ޚަބަރު

އީރާނުގައި ކައިވެނި ހަފުލާއަކަށް އެމެރިކާއިން ހަމަލާދީ 5 މީހުން ޝަހީދުކޮށްލައިފި


އީރާނުގެ ދެކުނުގެ ސިރީކް ސަރަޙައްދުގެ ކޫހަސްތަކު ރަށުގައި އޮތް ކައިވެނި ޙަފުލާއެއް ކުރިއަށްދިޔަ ގެއަކަށް އެމެރިކާގެ އަސްކަރިއްޔާއިން ނިރުބަވެރި ހަމަލާތަކެއްދީ ފަސް މީހުން ޝަހީދު ކޮށްލައިފިއެވެ. މި ހަމަލާގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ތެރޭގައި ކުޑަކުއްޖަކު ވެސް ހިމެނެއެވެ. އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާޢީލް ބަޣާއީ ވިދާޅުވީ، ސެޕްޓެންބަރު 2 ވަނަ ދުވަހުގެ ފަތިހު ޢާންމުންގެ ގެއަކަށް ދިން މި ރަޙުމުކުޑަ ހަމަލާގައި 50 އަށްވުރެ ގިނަ ޝަހީދުވެ ނުވަތަ ޒަޚަމުވެފައިވާ ކަމުގައެވެ. ސިރީކްގެ ގަވަރުނަރު ރިޟާ ޝަހީދިޔާން ވިދާޅުވީ، އަނިޔާވި 63 މީހުންގެ ތެރެއިން 50 މީހުންނަކީ އަންހެނުންނާއި ކުޑަކުދިން ކަމުގައެވެ. އަނިޔާވި އެންމެން މިނާބުގެ ހަސްފަތާލަށް ގެންދެވިފައިވާއިރު އެ މީހުންގެ ޙާލަތު ސްޓޭބަލް ކަމުގައި ޝަހީދިޔާން ވިދާޅުވިއެވެ.

އީރާނުގެ ޞިއްޙަތާ ބެހޭ ވުޒާރާގެ އޮފިޝަލެއް ކަމުގައިވާ ޙުސައިން ކިރްމަންޕޫރު ވިދާޅުވީ، ޝަހީދުވި މީހުންގެ ތެރޭގައި ކުޑަކުއްޖަކު ހިމެނޭ ކަމަށާއި، އެެ ސަރަޙައްދުން ކަރަންޓާއި ފޯނުގެ ޚިދުމަތް ކެނޑިފައިވާ ކަމުގައެވެ. އިރާނުގެ ރެޑް ކްރެސެންޓުން ޢާންމުކުރި ވީޑިއޯއަކުން ފެންނަނީ ފާރުތައް ފުނޑުފުނޑުވެފައިވާ އިމާރާތަކާއި، ހަސްފަތާލުގައި ކުޑަކުދިންނަށް ފަރުވާދޭ މަންޒަރެވެ. މި ޢުދުވާން ހިންގީ ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ ވިޔަފާރި އުޅަނދުތަކަށް އީރާނުން ހަމަލާތައް އަމާޒުކުރަން އުޅުނު ކަމަށް ބުނެއެވެ. އީރާނަށް ވަރުގަދަ ހަމަލާތަކެއް ދީފައިވާ ކަން އެމެރިކާގެ އަސްކަރިއްޔާއިން ވަނީ ކަށަވަރު ކޮށްދީފައެވެ. އެމެރިކާއިން ބުނީ ވައިގެ ދިފާޢީ، ރާޑަރު، ކަނޑުގެ ވަސީލަތްތަކާއި މުވާޞަލާތީ މަރުކަޒުތަކަށް ހަމަލާދީފައިވާނެ ކަމުގައެވެ.

މި ހަމަލާތައް ދީފައި މި ވަނީ ފެބުރުވަރީ 28 ގައި އީރާނާ ދެކޮޅަށް އެމެރިކާއާއި ޔަހޫދީން ފެށި ޣައިރުޤާނޫނީ ހަނގުރާމައާ ގުޅިގެން އީރާނުން ހުރްމުޒް ކަނޑުއޮޅި ޙިޞާރުކޮށްފައިވާ ދަނޑިވަޅެއްގައެވެ. އެމެރިކާގެ އެންމެ ފަހުގެ ޢުދުވާނަށް ރައްދުދިނުމުގެ ގޮތުން އުރުދުން، ބަޙްރައިން އަދި ޢިރާޤުގައި ހުރި އެމެރިކާގެ މަރުކަޒުތަކަށް ހަމަލާދީފައިވާނެ ކަމުގައި އީރާނުގެ ބާރުގަދަ އިސްލާމީ އިންޤިލާބީ ލަޝްކަރުން (އައިއާރްޖީސީ) ބުނެއެވެ. އީރާނުން ހަމަލާދިނުމަށް ފޮނުވައިލި ޑްރޯނާއި މިސައިލްތަކެއް ދިފާޢު ކޮށްފައިވާނެ ކަމުގައި ކުވެއިތުން ވެސް ބުނެފައިވެއެވެ.

އެމެރިކާގެ ނިރުބަވެރި ޢުދުވާންތައް ހުއްޓުވުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢުން ފިޔަވަޅުތަކެއް އެޅުމަށް ގޮވައިލައްވަމުން ބަޣާއީ ވިދާޅުވީ، މިއީ އެމެރިކާގެ ޖަރީމާތަކުގެ ސިލްސިލާއެއް ކަމަށާއި މިފަދަ ޢަމަލުތަކަށް ހަނުތިބޭ ފަރާތްތަކަކީ ވަކިފަރާތަކަށް ނުޖެހޭ ބައެއް ކަމަށް ޤަބޫލު ނުކުރައްވާ ކަމުގައެވެ. އަދި، މީގެ ކުރިން ދީފައިވާ ނިރުބަވެރި ހަމަލާތަކުގެ ތެރެއިން މިނާބުގެ މަދަރުސާއަކަށް ބޮންއަޅައި 150 އަށްވުރެ ގިނަ މީހުންނާއި، ލަމިރްދުގެ ކުޅިވަރު ހޯލަކަށް ހަމަލާދީ 21 މީހުން ޝަހީދު ކޮށްލާފައިވާ ކަން އޭނާ ފާހަގަ ކުރެއްވިއެވެ. ކޫހަސްތަކުގެ އިތުރުން ޤަޝަމު އަދި އަހްވާޒު ފަދަ އައްސޭރިފަށުގެ ސިޓީތަކުގައި ވެސް ގޮވުންތައް ހިނގި ކަމަށް އީރާނުގެ ތަސްނީމް ނޫސް އެޖެންސީން ރިޕޯޓުކުރެއެވެ.