ޚަބަރު

ބުޅާ ގެންގުޅުމަށް ޚާއްސަކޮށްގެން "ކެޓް އައިލެންޑް" ތަރައްޤީކުރަނީ


  • ޕްރޮޕޯސަލްތައް އިވެލުއޭޓްކުރުމުގެ މަސައްކަތް ދަނީ ކުރަމުން

  • މިއީ އިންޓަރނޭޝަނަލް ޕާޓީއަކުން ހުށަހަޅާފައިވާ ޕްރޮޕޯސަލެއް

ބުޅާ ގެންގުޅުމަށް ޚާއްޞަކޮށްގެން 'ކެޓް އައިލެންޑް' އެއް ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް، މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ގޮތުގައި މާލެ ސަރަޙައްދުގައި ދިމާވެފައިވާ ބުޅަލުގެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ޤާއިމުކޮށްފައިވާ "އޮޅުހިޔާ" ގެ ޖާގަ އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ. މިވަގުތު އެ މަރުކަޒުގައި 280 ބުޅާ ބަލަހައްޓަމުން އަންނައިރު މިހާރު ކުރިއަށްދާ އެކްސްޓެންޝަން މަސައްކަތްތައް ނިމުމުން އެތަނުގައި 500 އެއްހާ ބުޅާ ގެންގުޅެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މާލެ ސަރަޙައްދުގައި އުޅޭ މަގުމަތީ ބުޅާތަކުގެ ސަބަބުން އާންމުންގެ ކަންބޮޑުވުންތައް އިންތިހާއަށް އެބައޮތްކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ އޮޅުހިޔާގެ ޖާގަ އިތުރުކުރެވިގެން ދިޔުމަކީ މި މައްސަލައަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމެއް ކަމަށެވެ. އަދި އެތަނަކީ ބުޅަލަށް ބޭނުންވާ ފަރުވާއާއި އެންމެހައި ރައްކާތެރިކަން ފޯރުކޮށްދެވޭނެ ފުރިހަމަ ފެސިލިޓީއަކަށް ހެދުމަކީ ސަރުކާރުގެ މައިގަނޑު އަމާޒު ކަމުގައިވެސް ވިދާޅުވިއެވެ.

މީގެއިތުރުން މިފަދަ ކަންކަމަކީ ބޮޑު ޚަރަދެއް ހިނގާ ކަންކަން ކަމުގައި ވާތީ ރާއްޖޭގައި 'ކެޓް އައިލެންޑް' އެއް ތަރައްޤީކުރުމަށް ބައެއް ފަރާތްތަކުން ޝައުޤުވެރިކަން ފާޅުކޮށް ޕްރޮޕޯސަލް ހުށަހަޅާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިހާރު ކުރިއަށްދަނީ އެ ޕްރޮޕޯސަލްތައް އިވެލުއޭޓްކުރުމުގެ މަރުޙަލާ ކަމަށްވެސް ވަޒީރު ޝިޔާމް ހާމަކުރެއްވިއެވެ.

"އިންޓަރނޭޝަނަލް ޕާރޓީއަކުން ޕްރޮޕޯސްކޮށްފައި އޮތް ޕްރޮޕޯސަލްއެއް. އަޅުގަނޑުމެން މި އުންމީދުކުރަނީ ބުޅާ ނުަވަތަ ޕެޓް ކޮމިއުނިޓީއަށް ވަރަށް އުފާވެރި ހަބަރެއްގެ ގޮތުގައި އެ މަޝްރުއު ވަރަށް ކާމިޔާބު މަޝްރޫއަކަށް ވާނީނަމަ ޔަގީނުން ވެގެން ދާނެ. ކޭގްކޮށްފައި ޕެޓް ބެހެއްޓުމަށްވުރެއް އަޅުގަނޑުމެން އެންމެންވެސް ލޯބިކުރަން ކެޓްއަށް. ދުނިޔޭގައި އެބައޮތް ވަރަށް ބޮޑު ކޮމިއުނިޓީއެއް، ރާއްޖޭ ފަދަ ޤައުމެއްގައި މި ފަދަ އައިލެންޑެއް ޒަމާނީ ފެސިލިޓީތަކާއެކު ހިންގިއްޖެނަމަ މިއީ އިންޓަރނޭޝަނަލް ކޮމިއުނިޓީއަށް ވެސް ވަރަށް ބޮޑު ޝައުގުވެރިކަމަކަށް ވާނެ". ވަޒީރު ޝިޔާމް ވިދާޅުވިއެވެ.

މާލެ ސަރަހައްދުގެ މަގުމަތީގައި ބުޅާތައް ގިނަވުމުގެ މައްސަލައަށް ހައްލެއް ގެނައުމަށް ގާއިމްކުރި އޮޅުހިޔާ ހުޅުއްވައި ދެއްވީ 2024 ވަނަ އަހަރުގެ ނޮވެމްބަރު 2 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. މިތަން ހުޅުވާފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައެވެ.

އޮޅު ހިޔާއަކީ މަގުމަތީގައި ބުޅާ ގިނަވުމުގެ މައްސަލައަށް ހައްލެއް ގެނައުމަށް ޤާއިމްކުރި ފެސިލިޓީއެކެވެ. މިއާއެކު ބުޅަލުގެ ސަބަބުން މަގުތައް ހަޑިވެ ނަޖިސްވުން ކުޑަކުރެވި، އޯގާތެރިކަމާއި އަޅާލުމާއެކު ބުޅާތައް ބެލެހެއްޓޭނެ އިންތިޒާމުތައް ހަމަޖެހޭނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. މިތަނުގައި ބުޅާތައް ކަރަންޓީނު ކުރާނެ ސަރަހައްދަކާއި ކްލިނިކަކާއި ލެބޯޓްރީއެއްގެ އިތުރުން ބުޅާތަކަށް ދޭންޖެހޭ ބޭސްތައް ހުންނަ ފާމަސީއަކާއި އެ ބުޅާތައް އުޅޭނެ ސަރަހައްދެއްވެސް ވަނީ ހަދާފައިވެއެވެ.