ތަޢުލީމު

ފެހެންދޫ ދަރިވަރުން ދަތުރުކުރުމަށް އުޅަނދެއް ހަދިޔާކޮށްފި


ބ.އަތޮޅު ފެހެންދޫއިން ބ އަތޮޅު ގޮއިދޫއަށް ތައުލީމް ހާސިލްކުރުމަށްޓަކައި 11 ދަރިވަރަކު ކޮންމެ ދުވަހަކު ދަތުރުކުރަންޖެހެއެވެ. ނަމަވެސް ފެހެންދޫ ކައުންސިލުން ބ.ފެހެންދޫއާއި ބ.ގޮއިދޫއާ ދޭތެރޭ ދެމުންގެންދިޔަ ސްކޫލް ކުދިންގެ ފެރީ ޚިދުމަތް 01 ޖުލައި 2016 ގައި ހުއްޓާލުމަށް އެރަށުގެ ކައުންސިލުން ނިންމިއެވެ.  އެނިންމުމާއި ގުޅިގެން ބ. ފެހެންދޫ ދަރިވަރުން ބ.ގޮއިދޫއަށް ދަތުރުކުރުމުގެ ނިޒާމު މެދުނުކެނޑި ކުރިއަށް ގެންދެވޭނޭ ގޮތްތައް ހޯދުމުގެ މަސައްކަތް އެޑިޔުކޭޝަން މިނިސްޓްރީން ގެންދިޔައީ ކުރައްވަމުންނެވެ. 

އެގޮތުން ބ.ގޮއިދޫ އަދި ބ.ފެހެންދޫގައި ޑިންގީ ދުއްވާ ފަރާތްތަކާއި މަޝްވަރާކުރުމަށްފަހު، 2016 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ނިޔަލަށް ދަރިވަރުންނަށް މިހާރުވެސް ދެވޭ އެލަވަންސްގެ ތެރޭގައި ދަރިވަރަކަށް މަހަކު 1000 ރުފިޔާ ފެރީ ދަތުރުގެ ޚިދުމަތް ދޭނެ ފަރާތެއް ހޯދުމަށްފަހު 01 ޖުލައި 2016 ވަނަ ދުވަހުން ފެށިގެން މެދުނުކެނޑި ޚިދުމަތް އަލުން ދޭންފެށިފައިވެއެވެ. އެގޮތުން މިކަމަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި އެޑިއުކޭޝަން މިނިސްޓްރީން ކުރައްވަމުންގެންދެވި މަސައްކަތުގެ ތެރެއިން ރ.އަލިފުށީގަ ބޯޓްޔާޑެއް ހިންގާ އަމިއްލަ ފަރާތެއްކަމައްވާ ފަސްރިޔާ ޕވޓ ލޓޑ އިން އެފަދަ އުޅަނދެއް ބ.ފެހެންދޫ ދަރިވަރުން ބ.ގޮއިދޫއަށް ދަތުރު ކުރުމަށް އެކުންފުނީގެ ދީލަތި އެހީގައި ފޯރުކޮށްދެއްވާނެކަމަށް ބުނެފައިވެއެވެ. އަދި މި ފެރީއަށް ބޭނުންވާ އައުޓްބޯޑު އިންޖީނު ހޯދުމަށް ކުރި މަސައްކަތުގެ ތެރެއިން އެމްޓީސީސީން 50 ހޯސް ޕަވަރުގެ ސުޒުކީ އައުޓްބޯޑު އިންޖީނެއް ހަދިޔާކޮށްފައިވެއެވެ.

ޕީއެސްއެމްއާ ވާހަކަދައްކަމުން ގޮއިދޫ ސްކޫލްގެ ޕުރިންސިޕަލް މުހައްމަދު ނިޒާމް ވިދާޅުވީ ފެހެންދޫ އިން ގޮއިދޫއަށް އަންނަ ސްކޫލް ދަރިވަރުންގެ ފެރީގެ ޙިދުމަތް ބަލަހައްޓަވަމުން ގެންދަވާނީ ގޮއިދޫ ސްކޫލް ޕީޓީއޭއިންކަމަށެވެ. އަދި މި ފެރީ ދުއްވަން ބޭނުންވާ ކައްޕިއެއް ހޯދުމުގެ މަސައްކަތް ފަށާފައިވާކަމަށް ވިދާޅުވިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ފެހެންދޫއިން ގޮއިދޫ ސްކޫލަށް ދަރިވަރުންނަށް ފެރީގެ ޙިދުމަތް ފޯރުކޮށްދެއްވުމަށް ހަވާލުކުރައްވާފައިވާ އުޅަނދަކީ ވާރޭ އަދި އަވިން ހިޔާވާ ގޮތަށް، ތިލަ ހިސާބުގައި ދުއްވޭގޮތަށް ފަރުމާކޮށްފައިވާ ލޯންޗް ފެރީއެކެވެ. މި ފެރީގައި ފެހެންދޫން ގޮއިދޫއަށް ދިހަވަރަކަށް މިނެޓް ތެރޭގައި ދަތުރުކޮށްލެވެއެވެ. ފެހެންދޫ ސްކޫލުގައި މިހާރު ކިޔަވަމުންދަނީ ޕްރީސްކޫލުގެ 4 ދަރިވަރުން އެކަންޏެވެ. އަދި މި ދަރިވަރުންނަށް ކިޔަވައިދެއްވާ ޕްރީ ސްކޫލް ޓީޗަރެއް އެރަށުގައި ހުރެއެވެ.