ތަޢުލީމީ އުސްޖީލުތަކެއް ބިނާ ކުރުމަކީ ޤައުމުގެ ތަރައްޤީއަށް ބޭނުންވާ އެންމެ މުހިންމު އެއް ވަޞީލަތްކަމަށް އަޙުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.
އަޙުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ގްރޭޑް ދިހައެއް ނިންމި ދަރިވަރުންގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު ރަޝީދު ވިދާޅުވީ، ގްރޭޑް ދިހައެއްގެ ދަރިވަރުންގެ ފެންވަރު މަތިކުރުމަށް އެސްކޫލުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަމަށެވެ. އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލަކީ ފާއިތުވި ބާރަ އަހަރު އޯލެވެލް އަދި އެސްއެސްއީ އިމްތިޙާނުން ރާއްޖޭގެ އެއްވަނަ ސްކޫލްކަން ފާހަގަ ކުރައްވަމުން މުހައްމަދު ރަޝީދު ވިދާޅުވީ، މި ކާމީޔާބީ ދެމެހެއްޓުމަށާއި ރަނގަޅު ދަރިވަރުން އުފެއްދުމަށް މުޅި އަހަރަށް ބަހާލައިގެން ދަރިވަރުންގެ ފެންވަރު މަތި ކުރުމަށް ޚާއްޞަ ކްލާސްތަކެއް ކުރިއަށް ގެންގޮސްފައިވާކަމަށެވެ.
img:http://s4.psmnews.mv/images/660x400/14780766759522.jpg|އަޙުމަދިއްޔާ ސްކޫލްގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ޕީއެސްއެމް
"ސްކޫލްގެ ފަރާތުން ތިޔަ ދަރިވަރުންގެ ކުރިއެރުމަށް ގިނަ ކަންތައްތަކެއް ކޮށްދެވިފައިވާނެ. މިމަސައްކަތްތައް އަމާޒު ކުރެވިފައިވާނީ މި ދަރިވަރުންނަށް ރަނގަޅު މުސްތަޤުބަލެއްގެ ބިންގާ އަޅައިދިނުމަށް. ރަނގަޅު އަޚްލާޤެއްގެ މަތީގައި މި ދަރިވަރުން ތަރުބިއްޔަތު ކުރުމުގެ މާތް މަޤްޞަދުގައި. އަދި ހަމަމިއާއެކު ޢަމަލީފަންނުގެ ގިނަ ކަންތައްތައް ކިޔެވުމުގެ ބޭރުން މި ދަރިވަރުންނަށް ސްކޫލްގެ ފަރާތުން ދަސްކޮށްދެވިފައިވާނެ. މި ހުރިހާ ކަމެއް ކޮށްދެވިފައިވަނީ މި ލޮބުވެތި ދަރިވަރުންނަށް ފާގަތި މުސްތަޤްބަލެއް ހޯދައިދިނުމަށްޓަކައި. ތިޔަ ކުދިންގެ މުސްތަޤްބަލް ބިނާވެގެންދާނީ މިއަދު ކިޔެވުމުގައި ހޯދި ކާމިޔާބީންނާއި ތިޔަ ކުދިންގެ ގައިގައި ހުރި ރިވެރި އަޚްލާޤެއްގެ މައްޗަށް" ދަރިވަރުންނާ މުޚާތަބުކުރައްވާ ޕްރިންސިޕަލް ވިދާޅުވިއެވެ.
މިއަހަރު އެސްކޫލްގެ ދުއިސައްތަ ސަތާރަ ދަރިވަރަކުވަނީ ގްރޭޑް ދިހަ އެއް ނިންމާ ދަސްވެނިވެފައެވެ. މީގެއިތުރުން މިރަސްމިއްޔާތުގައި ސްކޫލްގެ ގްރޭޑް ދިހައެއްގެ އެންމެ މޮޅު ދިހަ ދަރިވަރުންނަށްވެސް ވަނީ ހަނދާނީ ލިޔުން ދީފައެވެ. އެ ދަރިވަރުންނަށް ހަނދާނީ ލިޔުން ޙަވާލުކޮށްދެއްވީ މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވި މިނިސްޓަރ އޮފް ސްޓޭޓް ފޯރ އެންވަޔަރަމަންޓް އެންޑް އެނަރޖީ ޢަބްދުލް މަތީން މުޙައްމަދުއެވެ.
މިދިޔަ އަހަރު ބޭއްވި އޯލެވެލް އިމްތިޙާނުން 5 މާއްދާއަށްވުރެ މަތިން އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ 92.6 އިންސައްތަ ކުދިންވަނީ ފާސްވެފައެވެ. މީގެތެރެއިން 45 ކުދިން ވަނީ ޤައުމީ ގަދަ ދިހައެއްގައި ހިމެނިފައެވެ.