އދ. އޮމަދޫގައި މި ސަރުކާރުން ގާއިމުކުރި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް އެއްކޮށް ނިންމާލައިފިއެވެ.
ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ބުނީ، އޮމަދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް، 100 އިންސައްތަ ފުރިހަމަކުރެވިފައިވާ ކަމަށެވެ.
މި ސެންޓަރުގެ މަސައްކަތް ފެށީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ އަރިއަތޮޅު ދެކުނުބުރިއަށް ކުރެއްވި ދަތުރުފުޅުގެތެރެއިންނެވެ. ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުالله ރާފިޢު އަދި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ޝަރީފެވެ.
މިމަޝްރޫޢަކީ ސަރުކާރުގެ ފަރާތުން އެމްއޭސީއެލްއާއި ހަވާލުކުރައްވައިގެން ކުރިއަށްގެންދަވާ މަޝްރޫޢެކެވެ.
ރާއްޖޭގެ މީހުން އުޅޭ ހުރިހާ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރަކާއި އައުޓްޑޯ ޖިމްއެއް ގާއިމުކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
މީގެ އިތުރުންވެސް ރަށްރަށަށް ބޭނުންވާނެ ކުޅިވަރުގެ އެކިއެކި ވަސީލަތްތައް ފޯރުކޮށްދެއްވުމުގެ މަސައްކަތް ސަރުކާރުންދަނީ ކުރައްވަމުންނެވެ. އޭގެ ތެރޭގައި ދަނޑުތަކާއި، ކޯޓުތަކުގެ އިތުރުން ސްޕޯޓްސް ކޮމްޕްލެކްސްތަކާއި ސްވިމިންގ ޓްރެކްތަކުގެ މަސައްކަތް ހިމެނެއެވެ.