ޚަބަރު

އިނގިރޭސި އެއާޕޯޓުތަކުގައި މައްސަލަ ދިމާވެ 1,000 ފްލައިޓަށް ބުރޫއަރައިފި


އިނގިރޭސިވިލާތުގެ އެއާ ޓްރެފިކް ކޮންޓްރޯލް ނިޒާމަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން، އެ ޤައުމުގެ އެއާޕޯޓްތަކުން ދަތުރުކުރަން އޮތް 1،000 އަށް ވުރެ ގިނަ ފްލައިޓް ކެންސަލްވެ، އެތައް ހާސް ފަސިންޖަރުންނެއް އެއާޕޯޓުތަކުގައި ތާށިވެއްޖެއެވެ. ސެޕްޓެންބަރު 8 ވަނަ ދުވަހު ދިމާވި މި މައްސަލަ ހައްލުކުރުމަށް ފަހު، މިއަދު ހެނދުނު ވައިގެ އުދުހުންތައް އަލުން ފެށި ނަމަވެސް، އޮޕަރޭޝަންތައް ޢާންމު ޙާލަތަށް ގެނައުމަށް ވަގުތު ނަގާނެ ކަމުގައި އެ ޤައުމުގެ އެއާޕޯޓްތަކުން އިންޒާރު ބުންޏެވެ. މި ހުރަސްތަކާ ގުޅިގެން، އެއާ ޓްރެފިކް ކޮންޓްރޯލް ޚިދުމަތް ފޯރުކޮށްދޭ އެންއޭޓީއެސްއިން ވަނީ ދަތުރުވެރިންގެ ކިބައިން މާފަށް އެދިފައެވެ.

މި މައްސަލައިގެ ސަބަބުން އިނގިރޭސިވިލާތުގެ އެންމެ ބޮޑު އެއާޕޯޓު ކަމަށްވާ ހީތުރޯއާއި ދެވަނައަށް އެންމެ ބާރުބޮޑު ގެޓްވިކް އެއާޕޯޓުގެ އިތުރުން ލިވަޕޫލް، ބަރމިންގހަމް، އެޑިންބަރާ އަދި އަޔަލެންޑުގެ ޑަބްލިން އެއާޕޯޓުގެ ދަތުރުތަކަށް ބުރޫއެރިއެވެ. ޓެކްނީޝަނުން މި މައްސަލަ ދެނެގަނެ، މި ކަން ޙައްލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމުގައި އިނގިރޭސިވިލާތުގެ ދަތުރުފަތުރާ ބެހޭ ވަޒީރު ހެއިޑީ އެލެގްޒެންޑަރ ވިދާޅުވިއެވެ. މިއީ، ދަތުރުވެރިން މާޔޫސްވާނެ ކަމެއްކަން ފާހަގަކުރައްވައި، އެއާޕޯޓަށް ދިޔުމުގެ ކުރިން އެއާލައިންތަކާ ގުޅައިގެން މަޢުލޫމާތު ސާފުކުރުމަށް އޭނާ ވަނީ އިލްތިމާސްކުރައްވާފައެވެ.

މި ހާދިސާއާ ގުޅިގެން ވިލާތުގެ އެންމެ ބޮޑު އެއާލައިން ކަމުގައިވާ ރަޔަންއެއާއިން 200 އަށް ވުރެ ގިނަ ފްލައިޓް ކެންސަލްކޮށް، ގާތްގަނޑަކަށް 150،000 ފަސިންޖަރުންނަށް އަސަރުކުރި ކަމުގައި އެ އެއާލައިނުން ހާމަކުރެއެވެ. އަދި، ބްރިޓިޝް އެއާވޭޒްއިން 100 ފްލައިޓް ކެންސަލްކޮށް ނުވަތަ އެހެން މަންޒިލްތަކަށް ބަދަލުކުރުމުން އެތައް ހާސް ދަތުރުވެރިންނަކަށް ވަނީ އަސަރުކޮށްފައެވެ. މަތިންދާބޯޓުތަކާއި ފަޅުވެރިންގެ ތަރުތީބު އަލުން ހަމަޖައްސަން ޖެހިފައިވުމުން، ދަތުރުތަކުގެ ޝެޑިއުލަށް ބަދަލު އަންނާނެ ކަމުގައި ވެސް ހީތުރޯއިން ނެރުނު ބަޔާނެއްގައި ބުންޏެވެ.

މި ފަދަ ހާދިސާތަކާ ގުޅިގެން، އެންއޭޓީއެސްގެ އިސްވެރިޔާ މާޓިން ރޮލްފް އިސްތިއުފާ ދެއްވުމަށް ރަޔަންއެއާއިން ވަނީ ގޮވައިލާފައެވެ. އެއީ، 2023 އޮގަސްޓުގައި ގައި އެ އިދާރާގެ ނިޒާމުތައް ފޭލުވެ، އެއާލައިންތަކަށް 135 މިލިޔަން އެމެރިކާ ޑޮލަރުގެ ގެއްލުން ލިބުނު މައްސަލައިގައެވެ. 2023 ވަނަ އަހަރުގެ ހާދިސާގައި 700،000 އަށް ވުރެ ގިނަ ފަސިންޖަރުންނަށް ވަނީ އަސަރުކޮށްފައެވެ. އަދި، މިދިޔަ އަހަރުގެ ޖުލައި މަހު ވެސް ޓެކްނިކަލް މައްސަލައަކާ ގުޅިގެން ގިނަ ފްލައިޓްތަކެއް ކެންސަލްވިއެވެ.