ޚަބަރު

ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ


  • ބިދޭސީ 27 މީހެއްގެ މައުލޫމާތު ލިބިފައިވޭ

  • ބިދޭސީއަކު ވަނީ އިމިގްރޭޝަން ބެލުމުގެ ދަށަށް ގެނެސްފައި

ދިވެހިރާއްޖޭގައި ގަވާއިދާ ހިލާފަށް ބޭރު ފައިސަގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް ގާއިމުކޮށްފައި ހޮޓްލައިނަށް ގިނަ އަދަދަކަށް މެސެޖު ލިބިފައިވާ ކަމަށާއި، ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ ދިވެހިރާއްޖޭގައި ޤަވާއިދާ ހިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް ގާއިމުކޮށްފައިވާ ހޮޓްލައިނަށް މިހާތަނަށް ލިބިފައިވާ މެސުޖުތަކުގެ ތެރެއިން، ޓާސްކްފޯސްގެ މަސައްކަތްތަކާ ގުޅުންހުރި 65 މެސެޖެއް ލިބިފައިވާ ކަމަށެވެ.

ފުލުހުން ވިދާޅުވީ މީގެތެރޭގައި ހިމެނެނީ ބިދޭސީ 27 މީހެއްގެ މައުލޫމާތާއި، ހުއްދަނެތި ބޭރުފައިސާ ގަނެވިއްކުމުގެ ވިޔަފާރި ކުރަމުން ދިޔަ 18 ތަނަކާއި، ޤަވާއިގާ ހިލާފަށް ބޮޑުއަގުގައި ބޭރު ފައިސާ ގަނެވިއްކުމުގެ ވިޔަފާރިކުރާ 4 ތަނެއްގެ އިތުރުން މިފަދަ މުއާމަލާތްތައް ހިންގާ 16 އޮންލައިން ޕްލެޓްފޯމެއްގެ މައުލޫމާތު ފުލުހުންގެ ހޮޓްލައިނަށް އައިސްފައިވާކަމަށް ވިދާޅުވިއެވެ.

މި މައުލޫމާތުތަކާ ގުޅިގެން އެޅުނު ފިޔަވަޅުތަކުގެ ތެރެއިން ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި ރިޕޯޓުކޮށްފައިވާ އެހެނިހެން ފަރާތްތަކުގެ މައުލޫމާތު ކަށަވަރުކޮށް، ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކަމާގުޅުންހުރި އިދާރާތައް ގުޅިގެން ކުރަމުންދާކަމަށް ފުލުހުން ވިދާޅުވިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ދޫކުރާ މަނީ އެކްސްޗޭންޖް ވިޔަފާރި ހިންގުމުގެ ލައިސަންސް ނެތި ޤާނޫނާ ޚިލާފަށް ވިޔަފާރި އުޞޫލުން ބޭރު ފައިސާ މާރުކުރުމުގެ ޢަމަލުތައް ހިންގާ ފަރާތްތަކާބެހޭ މަޢުލޫމާތު، މިފަދަ މައްސަލަތައް ތަޙްޤީގު ކުރުމަށް އެލުލަވާލާފައިވާ ޓާސްކްފޯސްއާ ހިއްސާކުރެވޭނެ ނިޒާމެއް ވަނީ ގާއިމުކޮށްފައެވެ. ލައިސަންސް ނެތި ބޭރު ފައިސާ މާރުކުރުމުގެ ވިޔަފާރިކުރާ ފަރާތްތަކާ ގުޅޭ މަޢޫލޫމާތު ހިއްސާކުރުމަށް ބޭނުންވާ ފަރާތްތަކުން ޓަސްކްފޯސްގެ އޮޕަރޭޝަން ނަންބަރު 9388733 އަށް އެސްއެމްއެސްގެ އިތުރުން ވައިބަރ، ވަޓްސްއެޕް އަދި ޓެލެގްރާމް ފަދަ މެސެޖިން އެޕްލިކޭޝަން މެދުވެރިކޮށް މަޢުލޫމާތު ހިއްސާކުރެވޭނެކަމަށް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ވިދާޅުވީ މަޢުލޫމާތު ހިއްސާކުރާ ފަރާތްތަކުގެ ވަނަވަރާއި މަޢުލޫމާތުތައް ފުރިހަމައަށް ރައްކާތެރިކޮށްދޭނެކަމަށާއި މަޢުލޫމާތުތައް ދޭފަރާތްތަކުން މައްސަލައިގެ ތަޙްޤީޤީ އެއްވެސް އިޖުރާއަތެއްގައި ބައިވެރިވާން ނުޖެހޭނެކަމަށެވެ.

ރާއްޖޭގައި ބޭންކިން ނިޒާމަށް ފައިސާ ނުވަދެ، ނުވަތަ ވަންނަ ފައިސާ ބޭންކުތައް ނިޒާމުތަކުގެ ބޭރުން ކަޅު ބާޒާރުގައި މާރުކުރުމުގެ ސަބަބުން ބޭންކުތަކުން ބޭރުފައިސާ މިންވަރު ވަނީ ދަށްވެފައެވެ. މިކަމުގެ ސަބަބުން ވިޔަފާރިތަކަށް ބޭނުންވާ ބޭރުފައިސާ ކަޅު ބާޒާރުން ގަތުމުން މުދަލުގެ އަގު އުފުލިގެންދެއެވެ. އަދި ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ބޭރުފައިސާ ވަކި މިންވަރަކަށް ހިފެހެއްޓިގެންދެއެވެ. ސަރުކާރުގެ އަމާޒަކީ ޤާނޫނުތަކަށް ގެނެވޭ އިސްލާހުތަކާއި އެކު މިމައްސަލައަށް ހައްލުތަކެއް ގެނެވި ރައްޔިތުންނަށް ކަނޑައެޅިފައިވާ ރޭޓުގައި ބޭރުފައިސާ ލިބޭނެ ގޮތް ހަމަޖެއްސެވުމެވެ.