ޚަބަރު

ޒުވާނުންގެ ވަޒީރު ޒުވާނުންނާ ބައްދަލުކުރައްވައިފި


މިނިސްޓަރ އޮފް ޔޫތް އެންޑް ސްޕޯޓްސް އިރުތިޝާމް އާދަމް ޒުވާނުންނާ ބައްދަލުކުރައްވައިފިއެވެ. 

މިއަދު ހަވީރު ކާނިވާ ސަރަޙައްދުގައި ބޭއްވި މި ޢާއްމު ބައްދަލުވުމުގައި މިނިސްޓަރު އިރުތިޝާމް ވަނީ ސަރުކާރުން ޒުވާނުންނަށް އަމާޒުކުރައްވައިގެން ކުރިއަށްގެންދާ ތަފާތު މަޝްރޫޢުތަކާއި، އެހެނިހެން ކަންކަމާގުޅޭގޮތުން ޒުވާނުންގެ މަޝްވަރާއާއި ޚިޔާލު ހޯއްދަވާފައެވެ. އަދި ޒުވާނުންނަށް އަމާޒުކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންނެވި ރިޔާސީ ވަޢުދުތަކުގެ %75 މިހާރު ފުރިހަމަ ކުރެވިފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. 

ގިނަ ޢަދަދެއްގެ ޒުވާނުންވަނީ މިއަދު ކާނިވާ ސަރަޙައްދުގައި އެކަމަނާއާ ބައްދަލުކޮށް އެމީހުންގެ ޚިޔާލާއި މަޝްވަރާ އެކަމަނާއަށް އަރުވާފައެވެ. 

img:http://s3.psmnews.mv/images/660x400/14781750826054.jpg|މިއަދު ބޭއްވި ބައްދަލުވުމުގައި، މިނިސްޓަރު އިރުތިޝާމް ވާހަކަފުޅުދައްކަވަނީ - ފޮޓޯ: ޕީއެސްއެމް

ޒުވާނުންނަށް އަމާޒުކުރައްވައިގެން މިސަރުކާރުންދަނީ ތަފާތު މަޝްރޫޢުތައް ހިންގަވަމުންނެވެ. އޭގެތެރޭގައި، ޒުޥާނުންނާ ގުޅުންހުރި ކުޅިވަރުގެ ދާއިރާއިން ޢުމްރާނީ ތަރައްޤީގެ ވަސީލަތްތައް ޤާއިމުކުރުމާއި، ތަމްރީނާއި ތަޢުލީމުގެ ފުރުސަތުތައް ފަހިކޮށްދިނުން ހިމެނެއެވެ. މީގެ އިތުރުން މަތީ ތަޢުލީމުގެ ފުރުސަތުތަކާއި، ވަޒީފާގެ ފުރުސަތުތައްވެސް ޒުވާނުންނަށް ފަހިކޮށްދެއްވުމަށް ސަރުކާރުން މަސައްކަތްކުރައްވައެވެ. ސަރުކާރުގެ އަމާޒަކީ 2018 ވަނަ އަހަރުގެ ނިޔަލަޔަށް 94000 ވަޒީފާ ޒުވާނުންނަށް ފޯރުކޮށްދިނުމެވެ. 

މީގެ އިތުރުން "ޔޫތް ސިޓީ"ގެ ނަމުގައި ހުޅުމާލޭގައި ތަރައްޤީކުރަމުންދާ ސިޓީއަކީވެސް ޒުވާނުންނަށް ޚާއްސަކުރެވިފައިވާ ބިޔަ މަޝްރޫޢެކެވެ.