ޚަބަރު

ވީއޭއެމް ކަޕް: ހުރާ ސެމީއާ ގާތަށް ޕޮލިހަށް ފުރަތަމަ މޮޅު


  • ޕޮލިހުން ސިޓީ ބަލިކުރީ ސީދާ ތިން ސެޓުން

  • ހުރާއިން ޔޫތު ނިއު ޖެނެރޭޝަން މައްޗަށް ކުރިހޯދީ 3-1 ސެޓުން

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ކަޕް 2026 ގެ އަންހެން ޑިވިޝަނުގައި ހުރާ ކޮމިއުނިޓީ ކްލަބުން ކުޅުނު ދެވަނަ މެޗު ކާމިޔާބުކޮށް ސެމީ ފައިނަލާ ގާތަށް ދިޔައިރު، ޕޮލިސް ކްލަބުން ފުރަތަމަ މޮޅު ހޯދައިފިއެވެ.

މި މުބާރާތުގެ ފުރަތަމަ މެޗުގައި ހުރާއިން ވަނީ ޕޮލިސް ކްލަބްގެ މައްޗަށް ކުރިހޯދައިފައެވެ. ހުރާއިން ދެވަނަ މެޗުގައި ނުކުތީ ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަންއާ ދެކޮޅަށެވެ. މި މެޗު ހުރާއިން ކާމިޔާބުކުރީ 3-1 ސެޓުންނެވެ.

މި މެޗުގެ ފުރަތަމަ ސެޓުގައި ހުރާގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔައިރު، އޭގެ ފައިދާ ނަގައި މި ސެޓު ޔޫތު ނިއު ޖެނެރޭޝަނުން ގެންދިޔައީ، 25-23 އިންނެވެ. އެކަމަކު ޖެހިގެން އައި ސެޓުތަކުގައި ޔޫތު ނިއު ޖެނެރޭޝަނުގެ ފަރާތުން ދަށް ކުޅުމެއް ފެނިގެންދިޔައިރު، މި ސެޓުތައް ހުރާއިން ގެންދިޔައީ، 25-22، 25-17 އަދި 25-19 އިންނެވެ.

މީގެ އިތުރުން ޕޮލިސް ކްލަބުން މި ފަހަރުގެ މުބާރާތުގައި ހޯދި ފުރަތަމަ މޮޅު ހޯދީ ސިޓީ ފްރެންޑްސް ކްލަބް ސީދާ ތިން ސެޓުން ބަލިކޮށްގެންނެވެ. ޕޮލިހުގެ ކުޅުންތެރިންގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ޕޮލިހުގެ ސެޓުތައް ގެންދިޔައީ، 26-24، 25-16 އަދި 25-23 އިންނެވެ.

މި ނަތީޖާތަކާއެކު ޕޫލް އޭގެ އެއްވަނައިގައި ހުރާއިން އޮތީ ދެ މެޗުން ހޯދި ހަ ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮތް ޕޮލިހަށާއި، ތިންވަނައިގައި އޮތް ސިޓީ ފްރެންޑްސްއަށް ދެ މެޗުން ތިން ޕޮއިންޓް ވަނީ ލިބިފައެވެ. ސެމީއަށް ދިޔުމަށް ހުރާއަށް ބޭނުން ވަނީ އެންމެ ޕޮއިންޓެކެވެ. ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ހުރާއިން ނުކުންނާނީ ސިޓީއާ ދެކޮޅަށެވެ.