ޚަބަރު

ބަނގުރާގެ ވިޔަފާރިކުރި ދެ މީހަކު ހުޅުމާލެއިން ހައްޔަރުކޮށްފި


  • ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ ދެ މީހުން

  • ދެ މީހުން ހައްޔަރުކުރީ ހުޅުމާލެ ފޭސް 1އިން

ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި އޭގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހުޅުމާލެ ފޭސް 1އިން ދެ ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ، ބަންގްލަދޭޝްއަށް ނިސްބަތްވާ ދެ ފިރިހެނުންނެވެ. އެއީ، އުމުރުން 22 އަހަރުގެ ތުޝާރު ގާޒީ އަދި 30 އަހަރުގެ ނޮބީ ނޫރުއެވެ.

ފުލުހުން ވިދާޅުވި ގޮތުގައި މި ދެ މީހުން ހައްޔަރުކޮށްފައިވަނީ އިއްޔެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި، ހުޅުމާލެ ސްޕެޝަލް އެންފޯސްމެންޓް ގުޅިގެން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައެވެ. މި އޮޕަރޭޝަންގައި އެ ދެ މީހުން ހައްޔަރުކޮށްފައިވަނީ، ހުޅުމާލެ ކޮރަލް ސީ 9 ކައިރިންނެވެ.

މީގެއިތުރުން އެ މީހުން ދިރިއުޅެމުން ދިޔަ ތަން ބަލައި ފާސްކުރިއިރު 29 ފުޅި ބަނގުރާ ފެނިފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ.

މި މައްސަލައާ ގުޅިގެން މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން، ކޯޓުން ވަނީ އެ ދެ މީހުންގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ދީފައެވެ.

މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް އެ އިދާރާއިން ވިދާޅުވިއެވެ.