ހުރްމުޒް ކަނޑުއޮޅި ބޭނުން ކުރުމުގައި ކުރިމަތިވެފައިވާ ހުރަސްތަކުގެ ސަބަބުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ދުނިޔޭގެ ސަޕްލައި ޗޭނުތަކުން އެކަހެރިވެދާނެ ކަމުގެ ކަންބޮޑުވުން އދގެ ވިޔަފާރިއާއި ތަރައްޤީއާ ބެހޭ ޔޫއެންސީޓީއޭޑީއިން ފާޅުކޮށްފިއެވެ.
ހުރްމުޒް ކަނޑުއޮޅި ބޭނުން ކުރުމަށް ދަތިވުމުގެ ސަބަބުން ތެލާއި އެހެން މުދާ އުފުލާ އުޅަނދުފަހަރަށް ވެސް އެ މަގު ބޭނުން ކުރުމަށް ދަނީ ދަތިވަމުންނެވެ. އޭގެ ސަބަބުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ ސާމާނާއި މުދާ ހޯދުމަކީ އެ ކުންފުނިތަކަށް ޚަރަދު ބޮޑު އަދި އުނދަގޫ ކަމަކަށް ދަނީ ވަމުންނެވެ. އެއާއެކު ބައެއް ކުދި ކުންފުނިތަކަށް ބައިނަލްއަޤްވާމީ މައިދާނުގައި ޙަރަކާތްތެރިވުމުގެ ޤާބިލު ކަން ދަނީ ގެއްލެމުންނެވެ. އެހެންކަމުން ޙާކަތު ގޯސްވަމުންދާ ވަރަކަށް ބައެއް ވިޔަފާރި ދާއިރާތަކުގައި ޙަރަކާތްތެރި ވެވޭނީ ހަމައެކަނި ބޮޑެތި ކުްނފުނުތަކަށެވެ. އަދި ބައިނަލްްއަޤްވާމީ ވިޔަފާރީގެ ވިލުންތެރި ކަމަށް ވެސް އަސަރު ކުރާނެއެވެ.
މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ބާޒާރުތަކަށް ލޮޅުން އަންނަމުންދާތާ އެތައް މަހެއް ވަނީ ވެފައެވެ. ހަނގުރާމައިގެ ނަތީޖާއެއްގެ ގޮތުން ހަކަތައަށް ކުރަން ޖެހޭ ޚަރަދު އިތުރުވުމާއި އެއް ސަރަޙައްދުން އަނެއް ސަރަޙައްދަށް މުދާ އުފުލުމަށް ނަގާ ފްރެއިޓުގެ އަގުތައް މައްޗަށް ދިޔުމުގެ ސަބަބުންނާއި ނުރައްކާ ބޮޑު މަގަކުން ދަތުރުކުރާތީ އިންޝޫރެންސްގެ ގޮތުގައި ދައްކަން ޖެހޭ ޢަދަދު އިތުރުވުމުގެ އިތުރުން، މާލީ ދަތިތައް ކުރިމަތިވުމުގެ ސަބަބުން ބޮޑެތި ކުންފުނިތަކަށް ވުރެ ބޮޑަށް ނޭދެވޭ އަސަރު ކުރަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށެވެ. ދުނިޔޭގެ ވިޔަފާރިތަކުގެ 90 އިންސައްތައަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ވީއިރު، ދުނިޔޭގެ އުފެއްދުންތެރި ކަމުގެ ނިސްބަތުގެ 50 އިންސައްތަ ވެސް ޙިއްޞާ ކުރަނީ އެ ފަދަ ކުންފުނިތަކުންނެވެ. އަދި ވަޒީފާގެ ބާޒާރުގެ 70 އިންސައްތަ ވެސް ގުޅިފައި ވަނީ އެ ކުންފުނިތަކާއެވެ. އެހެން ކަމުން ހުރްމުޒް ކަނޑޮއޮޅިއަށް އަންނަ ލޮޅުންތަކުގެ އަސަރު ތަފާތު އެކި ދާއިރާތަކަށް ހަލުވިކަމާއެކު ފޯރާނެއެވެ.
ޔޫއެންސީޓީއޭޑީއިން ބުނީ މި ފަހުން އިޤްތިޞާދުތަކަށް އައިސްފައިވާ ލޮޅުންތައް އުފުލެމުންދާ ތެލުގެ އަގުތަކުންނާއި، އެއް ސަރަޙައްދުން އަނެއް ސަރަޙައްދަށް އުފުލާ މުދަލުގެ ޢަދަދު މަދުވުމުންނާއި ލޯނު ނެގުމަށް ޚަރަދު ކުރަންޖެހޭ މިންވަރު އިތުރުވުމުން ދައްކުވައިދޭ ކަމަށެވެ. އޭގެ އަސަރު ޚާއްޞަ ގޮތެއްގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ކުރަމުންދާ ކަމަށް ވެސް އެ އިދާރާއިން ބުނެފައިވެއެވެ.