކުރުމަށް އިތުރު މަސައްކަތްތަކެއް ކުރެވިގެންދާނޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ފަދަ ޤާނޫނީ އިޞްލާޙުތައް ގެނައުމުގެ މަޤުޞަދަކީ، 2040 ވަނަ އަހަރު އަންނަން ވާއިރަށް ރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް ސަރުކާރުން ހިފާފައިވާ އަމާޒަށް ވާސިލުވުމަށްޓަކައި، ތަރައްޤީވެފައިވާ ނިޒާމެއްގައި އޮންނާންޖެހޭ ޤާނޫނީ ނިޒާމު ބިނާކުރުމާއި، ކުރިން ޤާނޫނުތަކުގައި ހުރި ކަންކަން ޒަމާނާއި ޙާލާތާ އެއްގޮތަށް ބަދަލުކުރުން ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މި ފަދަ ނިޒާމަކުން ރައްޔިތުންގެ ޙައްޤުތައް ހިމާޔަތްކުރެވިގެންދާކަން ފާހަގަކުރައްވައި، ޙައްޤު ޤާއިމުކުރެއްވުމުގައި މި ސަރުކާރުން ސާބިތުކަމާއެކު ދެމިއޮންނާނޭކަމަށާއި، އަދުލުއިންސާފު ޤާއިމުކުރެއްވުމުގައި ވަކި މީހަކަށް ނުބައްލަވާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.