ރާއްޖޭގައި ފުޓުބޯޅައިގެ ޒުވާން ޖީލެއް ބިނާކުރަން ދިވެހި ކުލަބުތަކާއި އެކަޑަމީތަކުން ކުރި މަސައްކަތަށް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ޖެނެރަލް ސެކްރެޓަރީ އަޙްމަދު ޒަރީރު ތައުރީފުކުރައްވައި، ޝުކުރު އަދާކުރައްވައިފިއެވެ.
"ޕީއެސްއެމް ނިއުސް" ގެ "ފޯރި" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޒަރީރު ވަނީ، ރާއްޖޭގެ 20 އަހަރުން ދަށުގެ ޓީމާއިމެދު އެފްއޭއެމް އިން ބޮޑެތި އުއްމީދުތަކެއް ގެންގުޅޭކަން ހާމަކުރައްވާފައެވެ. ސާފް 20 އަހަރުން ދަށުގެ މުބާރާތް ހޯސްޓުކުރަން އެފްއޭއެމް އިން ނިންމީ ވެސް އެ ސަބަބަށްޓަކައިކަން ޒަރީރު ފާހަގަކުރެއްވިއެވެ.
އެ މުބާރާތުގައި އެންމެ ބޭނުންވި ނަތީޖާ ނުނެރެވުނު ނަމަވެސް، ޓީމުގެ ކުޅުންތެރިންގެ ހުނަރާ މެދުވެސް އަދި ކުރިމަގުގައި ފުޓުބޯޅައިގައި އެކުޅުންތެރިންގެ ފެންވަރާއިމެދު ވެސް ސުވާލު އުފެދޭކަމެއް ނޫންކަމަށް ޒަރީރު ވިދާޅުވިއެވެ.
އެ މުބާރާތުގައި ރާއްޖެ ތަމްސީލުކުރި ޒުވާން ކުޅުންތެރިންގެ ތެރެއިން ގިނަ ކުޅުންތެރިންތަކެއް މިއަދު ސީނިއަރ ގައުމީ ޓީމުގައި ވެސް ގަވައިދުން ހިމެނެމުންދާކަން ފާހަގަކުރައްވައި ޒަރީރު ވިދާޅުވީ، އެއީ ވަރަށް އުއްމީދީ ކުޅުންތެރިންތަކެއްގެ މައްޗަށް އެކުލެވޭ ސްކޮޑެއް ކަމަށެވެ.
އެ ކުޅުންތެރިންގެ ކުރިއެރުމާއި، ފުޓުބޯޅައިގެ ތެރެއަށް ނެރެދިނުމުގައި އަދާކުރި ދައުރަށް، ކުލަބުތަކާއި އެކަޑަމީތަކަށް ޝުކުރު އަދާކުރަންޖެހޭނެ ކަމަށް ޒަރީރު ވިދާޅުވިއެވެ.
"މިކަމުގައި އެންމެ ބޮޑު ޝުކުރެއް އަޅުގަނޑުމެން އަދާކުރަން ޖެހޭނީ ކުލަބުތަކާއި އެކަޑަމީތަކުން އެކުރި މަސައްކަތް. އަދި ޙާއްސަކޮށް އެކުޅުންތެރިންގެ ޕޭރެންޓުން. އެހެންވީމަ ކުލަބުތަކުން އެކުރި މަސައްކަތުގެ ނަތީޖާ ކަންނޭނގެ އަޅުގަނޑުމެންގެ އަންޑަރ 20 އެވަރުގެ ރަނގަޅު ސްކޮޑެއް މިހާރު ބިނާވެފައި އޮތުން މިއީ". ޒަރީރު ވިދާޅުވިއެވެ.
ޒަރީރު އިތުރަށް ވިދާޅުވީ، އެފްއޭއެމް އިން މިހާރު މަސައްކަތްކުރަމުން ދަނީ އޭޖް ގުރޫޕުތަކުގެ މުބާރާތްތަކެއް ބާއްވައި، އޭގެތެރެއިން ހުނަރުވެރި ކުޅުންތެރިންތަކެއްގެ މައްޗަށް އެކުލެވޭ "ޕޫލެއް" އެކުލަވާލުމަށް ކަމަށެވެ. އެކަމަށް ޙާއްސަ ކޯޗެއް ލައިގެން، އެ ކުޅުންތެރިން ތަމްރީނުކުރުމުގެ މަސައްކަތް ކުރެވޭތޯ ބަލަމުންދާކަމަށް ވެސް ޒަރީރު ވިދާޅުވިއެވެ.
މިފަހުން މިޔަންމާގައި ނިމިގެންދިޔަ 20 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގެ ޑިވެލޮޕްމަންޓު ސްޓޭޖުގައި ރާއްޖޭގެ ޒުވާން ޓީމުން ހޯދި ކާމިޔާބީ ފާހަގަކުރައްވައި ޒަރީރު ވިދާޅުވީ، މިއީ ފުޓުބޯޅައިގެ ތެރޭގައި މަސައްކަތްކުރާ، ހާއްސަގޮތެއްގައި އުމުރުފުރައިގެ ޓީމުތަކާއެކު މަސައްކަތްކުރާ ފަރާތްތަކުން އެއްވެސް ވަރަކަށް ހައިރާންވި ކާމިޔާބީއެއް ނޫން ކަމަށެވެ. މެޗުތައް ކުޅެން މިޔަންމާއަށް ދިޔައިރު ވެސް އެ ނަތީޖާތައް ނެރެވޭނެކަމުގެ ބޮޑު އުއްމީދެއް އޮތްކަމަށް ޒަރީރު ވިދާޅުވިއެވެ.
މިޔަންމާގައި ކުރިއަށްދިޔަ ކޮލިފައިންގައި ރާއްޖޭގެ ޒުވާން ޓީމުން ތިން މެޗު ކުޅުނުއިރު އޭގެ ތެރެއިން ދެ މެޗުން ރާއްޖެ ވަނީ ފުރިހަމަ މޮޅެއް ހޯދާފައެވެ. އެގޮތުން ފުރަތަމަ މެޗުގައި ބްރޫނާއި އަތުން 0-2އިން ރާއްޖެ މޮޅުވިއިރު ދެވަނަ މެޗުގައި ސްރީލަންކާ އަތުން މޮޅުވީ 0-4ގެ ނަތީޖާއަކުންނެވެ.
މި ނަތީޖާތަކާއިއެކު ރާއްޖެއިން ވަނީ 2029ވަނަ އަހަރުގެ އޭއެފްސީ 20 އަހަރުން ދަށުގެ އޭޝިއަން ކަޕުގެ ކޮލިފައިންގައި، ކޮލިފިކޭޝަން ފޭސްގެ ޖާގައެއް ޔަގީންކޮށްފައެވެ. މިއީ އުމުރުފުރައިގެ ޓީމަކުން އޭޝިއާ ސަރަހްދުގެ މުބާރާތަކުން ހޯދި އެންމެ ބޮޑު އެއް ކާމިޔާބީކަން ފާހަގަކޮށްލެވެއެވެ.