ޚަބަރު

ވިމެންސް ބާސްކެޓް ވޯލްޑް ކަޕް: ޖަރުމަނާއި ސްޕެއިން ސެމީ ފައިނަލަށް


  • ޖަރުމަނުވިލާތުން ސެމީ ފައިނަލުން ޖާގަހޯދީ ބެލްޖިއަމް 93 ޕޮއިންޓް 74 ޕޮއިންޓުން ބަލިކޮށްގެން

  • ސްޕެއިން އިން ސެމީ ފައިނަލަށް ދިޔައީ 89 ޕޮއިންޓް 66 ޕޮއިންޓުން އޮސްޓްރޭލިއާ ބަލިކޮށްގެން

ޖަރުމަނުވިލާތުގައި މިހާރު ކުރިއަށްދާ ފީބާ ވިމެންސް ބާސްކެޓްބޯލް ވޯލްޑް ކަޕްގެ ސެމީ ފައިނަލުން ޖަރުމަނުވިލާތާއި ސްޕެއިން އިން ޖާގަ ހޯދައިފިއެވެ.

މިމުބާރާތުގެ ސެމީ ފައިނަލުން މުބާރާތް ބާއްވާ ޤައުމު ޖަރުމަނުގެ ޓީމުން ޖާގަހޯދީ ކްއާޓަރ ފައިނަލްގައި ބެލްޖިއަމް އާއި ބައްދަލުކުރި މެޗު 93 ޕޮއިންޓް 74 ޕޮއިންޓުން ކާމިޔާބު ކޮށްގެންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ކުއާޓަރ ނިމުނުއިރު ޖަރުމަނު ޓީމު އޮތީ 22 ޕޮއިންޓް 19 ޕޮއިންޓުން ކުރީގައެވެ. އަދި ފުރަތަމަ ހާފު ނިމުނު އިރު ޖަރުމަނުން މިމެޗުގައި 7 ޕޮއިންޓްގެ ލީޑެއް ނަގައިފައެވެ. ތިން ވަނަ ކުއާޓާރ ނިންމާލީ 15 ޕޮއިންޓްގެ ލީޑަކާއެކުއެވެ. އަދި ޖަރުމަނުން މެޗު ނިންމާލީ 19 ޕޮއިންޓްގެ ލީޑެއްގައި އޮވެގެންނެވެ.

މިމެޗުގައި ޖަރުމަނު ޓީމަށް އެންމެ ރަނގަޅަށް ކުޅެފައިވަނީ 17 ޕޮއިންޓް ހޯދައިދީ 10 ރީބައުންޑް ނަގައިދިން ލިއޯނީ ފުލެބިޗްއެވެ. މީގެއިތުރުން އެންޔާރާ ސަބަލީވަނީ 16 ޕޮއިންޓް ހޯދައިދީ 12 ރީބައުންޑް ނަގައިދީފައެވެ. ބެލްޖިއަމް ޓީމަށް ބަލާލާއިރު އެންމެ ރަނގަޅަށް ކުޅެފައިވަނީ 29 ޕޮއިންޓް ހޯދައިދީ 8 ރީބައުންޑް ނަގައިދިނުމުގެ އިތުރުން ތިން އެސިސްޓް ކުރި އެމާ މީސެމާންއެވެ. މިމުބާރާތުގެ ސެމީ ފައިނަލްގައި ޖަރުމަނުވިލާތުން ނިކުންނާނީ ޗައިނާ ބަލިކޮށް ސެމީ ފައިނަލުން ޖާގަހޯދާފައިވާ ފަރަންސޭސިވިލާތުގެ ޓީމާއި ދެކޮޅަށެވެ.

މިމުބާރާތުގެ ސެމީ ފައިނަލުން ސްޕެއިން ޖާގަހޯދީ ކްއާޓަރ ފައިނަލްގައި އޮސްޓްރޭލިއާ އާއި ބައްދަލުކޮށް 89 ޕޮއިންޓް 66 ޕޮއިންޓުން މެޗު ކާމިޔާބު ކޮށްގެންނެވެ. މިމެޗުގެ ފުރަތަމަ ކުއާޓަރގައި ސްޕެއިން އިން 31 ޕޮއިންޓް ހޯދިއިރު އޮސްޓްރޭލިއާއަށް ހޯދުނީ 17 ޕޮއިންޓެވެ. އަދި ދެވަނަ ކުއާޓަރގައި ސްޕެއިން އިން 27 ޕޮއިންޓް ހޯދިއިރު އޮސްޓްރޭލިއާއަށް ހޯދުނީ 20 ޕޮއިންޓެވެ. މިއާއެކު ފުރަތަމަ ހާފު ސްޕެއިން އިން ނިންމާލީ 21 ޕޮއިންޓްގެ ލީޑަކާއެކުއެވެ. އަދި ދެވަނަ ހާފުގެ ކުޅުމާއި އެކު މިމެޗު ސްޕެއިން އިން ނިންމާލީ 23 ޕޮއިންޓްގެ ލީޑެއްގައި އޮވެގެންނެވެ.

މިމެޗުގައި ސްޕެއިންއަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދީފައިވަނީ 16 ޕޮއިންޓް ހޯދައިދިން ކެޕްޓަން މޭގަން ގުސްޓާފްސަންއެވެ. އަދި އޮސްޓްރޭލިއާ ޓީމަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ 13 ޕޮއިންޓް ހޯދައިދިން ކްލޮއި ބިބީ އާއި އެލެކްސް ވިލްސަންއެވެ. މިމުބާރާތުގެ ސެމީ ފައިނަލްގައި ސްޕެއިން އިން ވާދަކުރާނީ ކުއާޓަރ ފައިނަލްގައި ހަންގޭރީ އާއި ބައްދަލުކޮށް ކުރި ހޯދި އެމެރިކާގެ ޓީމާއެވެ.