ޚަބަރު

އުފެއްދުންތެރިކަމުގެ މައުރަޒު: ބޮޑުބެރު މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި


  • މުބާރާތުގައި ބައިވެރިވެވޭނީ މިމަހުގެ 17ވަނަ ދުވަހާ ހަމައަށް

  • 1 ވަނައަށް ހޮވޭ ގުރޫޕަށް 75،000 ރުފިޔާ ލިބޭނެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026ގައި ކުރިއަށްގެންދާ ބޮޑުބެރު މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީން ހުޅުވާލައިފިއެވެ.

ބީސީސީން ވިދާޅުވީ، މި މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް، https://forms.cloud.microsoft/r/xFmxLcZDvR މެދުވެރިކޮށް ރަޖިސްޓްރީ ކުރުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ. އަދި އެކްސްޕޯއަށް ޚާއްސަ ވެބްސައިޓު، https://www.expo.mv/ އިން މި މުބާރާތުގެ ޤަވާއިދާއި އިތުރު މަޢުލޫމާތު ލިބެން ހުންނާނެ ކަމަށެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު މި މަހުގެ 17 ވަނަ ދުވަހާއި ހަމައަށް ވަނީ ހުޅުވާލާފައެވެ. މުބާރާތުން އެކި ވަނަތަކަށް ހޮވޭ ބޮޑުބެރު ގްރޫޕުތަކަށް ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި މުބާރާތުން 1 ވަނައަށް ހޮވޭ ބޮޑުބެރު ގުރޫޕަށް 75،000 ރުފިޔާ، 2 ވަނައަށް 50،000 ރުފިޔާ އަދި 3 ވަނައަށް 25،000 ރުފިޔާ ހުށަހަޅާފައިވެއެވެ. މީގެ އިތުރުން އާއްމުންގެ ތެރޭގައި އެންމެ މަޤުބޫލު ބޮޑުބެރު ގުރޫޕަށް 25،000 ރުފިޔާގެ އިނާމެއްވެސް ވަނީ ކަނޑައަޅާފައެވެ.

ދިވެހީންގެ އުފެއްދުންތެރިކަން ދައްކުވައިދިނުމަށް ރާއްޖޭގައި 2025ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ބާއްވާ އެންމެ ބޮޑު މައުރަޒުގައި މިފަދަ މުބާރާތެއް ބޭއްވުމުގެ މަޤުޞަދަކީ ރާއްޖޭގެ ތާރީޚާއި ސަޤާފަތުގެ މުއްސަނދިކަން ދައްކުވައިދީ، ބޮޑުބެރުގެ ވާދަވެރިކަމުގެ ތެރެއިން ދާއިރާއަށް އައު ތަރިން ނެރުމެވެ. އަދި ދިވެހިންގެ މެދުގައި މިކަމަށް އޮތް ޖޯޝާއި ފޯރި އާލާކޮށް، އާއްމުންގެ ހިތްތަކުގައި މިކަމަށް ލޯބި ޖެއްސުމަކީވެސް މި މުބާރާތުގެ މަޤުޞަދެކެވެ.

ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމާއި އިރުޝާދުގެ ދަށުން އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ލަފަޔާއެކު ބީސީސީން ބާއްވާ ޚާއްޞަ މައުރަޒެކެވެ. މިއަހަރުގެ މި މަޢުރަޒު ބޭއްވުމަށް ހަމަޖެހިފައިވަނީ، އޮކްޓޫބަރު މަހުގެ 23އިން 31ވަނަ ދުވަހުގެ ނިޔަލަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.