ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް އިތުރުފުޅުހައްދަވާފައިވާކަމަށް ބުނެ ފަތުރާ ޚަބަރުތައް ރައީސުލްޖުްމހޫރިއްޔާގެ އޮފީހުން ދޮގުކުރައްވައިފިއެވެ.
ރައީސުލްޖުްމހޫރިއްޔާގެ އޮފީހުން ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވީ، އޮންލައިން ނޫހެއްކަމުގައިވާ ދައުރު ނޫހުގައި "ބުހުތާނު ދޮގެއް: އާމްދަނީގެ %40 މާރުކުރުވަނީ ޓޫރިޒަމާ މަޝްވަރާކޮށްފައި ކަމަށް ބުނުން" މިސުރުޚީގައި އަޙްމަދު ނާއިފްގެ ނަމުގައި ލިޔެފައިވާ ޚަބަރުގައި ހިމެނޭ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތްކަމަށެވެ. އަދި ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފްއާމެދު ކުރައްވާފައިވާ ތުހުމަތަކީ ރޯބުހުތާނު ދޮގެއްކަމަށް މިނޫސްބަޔާނުގައި ވަނީ ވިދާޅުވެފައެވެ.
އެ ޚަބަރުގައި ތަރުޖަމާނު އިއްޔެ މީޑިއާއާ ކުރި މުޢާމަލާތުގައި ދެއްކެވި ވާހަކައިގައި ތެރެއިން، ރިސޯޓްތަކުގެ އާމްދަނީގެ %40 ކޮންމެ މަހަކު މާރުކުރަން ޖެހޭ ގޮތަށް ގާނޫނު ބަދަލު ކުރީ، ޓޫރިޒަމް ސިނާއަތުގެ ފަރާތްތަކާ މަޝްވަރާކޮށް ދިރާސާކޮށްފައި ކަމަށް ވިދާޅުވެފައިވީ ނަމަވެސް އެއީ ދޮގެއް ކަމަށާއި އަދި ސަރުކާރުގެ ނިންމުމަކީ "ސަޕްރައިޒް އެއް"ކަމަށް އެ ނޫހުގައި ލިޔެފައިވާކަން ރައީސް އޮފީހުން ފާހަގަކުރެއްވިއެވެ.
ބޭރު ފައިސާއާބެހޭ ޤާނޫނަށް އިސްލާޙު ގެނައުމުގެ ކުރިން ޤާނޫނަށް އައި މިބަދަލުތަކާއި، މާލިއްޔަތާގުޅޭގޮތުން ގެނައި އިސްލާޙުތަކާއި މެދު، އެއް ފަހަރަށްވުރެ ގިނަ ފަހަރު މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ، މަޓީއާ މަޝްވަރާކޮށްފައިވާނެކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ. އަދި މަޓީގެ އެކި ވެރިންނާއި ވަކިވަކިންވެސް މަޝްވަރާކުރިކަމަށް އެ އޮފީހުން ވިދާޅުވިއެވެ.
އެކަމާއި މެދު މަޝްވަރާކުރުމަށް އެންމެ ފަހު ބައްދަލުވުމަކީ ފާއިތުވި އޮގަސްޓް މަހުގެ 23 ވަނަ ދުވަހު، މަޓީއަށް ދައުވަތުދެވިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ސަރުކާރުގެ އިސްވެރިންނާއެކު ބޭއްވި ބައްދަލުވުމެއްކަމަށާ، އެ ބައްދަލުވުމުގައި މަޓީގެ ވެރިންނާއެކު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފަވާކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.
މި މަޝްވަރާ ބައްދަލުކުރެއްވުމުގައި ސަރުކާރުގެ ފަރާތުން މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ، ޢަލީ އިޙްސާނާއި މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް، ޙަސަން ޒަރީރާއި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް، މުޙައްމަދު ސަޢީދާއި ބަންޑާރަނައިބު، އަލްއުސްތާޛު އަޙްމަދު އުޝާމާއި މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން، މުޙައްމަދު އަމީނާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު، އަޙްމަދު މުނައްވަރު ބައިވެރިވެވަޑައިގެންނެވިކަމަށް ރައީސް އޮފިހުން ވިދާޅުވިއެވެެ.
މަޓީން މި ބައްދަލުކުރެއްވުމުގައި ޖުމުލަ 6 ބޭފުޅުން ބައިވެރިވެވަޑައިގަތްއިރު، އެންމެ އިސްބޭފުޅުންގެ ގޮތުގައި ތިއްބެވީ މަޓީގެ ވައިސް ޗެއަރމަނާއި ސެކްރެޓަރީ ޖެނެރަލް އަދި ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލްކަމަށްވެސް ރައީސް އޮފީހުން ވިދާޅުވިއެވެ. އަދި 24 އޮގަސްޓް 2026 ގައި މަޓީން ނެރުނު ޕްރެސް ރިލީޒުންވެސް މި މަޝްވަރާ ބައްދަލުކުރެއްވުމުގައި މަޓީގެ އިސްބޭފުޅުން ބައިވެރިވެފައިވާކަން ހާމަވާކަމަށް އެ އޮފިހުން ވިދާޅުވިއެވެ.
އެހެންކަމުން، މި ބަދަލުތަކާއި މެދު މަޓީއާ މަޝްވަރާކޮށްފައި ނުވާކަމަށާ، މަޓީއަށް އެކަން ކުއްލި ހައިރާން ކަމަކަށްވީކަމަށް ބުނާ ބުނުމަކީވެސް ދޮގެއްކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.
"ޗީފް ގަވަރންމަންޓް ސްޕޯކްސްޕާސަން ހެއްދެވީ "ބުހުތާނު ދޮގެއް" ކަމަށް ވިދާޅުވެފައިވާ ވާހަކައަކީ "ރޯބުހުތާނު ދޮގެއް" ކަމުގައި ދަންނަވަމެވެ. ބައެއް މީޑިއާތަކަށް މިކަން ސާފުވެފައި ނުވާތީ، ހުރިހާ ފަރާތްތަކެއްގެ މަޢުލޫމާތަށްޓަކައި މިވާހަކަ ދަންނަވާލަމެވެ." ރައީސް އޮފީހުން ވިދާޅުވިއެވެ.
ޤާނޫނު ނަންބަރު 2024/32، ބޭރު ފައިސާއާބެހޭ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަސްދީޤުކުރެއްވީ އޮގަސްޓް މަހުގެ 31 ވަނަ ދުވަހުއެވެ. ޤާނޫނުގައި ކަނޑައަޅައިފައިވާ ކެޓެގަރީ އޭ، ޓޫރިޒަމް އެސްޓެބްލިޝްމަންޓްތަކުން މަހަކު ލިބޭ ގްރޮސް ސޭލްސްގެ 40 އިންސައްތަ މާރުކުރަންޖެހޭއިރު، މީގެ ކުރިން އޮތް ބޮލަކަށް 500 ޑޮލަރު މާރުކުރުމުގެ އޮޕްޝަން ވަނީ އުނިކޮށްފައެވެ. އަދި ކެޓެގަރީ ބީ، އެސްޓެބްލިޝްމަންޓްތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ ރޭޓުން ނުވަތަ ގްރޮސް ސޭލްސްގެ 20 އިންސައްތަ މާރުކުރަންވާނެ ކަމަށް ވަނީ ކަނޑައަޅައިފައެވެ.