ވިކްޓްރީ ސްޕޯޓްސް ކުލަބުގެ ކޯޗުކަމާ ހަވާލުވިފަހުން އެޓީމުން ކުޅުނު ފުރަތަމަ މެޗުގައި ޓީސީ ސްޕޯޓްސް ކުލަބާ ދެކޮޅަށް ނުކުތްއިރު، މިއީ ފުރަތަމަ މެޗަށްވުމުން ހާސްވި ކަމަށާއި އެހެންނަމަވެސް ކުޅުންތެރިން މެޗުގައި ދެއްކި މޮޅު ކުޅުމާއެކު ހިތްހަމަޖެހުނުކަމަށް އެޓީމުގެ ކޯޗު މުޙައްމަދު ޝިޔާޒް (މޯހަން) ބުނެފިއެވެ.
ދިވެހި ލީގުގައި ވިކްޓްރީން ކުޅުނު ފުރަތަމަ މެޗުގައި ޓީސީ އަތުން މޮޅުވީ 1-5ގެ ނަތީޖާއަކުންނެވެ. މި މެޗުގެ ފުރަތަމަ ހާފު 1-1 އިން އެއްވަރުވެގެން ނިމުނު ނަމަވެސް ދެވަނަ ހާފުގައި ވިކްޓްރީގެ ކުޅުންތެރިން ދެއްކި މޮޅު ކުޅުމާއެކު އެޓީމުން އިތުރު ހަތަރު ލަނޑު ޖަހައި މެޗުން މޮޅުވިއެވެ.
މެޗަށްފަހު "ޕީއެސްއެމް ނިއުސް" އާ ވާހަކަދައްކަމުން ޝިޔާޒް ބުނީ، މުޅި މެޗުގައިވެސް ޓީމުގެ ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔައީ ވަރަށް މޮޅު ފުޓުބޯޅައެއް ކުޅުނުތަން ކަމަށެވެ. އެހެންނަމަވެސް މިއީ ފުރަތަމަ މެޗު ކަމަށާއި މި މެޗުގައި ދެއްކި ކުޅުން ކޮންމެ މެޗެއްގައިވެސް ދެމެހެއްޓެނިވި ގޮތެއްގައި ދެއްކޭތޯ ބަލަން ޖެހޭނެކަމަށް ޝިޔާޒް ބުންޏެވެ.
"ޖުމްލަކޮށް ބުނަންޏާ ވަރަށް ހިތްހަމަޖެހޭ. އަޅުގަނޑުވެސް ހަގީގަތަށް ބުނަންޏާ ވަރަށް ބޮޑަށް ހާސްވެފައި ހުރީ ފުރަތަމަ މެޗު ވީމަ. ކުޅުންތެރިންގެ ފަރާތުން ކޮންކަހަލަ ކުޅުމެއްތޯ ފެންނާނީ. ކިހާވަރެއްގެ އެފޯޓެއް ފެންނާނެތޯ. އެހުރިހާ ކަމެއް ވެސް ވަރަށް ރަނގަޅަށް ފެނިގެންދިޔައީ. ވަރަށް ރަނގަޅު ބޯޅައެއް ކުޅުނު. އެހެންނަމަވެސް މިއީ ސީޒަންގެ ފުރަތަމަ މެޗު. އަޅުގަނޑުމެން ކޮންސިސްޓަންޓުކޮށް މިކަން ކުރެވޭތޯ ބަލަންޖެހޭނެ". ޝިޔާޒް ބުންޏެވެ.
މި ސީޒަނަށް އެންމެ ރަނގަޅަށް ސްކޮޑު ވަރުގަދަކުރުމުގެ މަސައްކަތާއި، ތަމްރީނުވުމުގެ ކަންކަން ކުރި އެއް ޓީމަކީ ވިކްޓްރީއެވެ. އެގޮތުން ރާއްޖޭގެ ފުޓުބޯޅައިގައި ނަން ހިނގާ ކުޅުންތެރިންގެ ސޮއިހޯދައި، ރާއްޖޭގައި ތަފާތު ދައްކާފައިވާ ބިދޭސީ ބައެއް ކުޅުންތެރިންވެސް އެޓީމަށް ގެނެސްފައިވާއިރު، ލަންކާގައި ތަމްރީނު ކޭމްޕެއް ވެސް ކުރިއަށް ގެންގޮސްފައިވެއެވެ.
ޓީމަށް ގެނައި ކުޅުންތެރިންގެ ކުޅުމާ ގުޅޭގޮތުން ވާހަކަދައްކަމުން ޝިޔާޒް ބުނީ، ހުރިހާ ކުޅުންތެރިން ދެއްކި ކުޅުމާމެދު ވެސް ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށެވެ. ހާއްސަގޮތެއްގައި މަސައްކަތު ރޭޓު ވަރަށް ރަނގަޅުކަމަށް އޭނާ ބުންޏެވެ. ޕްރެކްޓިސްތަކާއި ތަމްރީނު ކޭމްޕުގައި ކުރި މަސައްކަތް، ދަސްކުރި ކަންކަން މެޗު ތެރޭގައި ފެނިގެންދިޔަކަމުގެ ހިތްހަމަޖެހުން ލިބުނުކަން އޭނާ ފާހަގަކުރިއެވެ.
އައު ސީޒަނާ ވިކްޓްރީން ބޮޑެތި ބަދަލުތަކަކާއެކު ކުރިމަތިލިއިރު ފާއިތުވީ ސީޒަންގައި ލީގުގައި ވިކްޓްރީއަށް ލިބުނީ ލީގު ތާވަލުގެ ހަވަނައެވެ. އެހެންނަމަވެސް މި ސީޒަނުގައި އެޓީމުގެ އަމާޒަކީ އެއަށްވުރެ ރަނގަޅު ނަތީޖާއެއް ނެރުމެވެ. އެ އަޒުމުގައި ކުރި މަސައްކަތުގައި ކުޅުނު ފުރަތަމަ މެޗުން ޓީސީ އަތުން ވިކްޓްރީ މޮޅުވިއިރު، ލީގުގެ ދެވަނަ މެޗުގައި ވިކްޓްރީ ނުކުންނާނީ މުޅިން އަލަށް ފުރަތަމަ ޑިވިޝަނަށް ކޮލިފައިވެ، ލީގުގައި ވާދަކުރަމުން އަންނަ ދިއްދޫ ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ.
ދިއްދޫއާއި ވިކްޓްރީ ބައްދަލުކުރާ މެޗު އޮންނާނީ އަންނަ ބުދަ ދުވަހުގެ ހަވީރު، ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައެވެ.