ހުސްވި ސީޒަނާއި މި އަހަރުގެ އެންމެ މޮޅު ކުޅުންތެރިއަކީ އޭނާ ކަމަށާއި ދުނިޔޭގެ މޮޅު ކުޅުންތެރިޔާ އަށް ދޭ ބަލަންޑޯ އެވޯޑް ލިބެން އެންމެ ރަނގަޅު އަހަރަކީ މިއީ ކަމަށް ފްރާންސާއި ރެއާލް މެޑްރިޑްގެ ފޯވަދް ކީލިއަން އެމްބާޕޭ ބުނެފި އެވެ.
މިހެންވެ އޭނާ ބުނީ ބަލޮންޑޯ އެވޯޑް ލިބޭ ކުޅުންތެރިޔާ ކަނޑައަޅަން ފްރާންސްގެ ކެޕްޓަންގެ ހައިސިއްޔަތުން އޭނާގެ ވޯޓު އެހެން އެއްވެސް ކުޅުންތެރިއަކަށް ނުލިބޭނެ ކަމަށެވެ.
"އަހަރެންނަށް ހީވަނީ ރެއާލް މެޑްރިޑަށް ކުޅޭނަމަ އަބަދުވެސް މި އެވޯޑާ ގުޅުވައިގެން ވާހަކަ ދައްކާނެހެން. އަހަރެންގެ ނަޒަރުގައި މިއަހަރު މިއީ އަހަރެންނަށް މި އެވޯޑް ލިބެން އެންމެ ރަނގަޅު އަހަރު. ވަރަށް ގިނަ މީހުން އަހަރެންނާ ގުޅުވައިގެން ބަލަންޑޯ އެވޯޑްގެ ވާހަކަ އެބަދައްކާ. އަހަރެން ދެކޭ ގޮތުގައި އެންމެ މޮޅީ އަހަރެން. އަހަރެންގެ ވޯޓު އެހެން ކުޅުންތެރިއަކަށް މި ސަބަބާ ހުރެ ނުލިބޭނެ،" އެމްބާޕޭ ބުންޏެވެ.
އޭނާ ވަނީ ހުސްވި ސީޒަނުގައި 44 މެޗުން 42 ގޯލު ރެއާލް މެޑްރިޑަށް ޖަހައިދީފަ އެވެ. އަދި ވޯލްޑް ކަޕުގައި 10 ގޯލު ޖަހައިގެން އެ މުބާރާތުގެ ރަންބޫޓު ހޯދައި މުބާރާތުގެ ތާރީހުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ރެކޯޑް ވެސް މުގުރާލައިފަ އެވެ.
"އަހަރެންނަށް ހިއެއްނުވޭ ޗެމްޕިއަންސް ލީގާއި ވޯލްޑް ކަޕުގެ ރަންބޫޓު އެއްފަހަރާ އެހެން ކުޅުންތެރިއަކަށް ލިބުނުހެން. އަހަރެން ދެކޭ ގޮތުގައި މިއީ ބަލަންޑޯ އެވޯޑް ލިބުން ހައްގު ސަބަބެއް. އެކަމަކު ކޮންމެ މީހެއްގެ ވެސް ތަފާތު ވިސްނުމެއް އޮވެދާނެ. މިހެންވެ އަހަރެން ނުބުނަން މި އެވޯޑް ދެނީ ޑިކެޓޭޓްކުރާ އުސޫލަކުންނޭ ނުވަތަ ނާއިންސާފުންނޭ،" ދުނިޔޭގެ ކެޕްޓަނުންނާއި ކޯޗުނާއި ހޮވާލެވޭ ނޫސްވެރިން ވޯޓުލައިގެން ހޮވާ އިނާމާ ބެހޭ ގޮތުން އެމްބާޕޭ ބުންޏެވެ.
އެމްބާޕޭގެ ތަފާސް ހިސާބުތައް މިދިޔަ ސީޒަނުގައި ކިތަންމެ ރަނގަޅު ނަމަވެސް އޭނާ އަށް އެވޯޑް ލިބުމަށް އޮތް އެއް ހުރަހަކީ ރެއާލް މެޑްރިޑަށް އޭނާ ކުޅުނު ދެ ސީޒަނުގައި ވެސް ތަށްޓެއް ނުލިބުނެވެ. ފްރާންސްގެ ޕީއެސްޖީ ދޫކޮށް މީގެ ދެ އަހަރު ކުރިން އޭނާ ރެއާލް އަށް ބަދަލުވި ފަހުން ޕީއެސްޖީ ވަނީ ޔޫރަޕުގެ ޗެމްޕިއަންކަން ދެ ފަހަރު ހޯދައިފަ އެވެ. މިކަމާ މެދު އޭނާ ބުނީ އެކަމާ ނުވިސްނާ ކަމަށާއި ފުޓްބޯޅައިގައި އޭނާ ވިސްނަނީ ތަފާތު ގޮތަކަށް ކަމަށެވެ.
މި އަހަރުގެ ބަލަންޑޯ އެވޯޑަށް އެމްބާޕޭއާ ވާދަކުރާނެ ކަމަށް ބެލެވެނީ ވޯލްޑް ކަޕުގެ މޮޅު ކުޅުންތެރިޔާ ބާސެލޯނާ އާއި ސްޕޭނުގެ މިޑްފީލްޑަރު ރޮޑްރީ އާއި ބަޔާން މިއުނިކާއި އިނގިރޭސި ފޯވަޑް ހެރީކޭން އާއި ބާސެލޯނާގެ ފޯވަޑް ލަމީން ޔަމާލެވެ.