އަމީނީ މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، އެ މަގުގެ ސެގްމެންޓް 1ގައި ތާރުއެޅުމުގެ ކުރިން މިކަމަށް ތައްޔާރުވުމަށް ކުރަންޖެހޭ މަސައްކަތްތައް ނިމި، މި ހަފުތާގެ ތެރޭގައި ތާރުއެޅުމުގެ މަސައްކަތް ފެށޭނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީއިން ވިދާޅުވެއްޖެއެވެ.
އެމްޓީސީސީއިން ވިދާޅުވީ، ސެގްމެންޓް 1ގައި އޭބީސީ އެޅުމުގެ މަސައްކަތާއި ޕްރައިމް ކޯޓު ސްޕްރޭކުރުމުގެ މަސައްކަތް މިދިޔަ ހަފުތާގައި ނިމިފައިވާ ކަމަށެވެ.
މި ތައްޔާރީތައް ނިމުމުން، ސެގްމެންޓް 1ގެ އެންމެ މަތީ ފަށަލައިގައި ތާރުއެޅުމުގެ މަސައްކަތް މި ހަފުތާގެ ތެރޭގައި ކުރިއަށްދާނެއެވެ. އެމްޓީސީސީން އަންނަނީ، މަޝްރޫޢުގެ މަސައްކަތްތައް ތާވަލާ އެއްގޮތަށް ކުރިއަށް ގެންދިއުމަށް ހުރިހާ ތައްޔާރީތަކެއް ވަމުންނެވެ.
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތުގެ ދަށުން މަގު މަރާމާތު ކުރުމުގެ އިތުރުން ބަސް ހުއްޓިތައް ހިމެނޭ ސަރަޙައްދުތަކުގެ ޕޭވްމަންޓް ޑިޒައިނަށް ބަދަލުތަކެއް ގެނައުމަށް ހަމަޖެހިފައިވެއެވެ.
އަމީނީ މަގުގެ މިހާރު ހަލާކުވެފައިވާ ސަރަޙައްދުގެ މަސައްކަތް ނިންމާ ފުރަތަމަ ހުޅުވީ، 2023 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުއެވެ. މިދިޔަ އަހަރުގެ ކުރީކޮޅުވެސް ވަނީ، މާފަންނު ސްޓޭޑިއަމް ސަރަޙައްދުގެ އިރުން ހުޅަނގަށް ދުއްވާ ލޭނުން ބައެއްގެ ތާރުގަނޑު މަރާމާތު ކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައެވެ.
ނަމަވެސް ކުރު މުއްދަތެއްގެ ތެރޭގައި މަގުގެ ތާރުގަނޑު ހަލާކުވެ، އަޑިގުޑަންވެ، މަގުން ދުއްވާ މީހުންނަށް އޭގެ އުނދަގޫ ވަރަށް ބޮޑަށް ކުރިމަތިވިއެވެ. މީގެ ސަބަބެއްގެ ގޮތުގައި ޓެކްނިކަލް ފަރާތްތަކުން ފާހަގަކުރަނީ ތާރު އެޅުމަށްފަހު، ތާރުގަނޑު ރަނގަޅަށް ނުހިކެނީސް އުޅަނދުތަކަށް މަގު ހުޅުވާލުމެވެ.
މިދިޔަ ސަރުކާރުން 84.4 މިލިޔަން ރުފިޔާ ޚަރަދު ކޮށްގެން ކުރިއަށް ގެންދިޔަ، އަމީނީ މަގު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން ޖުމްލަ 1.79 ކިލޯ މީޓަރުގެ ސަރަހައްދެއް ތާރު އަޅައިގެން ތަރައްޤީ ކޮށްފައިވެއެވެ. އަމީނީމަގުގެ މަސައްކަތް މުޅިން ނިންމާފައިވަނީ، 2024 ވަނަ އަހަރުގެ ޖަނަވަރީ މަހުއެވެ.
އަމީނީ މަގުގެ މާފަންނާވީ ސަރަހައްދު ހަލާކުވެފައިވާތީ މަގު މަރާމާތުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ޣިޔާސުއްދީން ސްކޫލުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލާ ހަމައަށް އޮންނަ ސަރަޙައްދު އަލުން ތަރައްޤީ ކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެތެރެއިން ސެގްމަންޓް 1ގެ ދަށުން މަރާމާތު ކުރަމުންދަނީ، ދިވެހިރާއްޖޭގެ އަޑުން ފެށިގެން ދަތުމަވަންތަ ހޮސްޕިޓަލުގެ ޕާކާ ހަމައަށް އޮންނަ ސަރަޙައްދެވެ. އެއީ، ގާތްގަނޑަކަށް 270 މީޓަރުގެ ސަރަޙައްދެކެވެ.