ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން، ވީއެމްސީއިން އައިޓީބީ އިންޑިއާ 2026ގައި ރާއްޖޭގެ ފަތުރުވެރިކަމުގެ އުފެއްދުންތައް ދައްކާލައިފިއެވެ.
މުމްބާއީގެ ޖިއޯ ވޯލްޑް ކޮންވެންޝަން ސެންޓަރުގައި މިމަހުގެ 1އިން 3އަށް ކުރިއަށްދާ "އައިޓީބީ އިންޑިއާ 2026" ފެއަރގައި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން، ވީއެމްސީއިން ބައިވެރިވެ އިންޑިއާއާއި ދެކުނު އޭޝިއާގެ ފަތުރުވެރިކަމުގެ ދާއިރާގެ ފަރާތްތަކާއެކު ބައްދަލުވުންތައް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ވީއެމްސީއިން ވިދާޅުވެއެވެ.
މި ފެއާރގައި ދިވެހިރާއްޖެއިން ބައިވެރިވަނީ، ފަތުރުވެރިކަމާއި އޭވިއޭޝަން ދާއިރާގެ 17 ކޯ-އެގްޒިބިޓަރުންނާއެކުގައެވެ. މި ސްޓޭންޑަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކާއި، ޓްރެވަލް އެޖެންޓުން، ޓުއާ އޮޕަރޭޓަރުން، ކޯޕަރޭޓް ޓްރެވަލް މެނޭޖަރުން އަދި މައިސް ޕްލޭނަރުން ފަދަ ދާއިރާގެ އިސް ފަރާތްތަކާ ބައްދަލުކޮށް، ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމަށް ފަހިކޮށްދީފައިވާ މުހިންމު މަންސައެއް ކަމަށް ވީއެމްސީއިން ވިދާޅުވެއެވެ.
މި ފެއަރގެ ތެރެއިން ރާއްޖޭގެ ސްޓޭންޑަށް ޒިޔާރަތްކުރާ ފަރާތްތަކަށް ވަކިވަކި ބައްދަލުވުންތައް ބޭއްވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ރާއްޖޭގެ ފަތުރުވެރިކަމާ ގުޅޭ މައުލޫމާތާއި، ޕްރޮމޯޝަނަލް މެޓީރިއަލްތަކާއި، ޑިޖިޓަލް ކޮންޓެންޓް މެދުވެރިކޮށް މައުލޫމާތު ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ސްޓޭންޑުގައި ރާއްޖޭގެ ރީތިކަން ދައްކުވައިދޭ ވީޑިއޯތަކާއި ފޮޓޯ ބެކްޑްރޮޕެއް ތައްޔާރުކޮށްފައިވާ ކަަމަށް ވީއެމްސީއިން ވިދާޅުވެއެވެ. މީގެ އިތުރުން، މާކެޓް ޓްރެންޑްތައް ދެނެގަތުމަށް ސާރވޭއެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާއިރު، ސާރވޭއެއްގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި ގުރުއަތަކުން ހޮވޭ ފަރާތަކަށް ޚާއްސަ އިނާމެއް ދިނުމަށް ވެސް ވަނީ ނިންމާފައެވެ.
އިންޑިއާއަކީ، ރާއްޖޭގެ ފަތުރުވެރިކަމުގައި މުހިންމު މާކެޓެކެވެ. އެގޮތުން މިދިޔަ އަހަރު 131,625 ފަތުރުވެރިން އިންޑިއާއިން ރާއްޖެ އައިސްފައިވާއިރު، މިއަހަރު އޮގަސްޓު މަހުގެ 10ގެ ނިޔަލަށް 74,173 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ވީއެމްސީއިން ވިދާޅުވެއެވެ. އައިޓީބީ އިންޑިއާ 2026ގައި ބައިވެރިވުމުގެ މައިގަނޑު މަޤުސަދަކީ އިންޑިއާއާއި ދެކުނު އޭޝިއާގެ މާކެޓުގައި ރާއްޖެއަކީ އެންމެ މަޤުބޫލު މަންޒިލުގެ ގޮތުގައި އިޝްތިހާރުކޮށް، ދާއިރާގެ ބައިވެރިންނާ ގުޅުން ބަދަހިކޮށް، މާކެޓުގެ އެންމެފަހުގެ މައުލޫމާތު ހޯދުން ކަމަށް ވީއެމްސީއިން ވިދާޅުވެއެވެ.