ރިސޯޓުތަކުގެ ޝެއާ ހޯލްޑަރުންނަށް ދިވެހީން ހެދުމަށް ވެވަޑައިގެންނެވި ވަޢުދުގެ ދަށުން 10 ރިސޯޓު ތަރައްޤީކުރުމަށް ރަށްރަށް ކަނޑައަޅާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު ވިދާޅުވެއްޖެއެވެ. ރައީސް ވިދާޅުވީ މިމަސައްކަތް ވަރަށް ބާރަށް ކުރިއަށްދާކަމަށެވެ.
ރައީސް އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޓޫރިޒަމް ސެކްޓަރއިން ވަކި ބަޔަކު މުއްސަނދިވުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަމަށެވެ. އެހެންކަމުން ތަފާތުކުރުމެއްނެތި ކޮންމެ ދިވެއްސަކީވެސް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގެ ހިއްސާއެއް އޮންނަ މީހެއްގެ ގޮތުގައި ހެއްދެވުމަކީ އެމަނިކުފާނުގެ ވަޢުދުފުޅެއްކަމަށެވެ. އެހެންކަމުން 10 ރިސޯޓެއް ތަރައްޤީކުރުމަށް ނިންމަވާ އެކަން ޢިއުލާންކުރައްވާ އެމަސައްކަތް ވަރަށް ބާރަށް ކުރިއަށްދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"މިހާރު ގޮސްފައިވާ ހިސާބަކީ، މާލެއަތޮޅާއި އެކިއަތޮޅުތަކުން ފަޅުތަކާއި ރަށްތަށް ކަނޑައަޅާ، މިހަފްތާގެ ތެރޭގައި ނިމި ދެން އަޅުގަނޑުމެން އޭގެ ދެންހުރި މަސައްކަތް ކުރިއަށްގެންދާނެ އިރާދަކުރެއްވިޔާ އުއްމީދަކީ ނޮވެންބަރު މަހުގެ ތެރޭގައި މީގެ ބައެއް މަސައްކަތްތައް އުފެދުން." ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ 10 ރިސޯޓުގެ ޝެއާ ހޯލްޑަރުންނަށް ދިވެހީން ހެދުމުގެ މަސައްކަތް 36 މަސްދުވަހުގެ ތެރޭގައި ނިންމަވާ އޭގެ މަންފާ ރައްޔިތުންނަށް ލިބޭނެ މަގުފަހިކުރެއްވުމަށް އެމަސައްކަތް ބާރަށް ކުރިއަށްދާކަމަށެވެ.