ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، އެޑްވައިޒަރ ޓު ދަ ގްރޭންޑް އިމާމް އޮފް އަލް އަޒްހަރު ފޯ އިންޓަރނޭޝަނަލް ސްޓޫޑަންޓްސް އެފެއަރޒް، ޕްރޮފެސަރ ޑޮކްޓަރ ނަހްލާ އަލް-ސައީދީއާ ބައްދަލުކުރައްވައިފިއެވެ.
މުލީއާގޭގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، އެ ދެބޭފުޅުން މައިގަނޑު ގޮތެއްގައި މަޝްވަރާކުރައްވާފައިވަނީ މަތީ ތަޢުލީމުގެ ދާއިރާއާއި އަންހެނުންގެ ޙައްޤުތަކާ ގުޅޭގޮތުންނެވެ.
ޕްރޮފެސަރ ޑރ. ނަހުލާގެ މިދަތުރުފުޅަކީ، އިސްލާމިކް ޔުނިވަރސިޓީ (އައިޔޫއެމް)ގެ ދަޢުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. އަދި އިސްލާމިކް ޔުނިވަރސިޓީން އިންތިޒާމުކޮށްގެން، ބޭއްވި 11 ވަނަ އިންޓަރނޭޝަނަލް ކޮންފަރެންސް އޮން އިންޓަލެކްޗުއަލް އެޑްވާންސްމަންޓް (އައިސީއައިއޭ)ގައި ޑރ.ނަހުލާ ތަޤުރީރުކުރެއްވިއެވެ.
މި ދަތުރުފުޅުގެ ތެރެއިން ޑރ.ނަހުލާ އިސްލާމީ ދިރާސާތަކާއި ލީޑަރޝިޕާގުޅޭ ތަފާތު ސެޝަންތައް ނަންގަވައިދެއްވާފައިވެއެވެ. މީގެއިތުރުން، އަޒުހަރު ޔުނިވަރސިޓީން ތަޢުލީމު ޙާޞިލްކުރައްވާފައިވާ ދިވެހި ދަރިވަރުންނާއި، ބައްދަލުކުރައްވާފައިވެއެވެ. އަދި ބައެއް އިދާރާތަކުގެ އިސްވެރިންނާ އެކަމަނާ ބައްދަލުކުރެއްވިއެވެ.