ޚަބަރު

އެމްއެންޔޫގެ 53 ވަނަ އަހަރީ ދުވަސް ކުލަގަދަކޮށް


  • "އެމްއެންޔޫ ވިތް ޔޫ" ހެލްޕްލައިން ވަނީ އިފްތިތާހްކޮށްފައި

  • ކުޅިވަރުގެ އެކި ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވޭ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ، އެމްއެންޔޫ އަށް 53 އަހަރު ފުރުމުގެ މުނާސަބަތާއި ގުޅުވައިގެން، ކުޅިވަރުގެ ތަފާތު ހަރަކާތްތަކެއް ބާއްވައިފިއެވެ.

މި ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވަނީ ހެންވޭރު ދަނޑާއި ގަލޮޅު ދަނޑުގައެވެ. މި ހަރަކާތްތައް ފެށުމުގެ ގޮތުން ވާހަކަދައްކަވަމުން ވައިސް ޗާންސެލަރ ޑރ. ޢާއިޝަތު ޝެހެނާޒް އާދަމް ވިދާޅުވީ، މި ހަރަކާތްތަކަކީ އެއްބައިވަންތަކަމާއި، އެކުވެރިކަން ބަދަހިކުރުމަށް ލިބޭ ރަނގަޅު ފުރުސަތެއްކަމަށެވެ. ޝެހެނާޒް ވިދާޅުވީ، ވޭތުވެދިޔަ އަހަރުތަކުގައި އެންމެ ހާއްސަ އިސްކަމެއް ދީގެން ކުރެއްވި ކަމަކީ ދަރިވަރުންނާއި، މުވައްޒިފުންނަށް އުނގެނުމާއި، މަސައްކަތްކުރުމަށް އެންމެ އެކަށީގެންވާ ދުޅަހެޔޮ މާހައުލެއް ޤާއިމްކޮށްދިނުން ކަމަށެވެ.

މުވައްޒިފުންގެ ދުޅަހެޔޮކަމާއި، ހިތްހަމަޖެހުމަށްޓަކައި އެންމެ އިސްކަމެއްދޭ އެއް ކަމަކީ އެބޭފުޅުންގެ އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކުރުން ކަމަށާއި މުވައްޒިފުންގެ ބޯހިޔާވަހިކަމަށް ހާއްސަކޮށްގެން 20،000 އަކަ ފޫޓުގެ ބިމެއް ސަރުކާރުން ހަމަޖައްސަވާފައިވުމަކީ މުވައްޒިފުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް އެޅުނު ވަރަށް މުހިއްމު ފިޔަވަޅެއް ކަމަށް ވައިސް ޗާންސެލަރ ވިދާޅުވިއެވެ.

މީގެއިތުރަށް ދަރިވަރުންގެ ދިިރިއުޅުމުގެ މާހައުލު އިތުރަށް ހަރުދަނާ ކުރުމަށް ހުރިހާ ދަނާލްތަކެއް އޭސީކޮށް ދުޅަހެޔޮ އަދި ފަސޭހަ ދިރިއުޅުމަކަށް މަގުފަހިކޮށްދިނުމުގެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށެވެ.

މި ރަސްމިއްޔާތުގެ ތެރެއިން ކުޅިވަރުގެ އިތުރުން، ކޭކު ފެޅުމާއި، ފޮޓޯ ނެގުމުގެ ހަރަކާތެއްވެސް ކުރިއަށް ގެންގޮސްފައިވެއެވެ. ހަރަކާތްތައް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި "އެމްއެންޔޫ ވިތު ޔޫ" ގެ ދަށުން ހެލްޕްލައިން އެއް ވަނީ އިޕްތިތާހްކޮށްފައެވެ. މިއީ ކޮންމެ ދަރިވަރަކަށް އަދި ކޮންމެ މުވައްޒިފަކަށްވެސް ދިމާވާ ގޮންޖެހުންތަކުގައި އެހީތެރިވުމަށާއި އިރުޝާދު ފޯރުކޮށްދިނުމަށް ޤާއިމްކުރެވުނު މުހިއްމު ވަސީލަތެއް ކަމަށް ވައިސް ޗާންސެލަރ ވިދާޅުވިއެވެ.

1558 ހެލްޕްލައިން އަކީ "އެމްއެންޔޫ ވިތް ޔޫ" ގެ ދަށުން މުވައްޒިފުންނާއި ދަރިވަރުންގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށް ހާއްސަކޮށްގެން ތަޢާރަފްކޮށްފައިވާ ވަސީލަތެކެވެ. މިއީ ޔުނިވާރސިޓީގެ ދަރިވަރުންނާއި މުވައްޒިފުންނާއެކު އެމްއެންޔޫ އަބަދުވެސް ވާކަމުގެ ޔަޤީންކަން ލިބޭ ކަމެއް ކަމަށް ވައިސް ޗާންސެލަރ ވިދާޅުވިއެވެ.