ޚަބަރު

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޑް އެންޑް ހޮސްޕިޓާލިޓީގެ ފެއާ ފަށައިފި


  • 100 އަށްވުރެ ގިނަ އެގްޒިބިޓަރުން ބައިވެރިވޭ

  • ފެއާ ކުރިއަށް ދަނީ ހުޅުމާލޭގެ މެންހަޓަން ގްރޭންޑް ހޮޓަލުގައި

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ބޮޑު އެއް ހަރަކާތް ކަމަށްވާ ފުޑް އެންޑް ހޮސްޕިޓަލިޓީ އޭޝިއާ މޯލްޑިވްސް، އެފްއެޗްއޭއެމް 2026 ފަށައިފިއެވެ. މި ފެއާ ކުރިއަށްދަނީ ހުޅުމާލޭގެ މެންހަޓަން ގްރޭންޑް ހޮޓަލުގައި މިމަހުގެ 7އިން 9އަށެވެ.

މި ހަރަކާތް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ފަތުރުވެރިކަމާއި މަދަނީ އުދުހެންތަކާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. އަބްދުﷲ ނިޔާޒެވެ. ފުޑް އެންޑް ހޮސްޕިޓަލިޓީ އޭޝިއާ މޯލްޑިވްސް، އެފްއެޗްއޭއެމް 2026އަކީ ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތަކާއި، އައު އީޖާދުތަކާއި، މުބާރާތްތަކުގެ އިތުރުން ދާއިރާގެ އިސްފަރާތްތަކާ ގުޅުން ބަދަހިކުރުމަށް ބާއްވާ ބޮޑު ހަރަކާތެކެވެ.

ފުޑް އެންޑް ހޮސްޕިޓަލިޓީ އޭޝިއާ މޯލްޑިވްސްގައި މިހާތަނަށް އެންމެ ގިނަ ޤައުމުތަކުން ބައިވެރިވެފައިވަނީ މިއަހަރުއެވެ. އެގޮތުން 22 އަށްވުރެ ގިނަ ޤައުމުގެ 100 އަށްވުރެ ގިނަ އެގްޒިބިޓަރުން ބައިވެރިވާއިރު، މީގެ ތެރޭގައި ބައިނަލްއަޤްވާމީ ހަތަރު ޤައުމީ ޕެވިލިއަން ހިމެނެއެވެ. މި ހަރަކާތުގެ ސަބަބުން ބައިނަލްއަޤްވާމީ ސަޕްލަޔަރުންނާއި ރާއްޖޭގެ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ފަތުރުވެރިކަމުގެ ދާއިރާއާ ދެމެދު ވަރުގަދަ ގުޅުމެއް އުފެދިގެންދާނެކަމަށް މި ފެއާ އިންތިޒާމުކުރާ ދިވެހި އެކްސްޕޯއިން ފާހަގަކުރެއެވެ.

"މި އެގްޒިބިޝަންގައި ރާއްޖެއާއި ރާއްޖޭން ބޭރުގެ 120 އަށްވުރެ ގިނަ އެގްޒިބިޓަރުންނާއި ބްރޭންޑްތަކުން ބައިވެރިވޭ އަދި 600 އަށްވުރެ ގިނަ ޝެފުން ބައިވެރިވޭ، ބަރިސްޓާ ޗެމްޕިއަންޝިޕް، މޮކްޓެއިލް ކޮމްޕެޓިޝަން އަދި ހައުސްކީޕިން އެންޑް ބެޑް ޑެކަރޭޝަން ޗެލެންޖު ފަދަ ޝައުގުވެރި މުބާރާތްތައްވެސް މި ތިން ދުވަހުގެ ތެރޭގައި ކުރިއަށްދާނެ އަދި އުއްމީދަކީ 1000 އަށް ވުރެ ގިނަމީހުން ބައިވެރިވުން" ދިވެހި އެކްސްޕޯގެ މެނޭޖިން ޑިރެކްޓަރ އިމްރާން ހަސަން ވިދާޅުވިއެވެ.

އެފްއެޗްއޭއެމް 2026 އަކީ ރިސޯޓުތަކާއި، ހޮޓާތަކާއި، ރެސްޓޯރަންޓްތަކާއި، ގެސްޓްހައުސް އަދި ކެފޭތަކަށް ބޭނުންވާ ހުރިހާ ޚިދުމަތްތަކާއި ވިޔަފާރީގެ ފުރުޞަތުތައް ފޯރުކޮށްދޭ "މައިސް" ޕްލެޓްފޯމެކެވެ. މިއީ ދާއިރާގެ ފަންނީ ބޭފުޅުންނާއި، ގަންނަ ފަރާތްތަކާއި، ސަޕްލަޔަރުން އަދި އިސްވެރިން ބައްދަލުވާ މުހިންމު ފެއާއެކެވެ.

މިއަހަރުގެ އިވެންޓް ބާއްވާ މެންހަޓަން ގްރޭންޑް ހޮޓަލަކީ ރާއްޖޭގެ "މައިސް" އިންޑަސްޓްރީއަށް އެހީތެރިވުމަށް ޒަމާނީ ވަސީލަތްތަކާއެކު ތަރައްޤީކޮށްފައިވާ އައު ބިނާއެކެވެ. މި ހަރަކާތާއެކު އެ ހޮޓާ ރަސްމީކޮށް އާންމުންނަށް ހުޅުވިގެން ދިއުމަކީ އެ ހޮޓަލަށާއި ރާއްޖޭގެ އިވެންޓް އިންޑަސްޓްރީއަށް ލިބޭ ބޮޑު ކުރިއެރުމެކެވެ.

މި ހަރަކާތުގެ ތެރެއިން ބާއްވާ "އެފްއެޗްއޭއެމް ކަލިނަރީ ޗެލެންޖް" ގައި 60 އަށްވުރެ ގިނަ ރިސޯޓުން 600 އަށްވުރެ ގިނަ ބައިވެރިން ކެއްކުމުގެ އެކި ރޮނގުތަކުން ވާދަކުރާނެއެވެ. މިއީ، ވޯލްޑް ޝެފްސްއިން އެންޑޯޒްކޮށްފައިވާ، ރާއްޖޭގައި ބާއްވާ މިފަދަ ހަމައެކަނި ގައުމީ މުބާރާތެވެ. މި މުބާރާތުގެ ތަފާތު ކެޓަގަރީތަކުގައި ރާއްޖޭގެ އެންމެ ހުނަރުވެރި ޝެފުންގެ އިތުރުން ސަރަހައްދީ ފެންވަރުގެ ޝެފުންވެސް ވާދަކުރާނެއެވެ. މީގެ އިތުރުން 20 ރިސޯޓަކުން 20 ބައިވެރިންނާއެކު ބަރިސްތާ ޗެމްޕިއަންޝިޕާއި، 30 ރިސޯޓެއްގެ ޓީމުތަކާއެކު ހައުސްކީޕިންގ މުބާރާތެއްގެ އިތުރުން، 30 އަށްވުރެ ގިނަ ރިސޯޓުން 35 ބައިވެރިންނާއެކު މޮކްޓެއިލް މުބާރާތެއްވެސް ކުރިއަށްދާނެއެވެ.

މި މައުރަޒުގެ ބައިވެރިންގެ ތެރެއިން ބައެއް ފަރާތްތަކުންވަނީ މައުރަޒާގުޅޭގޮތުން އެފަރާތްތަކުގެ ޝުއޫރުތައް ޕީއެސްއެމްއަށް ހިއްސާކޮށްފައެވެ. އެގޮތުން ވިޔަފާރީގެ އުފެއްދުންތަކާއި މަސައްކަތް ޕްރޮމޯޓުކޮށް، ގިނަބަޔަކަށް ދައްކާލުމަށް މި ފެއާގެ ސަބަބުން މަގުފަހިވެގެންދާނެކަން އެފަރާތްތަކުން ފާހަގަކުރިއެވެ.

ބައިނަލްއަޤްވާމީ ފަރާތްތަކާއި، ދާއިރާގެ ތަޖުރިބާކާރުންނާއި، ހުނަރުވެރި ބައިވެރިންނާއެކު އައު މަރުކަޒެއްގައި ބާއްވާ މި ހަރަކާތުގެ ސަބަބުން، ރާއްޖެއަކީ ފަތުރުވެރިކަމުގެ ވިޔަފާރިއާއި، ކެއްކުމުގެ ހުނަރާއި، އަދި ކޮންފަރެންސްތައް ބޭއްވުމުގެ މުހިންމު މަރުކަޒެއްގެ ގޮތުގައި އިތުރަށް ވަރުގަދަވެގެންދާނެކަމަށް މި ފެއާ އިންތިޒާމުކުރާ ފަރާތުން ދެކެއެވެ.

މި އެގްޒިބިޝަނާއި މުބާރާތްތައް މިމަހުގެ 7 އިން 9 އަށް ކުރިއަށްދާއިރު، މުބާރާތްތަކުން ވަނަވަނައަށް ދާ ފަރާތްތަކަށް އިނާމު ދިނުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 10 ވަނަ ދުވަހުއެވެ.