ޚަބަރު

އެމްބާޔޭ އާއި ހަރވުޑް ބެލިސް, ވިލާއަށް


  • މިސީޒަންގައި ވިލާއިން ވަނީ ކުޅުންތެރިން ހޯދުމަށް 280 މިލިއަން ޕައުންޑް ހޭދަކޮށްފައި

  • ކުޅުންތެރިން ވިއްކައިގެން ކުލަބަށް ވަނީ 313 މިލިއަން ޕައުންޑް ލިބިފައި

ފްރެންޗް ލީގު އާން އަށް ކުޅޭ ސެނެގާލްގެ އިބްރާހީމް އެމްބާޔޭ އާއި އީއެފްއެލް ޗެމްޕިއަންޝިޕްގެ ސައުތެމްޕްޓަންއަށް ކުޅޭ ޓެލަރ ހަރވުޑް ބެލިސް އިންގްލިޝް ޕްރިމިއަރ ލީގުގެ އެސްޓަން ވިލާއަށް ސޮއިކޮށްފިއެވެ.

އުމުރުން 18 އަހަރުގެ އެމްބާޔޭ ވިލާ އާއި ގުޅިފައިވަނީ 55 މިލިއަން ޕައުންޑްގެ އަގަކަށެވެ. އަދި ހަރވުޑް ބެލިސްއަށް ވިލާއިން ކުރާ ހޭދަ 29 މިލިއަން ޕައުންޑަށް އަރާނެކަމަށް ބެލެވެއެވެ. އެއީ ޕީއެސްޖީއަށް ޓްރާންސްފަރ ފީގެ ގޮތުގައި އެންމެ ފުރަތަމަ ދޭ 25 މިލިއަން ޕައުންޑްގެ އިތުރުން އެހެނިހެން ބައިތަކުގެ ގޮތުގައި ދިނުމަށް އެއްބަސްވެފައިވާ 4 މިލިއަން ޕައުންޑް ހިމަނައިގެންނެވެ.

އެމްބާޔޭވަނީ މިދިޔަ ސީޒަންގައި ޕީއެސްޖީއަށް ކުޅުނު 31 މެޗުގައި 3 ލަނޑު ޖަހައިދީ ދެ އެސިސްޓް ކޮށްފައެވެ. އަދި އޭނާވަނީ މިއަހަރު ބޭއްވި ފީފާ ވޯލްޑް ކަޕްގައި ސެނެގާލް ކުޅުނު 4 މެޗުގައިވެސް ކުޅެފައެވެ. އަދި ފަރަންސޭސިވިލާތާއި ދެކޮޅަށް ކުޅެ 3 ލަނޑު އެއް ލަނޑުން ސެނެގާލް ބަލިވި މެޗުގައި އޭނާ ޖެހި ލަނޑާއެކު އެމްބާޔޭ ވެފައިވަނީ ވޯލްޑް ކަޕްގައި ލަނޑު ޖެހި އެފްރިކާ ބައްރުގެ އެންމެ ޒުވާން ކުޅުންތެރިޔާއަށް ވެގެން ގޮސްފައެވެ.

2018 ވަނަ އަހަރު ޕީއެސްޖީ އާއި ގުޅުނު އެމްބާޔޭވަނީ އެކްލަބްގެ ޔޫތު އެކަޑަމީގައި ރަނގަޅު ކުޅުމެއް ދައްކާ 2024 ވަނަ އަަހަރު އުމުރުން 16 އަހަރުގައި ޕީއެސްޖީގެ ސީނިއަރ ޓީމަށް ކުޅެން ފަށައިފައެވެ. ފަރަންސޭސިވިލާތަށް އުފަން އެމްބާޔޭ އެޤައުމުގެ ޔޫތު ޓީމުތަކަށް ކުޅުމަށްފަހު ސެނެގާލްއަށް ކުޅެން ނިންމާފައިވަނީ 2025 ވަނަ އަހަރުއެވެ.

ހަރވުޑް ބެލިސްއަށް ބަލާލާއިރު އޭނާ އަކީ ޕްރިމިއަރ ލީގުގެ މެންޗެސްޓަރ ސިޓީގެ ޔޫތު އެކަޑަމީއިން އުފެދިގެން އައި ކުޅުންތެރިއެކެވެ. އަދި ސައުތެމްޕްޓަންއަށް ބަދަލުވެފައިވަނީ 2024 ވަނަ އަހަރު 20 މިލިއަން ޕައުންޑްގެ އަގަކަށެވެ. ވިލާއިން ހަރވުޑް ބެލިސް އެޓީމަށް ގެންގޮސްފައިވަނީ ވަރަށް ފަހުން އެޓީމު ދޫކޮށް ޗެމްޕިއަން އާސެނަލްްއަށް ބަދަލުވި އެޒްރީ ކޮންސާ ނެތްތަން ފޫބެއްދުމަށްޓަކައެވެ.

އެމްބާޔޭއަކީ މިސީޒަންގައި ވިލާއަށް ގެންދިޔަ ކުރިއަށް ކުޅޭ ހަތަރު ވަނަ ކުޅުންތެރިޔާއެވެ. އެޓީމުގައި މިހާރު ތިބި އެހެން ކުޅުންތެރިންގެ ތެރެގައި ހިމެނެނީ އަލެހަންދުރޯ ގަނާޗޯ، ޔޯއާން މޮންޒަމްބީ އަދި ނިކޮލަސް ޖެކްސަންއެވެ. ވިލާއިން މިސީޒަންގައި އެޓީމަށް އާކުޅުންތެރިން ގެނައުމަށްވަނީ 280 މިލިއަން ޕައުންޑް ހޭދަކޮށްފައެވެ. ނަމަވެސް އެޓީމުން ކުރި ހޭދައަށް ވުރެ އެޓީމު ދޫކޮށް ދިޔަ ކުޅުންތެރިންގެ ފަރާތުން ލިބިގެންދިޔަ ފައިދާ ބޮޑެވެ. މިގޮތުން އެކްލަބަށްވަނީ 313 މިލިއަން ޕައުންޑް ލިބިފައެވެ.

މީގެތެރޭގައި މޯގަން ރޮޖަރސްއަށް ލިބިގެންދިޔަ 117 މިލިއަން ޕައުންޑާއި އޮލީ ވޮޓްކިންސްއަށް ލިބިގެންދިޔަ 51 މިލިއަން ޕައުންޑްގެ އިތުރުން ކޮންސާއަށް ލިބިގެންދިޔަ 55 މިލިއަން ހިމެނެއެވެ.