ޚަބަރު

އޭއައި ބޭނުންކޮށްގެން ޔަހޫދީންގެ ހަމަލާތައް ރާވާ ކަމަށް އައު ޑޮކިޔުމެންޓްރީއެއްގައި ބުނެފި


ނާޒާގެ ނަމުގައި މުޅިން އަލަށް ނެރެފައިވާ ޑޮކިޔުމެންޓްރީއެއްގައި ޔަހޫދީން ޣައްޒާގެ ރައްޔިތުންނަށް އަމާޒުކޮށް ހަމަލާތައް ދިނުމަށް ބޭނުންކުރާ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ނިޒާމުތަކަށް އަލިއަޅުވާލައިފިއެވެ.

ޔުވަލް އަބްރަހަމްއައި ރޭޝަލް ޒޯރ ޑައިރެކްޓުކޮށްފައިވާ މި ޑޮކިޔުމެންޓްރީ އުފަައްދާފައި ވަނީ ތިން އަހަރު ދުވަހުގެ ތެރޭގައި ކޮށްފައިވާ 24 އިންޓަވިއުގެ މައްޗަށް ބިނާ ކޮށެވެ. އިންޓަވިއުކޮށްފައިވާ މީހުންގެ ތެރޭގައި ޔަހޫދީންގެ އަސްކަރީ ޙަރަކާތްތަކުގައި ބައިވެރިވާ ޔަހޫދީ ސިފައިންނާއި ޖާސޫސީ އޮފިސަރުން ހިމެނެއެވެ.

އިންޓަވިއު ދިން މީހުން ބުނި ގޮތުގައި ޣައްޒާގެ ރައްޔިތުންނަށް ހަމަލާ ދިނުމަށް ޔަހޫދީން ބޭނުންކުރަނީ އޭއައި ހިމެނޭ ނިޒާމުތަކެކެވެ. އަދި ޣައްޒާގެ ރައްޔިތުންނަށް ފުޅާ ދާއިރާއެއްގައި ފާރަލުމުގެ އިތުރުން، ހަމަލާގައި ޝަހީދު ވާނީ ކިތައް މީހުންތޯ އަސްކަރިއްޔާއިން ބަލާ ކަމަށް ވެސް އެ މީހުން ބުނެފައިވެއެވެ. އެ މީހުން ބުނި ގޮތުގައި ޔަހޫދީން ހަމަލާތައް ދެނީ ޣައްޒާގައި ކުށެއް ނެތް އެއްވެސް މީހަކު ނުހުންނާނެ ކަމަށް ދެކިގެންނެވެ.

ބައެއް ސިފައިން ކިޔައިދިން ގޮތުގައި ގެއަކަށް ހަމަލާ ދިނުމަށް ނިންމާއިރު، އާންމުންގެ މިވެނި ޢަދަދެއްގެ މީހުން މަރުވާނެ ކަމަށް ލަފާ ކުރެވުނަސް އެ ހަމަލާއައިގެން ކުރިއަށް ދިޔުމަށް އަސްކަރިއްޔާއިން އަންގައެވެ. ޑޮކިޔުމެންޓްރީގެ ނަން ދީފައި ވަނީ މި އުސޫލަށް އިޝާރާތްކޮށެވެ. މަރުވާނެ މީހުންގެ ޢަދަދު އެނގި ތިބެ ހަމަލާ ދިނުމަށް ދޭ ޙުއްދައަށް ޔަހޫދީ އަސްކަރިއްޔާއިން ކިޔައި އުޅެނީ “ނާޒާ” ޙުއްދައެވެ. އަސްކަރީ ގޮތުން އެއްވެސް މުހިންމު ކަމެއް ނެތް ތަންތަނަށް ހަމަލާ ދިނުމުގައި ވެސް ޔަހޫދީން ބޭނުން ކުރަނީ މި އުސޫލު ކަމަށް އިންޓަވިޔު ދިން މީހުން ބުނެފައިވެއެވެ. އެ ހަމަލާތަކުގެ މަޤްޞަދަކީ ސުންނާފަތިކޮށް ފަނާކޮށްލުން ކަމަށް ވެސް އެ މީހުން ބުނެފައިވެއެވެ.

އެ ޑޮކިޔުމެންޓްރީގައި ޔަހޫދީން ބޭނުންކުރާ ކަމަށް މީގެ ކުރިން ހާމަވެފައިވާ ބައެއް ނިޒާމުތަކާ ގުޅޭގޮތުން ވެސް ދިރާސާކޮށްފައިވެއެވެ. އެ ގޮތުން ހަމާސްގެ މުޖާހިދުން ފާހަގަކުރުމަށް ޔަހޫދީން އެއްކޮށްފައިވާ ފަލަސްޠީނުގެ 37.000 ރައްޔިތުންގެ ނަން ހިމެނޭ ލިސްޓު ތައްޔާރުކުރާ ‘ލެވެންޑާ’ ނިޒާމާއި، ހަމަލާ ދިނުމުގައި އެ ނިޒާމުގެ މައްޗަށް ޔަހޫދީން ބަރޯސާވާ މިންވަރާ ގުޅޭ ވާހަކަތައް އެ ޑޮކިޔުމެންޓްރީގައި ހިމަނާފައިވެއެވެ. އޭގެ އިތުރުން ޔަހޫދީން ހަމަލާ ދިނުމަށް އަމާޒުކޮށްފައިވާ މީހުން އެ މީހުންގެ ޢާއިލީ ގެތަކަށް ދިޔުމުން އެ ކަން އެނގޭ ގޮތަށް ތައްޔާރުކޮށްފައިވާ ‘ވެއާ އިސް ޑެޑީ’ ނިޒާމާ ގުޅޭ މަޢުލޫމާތު ވެސް ހިމަނާފައިވެއެވެ. ހަމާސްގެ އާދައިގެ މެންބަރުން ކަމަށް ޔަހޫދީން ޝައްކުކުރާ މީހުންނަށް އެ މީހުންގެ ގެތަކުގައި ތިއްބައި، ރޭގަނޑުގެ ވަގުތު އެ މީހުންގެ ޢާއިލާ ހިމެނޭހެން އެ މީހުންނަށް ހަމަލާ ދޭ ކަމަށް ވެސް ޑޮކިޔުމެންޓްރީގައި ބަޔާންކޮށްފައިވެއެވެ.

ނާޒާ ޑޮކިޔުމެންޓްރީ އަޅުވާފައި ވަނީ 10 ސެޕްޓެމްބަރުގައި ވެނިސް އިންޓަނޭޝަަނަލް ފިލްމް ފެސްޓިވަލުގައެވެ. އެ ޑޮކިޔުމެންޓްރީއަށް ވަރަށް ބޮޑު ތަރުހީބެެއް ލިބިފައިވެއެވެ.