ޚަބަރު

ޝީނާ: ގޮންޖެހުންތަކާއެކު ހިތްވަރުކޮށް، ފުރަތަމަ ލައިސެންސްޑް އަންހެން ޓުއަރ ގައިޑު


  • ޓުއަރ ގައިޑެއްގެ ގޮތުގައި މަސައްކަތްކުރާތާ 2 އަހަރު

  • ލައިސެންސް ހޯދީ ދާއިރާގެ ސަނަދެއް ހޯދައިގެން

ރާއްޖޭގައި އެންމެ ކުރިއަރާފައިވާ އަދި މިހާރުވެސް އިތުރު ކުރިއެރުންތަކެއް ހޯދަމުން އަންނަ ފަތުރުވެރިކަމުގެ ސިނާއަތަކީ ގިނަ އަދަދެއްގެ ފިރިހެނުން ހަރަކާތްތެރިވަމުން އަންނަ ދާއިރާއެކެވެ. މީގެ އަހަރުތަކެއް ކުރިއަށް ބަލާނަމަ މި ދާއިރާގައި އަންހެނުންގެ އަދަދު މަދު ނަމަވެސް، ފަހަކަށް އައިސް އަންހެނުން ފަތުރުވެރިކަމުގެ ސިނާއަތުގައި އެކި ދާއިރާތަކުގައި ހަރަކާތްތެރިވާ މިންވަރު ވަނީ އިތުރުވެ ބޮޑެތި ކުރިއެރުންތަކެއްވެސް ހޯދަމުންނެވެ.

އެގޮތުން، ގޮންޖެހުންތަކާ ކުރިމަތިލައި، މުޖުތަމަޢުގެ ބައެއް ވިސްނުންތައް ބަދަލުކޮށްލުމަށްފަހު، ލައިސެންސް ލިބިފައިވާ ރާއްޖޭގެ ފުރަތަމަ އަންހެން ޓުއަރ ގައިޑުގެ ޝަރަފު ހޯދި ޢާއިޝަތު ޝީނާގެ އެހިސާބަށް ވާސިލުވާން ކުރި ދަތުރަކީ ގޮންޖެހުން ގިނަވި ދަތުރެކެވެ.

ކިޔެވުމާއި ކުޅިވަރުގެ ތެރެއިން ވަޒީފާގެ މައިދާނަށް

އައްޑޫ ސިޓީއަށް ފޭދޫއަށް އުފަން ޝީނާއަކީ އަބަދުވެސް މީހުންނާ ގުޅިގެން، އިޖުތިމާޢީ މާހައުލުތަކުގައި މަސައްކަތްކުރަން ލޯބިކުރި ކުއްޖެކެވެ. އޯލެވެލް ނިންމުމަށްފަހު، އޭނާ އެންމެ ބޮޑަށް ހިތްޖެހިފައި އޮތީ ކުޅިވަރުގެ ދާއިރާއަށެވެ. ޚާއްޞަކޮށް ވޮލީބޯޅައަށެވެ. އެ ދުވަސްވަރު ފަތުރުވެރިކަމުގެ ދާއިރާއަށް ވަނުމުގެ މާ ބޮޑު ޝައުޤުވެރިކަމެއް ނެތް ނަމަވެސް، ދިރިއުޅުމުގެ ހާލަތު ބަދަލުވެ، އަމިއްލަ ފައިމައްޗަށް ތެދުވުމަށްޓަކައި ވަޒީފާއެއް އަދާކުރަން މަޖުބޫރުވިއެވެ.

"ކިޔެވުމާއިގެން ކުރިއަށް ގޮސްފަ ދެން އޯލެވެލް ނިންމާލާފަ ދެން ހަމަ މުޅިންވެސް އުޅުނީ އަނެއްކާ ކުޅުމުގެ ތެރޭގަ. އަޅުގަނޑަކީ ވޮލީވެސް ކުޅޭ މީމީހެއްވީމަ ވަރަށް ބޮޑަށް ޝައުގު ހުރޭ ވޮލީ ކުޅެން. ވީމަ އެކަންތައްތަކާ އުޅުނީ. ދެން ފަހުން ލައިފްގަ ދިމާވި ކަމަކާ ހެދި އަމިއްލައަށް އަސްލު ވަޒީފާގެ ދާއިރާއިން ނިކުންނަން މަޖުބޫރުވެގެން ވަޒީފާއެއް ސްޓާޓް ކުރީ." ޝިނާ ކިޔައިދިނެވެ.

އައްޑޫގައި ހުޅުވުނު ފުރަތަމަ ފަސްތަރީގެ ރިސޯޓު ކަމަށްވާ ޝަންގްރިއްލާ ރިސޯޓުން ލިބުނު ފުރުޞަތުގެ ބޭނުން ހިފައި، އެތަނުގެ ފުޑް އެންޑް ބެވަރޭޖް، އެފްއެންޑްބީ ހޯސްޓެސްއެއްގެ ގޮތުގައި ވަޒީފާގެ މާހައުލަށް ނުކުތެވެ. އޭނާގެ ހީވާގިކަމާއި މުރާލިކަމުގެ ސަބަބުން، ވަޒީފާއަށް ނުކުތްތާ އެންމެ 6 މަސްދުވަހުގެ ތެރޭގައި ސާވިސް ލީޑަރެއްގެ މަޤާމަށް ޕްރޮމޯޓްވެ، އެ ރިސޯޓުގައި ވިދިވިދިގެން 5 އަހަރު ދުވަހު ޚިދުމަތްކުރިއެވެ

މާލެއަށް ބަދަލުވުން، އިދާރީ ވަޒީފާ އަދި އަނބުރާ ކުޅިވަރަށް

ރިސޯޓު ދިރިއުޅުން ދޫކޮށް މާލެ ބަދަލުވުމަށްފަހު، ޕްރައިވެޓް ކުންފުންޏެއްގެ އެޑްމިން ވަޒީފާއަކާ ޝީނާ ގުޅުނެވެ. ނަމަވެސް، އިދާރީ ކަންކަން ބެލެހުއްޓުމާއި ކަރުދާހުގެ މަސައްކަތްފަދަ ކަންކަމަކީ އެނާ އަށް އެހާ ޝައުގުވެރިވާ ކަމަކަށް ނުވެއެވެ. އެ ދުވަސްވަރު ޤައުމީ ވޮލީ މުބާރާތަކަށް ޗުއްޓީ ނަގައިގެން ހުއްޓާ، ވޮލީބޯޅަ އެސޯސިއޭޝަންގެ ފަރާތުން ޗައިނާގައި އޮތް 21 ދުވަހުގެ ތަމްރީނު ޕްރޮގްރާމަކުން ޝީނާއަށް ފުރުޞަތު ލިބުނެވެ.

ވަޒީފާ އަދާކުރަމުންދިޔަ އޮފީހުން ޗުއްޓީ އިތުރުކޮށްނުދިނުމުން، އޭނާ ނިންމީ ކުޅިވަރުގެ ފުރުޞަތު ދޫކޮށްނުލައި، ވަޒީފާއިން ވަކިވާށެވެ. ޗައިނާގެ ތަމްރީނު ނިންމާލުމަށްފަހު އެނބުރި އައިސް، ގާތްގަނޑަކަށް 4 އިން 6 މަސްދުވަހުގެ ދަތި އުނދަގޫ ދުވަސްތަކެއް ހޭދަކުރަން ޖެހުނެވެ. އަދި އެދުވަސްކޮޅުތަކުގެ ތެރޭގައި ފީލްޑް މަސައްކަތަކަށް ނުކުތުމަށް ރަޙުމަތްތެރިއަކު ދިން ޚިޔާލަކާއެކު، ޝީނާ އެއާޕޯޓް ރެޕްރެޒެންޓޭޓިވްއެއްގެ ވަޒީފާއަށް ކުރިމަތިލިއެވެ. އެއީ ފިރިހެނުން ލީޑްކުރާ ދާއިރާތަކެވެ. އޭރު މުޅި އެއާޕޯޓުގައިވެސް މަސައްކަތްކުރާ އަންހެނުންގެ އަދަދު އިނގިލިން ގުނާލެވޭހާ މަދެވެ.

އަލަށް ވަދެވުނު އެ މާހައުލުގައި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނެވެ. އެކި މިޒާޖުގެ، އެކި އުމުރުފުރައިގެ މީހުންނާ އެކު އުޅެންޖެހުމުން މާޔޫސްކޮށްލާ ފަދަ އެތައް ހާލަތަކާ ކުރިމަތިލާން ޖެހުނެވެ. ނަމަވެސް، ޝަންގްރިއްލާގެ ތަޖުރިބާއިން ދާއިރާ ރަނގަޅަށް ދަސްވެފައިވުމުން، އެ ވާހަކަތަކަށް ޝީނާ ދިނީ ބީރު ކަންފަތެކެވެ. އަދި އޭރު އޭނާގެ ވެރިއަކަށް ކުރި ފަރާތުން ލިބުނު ރައްކާތެރިކަމާއި އެއްބާރުލުމަކީ ދާއިރާއިން ކުރިއަރައިގެން ދިއުމަށް އޭނާއަށް ލިބުނު ހިތްވަރެކެވެ.

"ޝައިޒަން ހަމަ ވަރަށް ރަނގަޅު ހުރިހާ ކަމެއްގަ ވަރަށް ހެލްޕްފުލްވާނެ. އަނެއްކާ ކިރިޔާ މައްސަލައެއް ދިމާވާ އިރަށްވެސް ހަމަ ބުނާނެ ކޮލީގުން ކައިރީގަ އަންހެން ކުދިންނަށް އެގޮތަށް ނަހަދާށޭ. ވަޒީފާގެ މާހައުލުގަ އާންމު ގޮތެއްގަ އެގޮތަށް މީ އެކި ގޮތްގޮތަށް މިހެން އައިސް ވާހަކަ ދައްކާ، މީ އިންޑީސެންޓްކޮށްދޯ. އެއްވެސް ކަހަލަ އެޕްރޯޗެއް ނުކުރައްޗޭ. އެއީ ކަމަކުދާ ކަމެއްނޫނޭ. އެހެންވީމަ އޭނަ ވަރަށް ހަމަ ރަނގަޅު." ޕީއެސްއެމް ނިއުސްއަށް ޝިނާ ކިޔައިދިނެވެ.

އެއާޕޯޓް ރެޕްގެ ވަޒީފާގެ ތެރެއިން ގެސްޓުން ގޮވައިގެން ސިޓީ ޓުއާތަކާއި އެކްސްކާޝަންތަކަށް ދާންޖެހުމަކީ ޝީނާގެ ހިތުގައި މިދާއިރާއަށް އޮތް ޝައުގުވެރިކަން އިތުރުވި ސަބަބެކެވެ. އަދި މި ހިތްވަރާއެކު ލިބުނު ފުރުޞަތުގެ ބޭނުންހިފައި، މޯލްޑިވްސް ޓުއާ ގައިޑް އެސޯސިއޭޝަނާއި ޕޮލިޓެކްނިކް ގުޅިގެން ހިންގި ސެޓްފިކެޓް ލެވަލްގެ ޓުއަރ ގައިޑް ކޯހުގައި އޭނާ ބައިވެރިވިއެވެ. 6 މަސްދުވަހުގެ ދިގު މި ކޯސް އެތައް އަންހެން ކުދިންނަކާއެކު ފެށި ނަމަވެސް، އިމްތިހާނާ ހަމައަށް ދިޔައިރު ސާބިތުކަމާއެކު ހުރި ހަމައެކަނި އަންހެން ބައިވެރިއަކީ ޝީނާއެވެ. މިއާއެކު އޭނާ ވަނީ ފަޚުރުވެރިކަމާއެކު ރާއްޖޭގެ ފުރަތަމަ ރަސްމީ ލައިސެންސްޑް އަންހެން ޓުއަރ އޮޕަރޭޓަރުގެ ލަޤަބު ހޯދާފައެވެ.

"ލައިސަންސް މިލިބުނީ ރީސެންޓްލީ. މީދިޔަ އަހަރު އަސްލު އެ ކޯސް ފެށީ. ފަށައިގެން ކޯސް ނިންމާފަ ލައިސަންސް އަދި ކިރިޔާ މި ލިބުނީ. އަދި މީގެ ކުރިން ވެއްޖިއްޔާމުން ނުވެއް އޮވޭ ޓުއާ ގައިޑް އެސޯސިއޭޝަނުން އެހާބޮޑަކަށް ގަަވައިދެއް. ނެތީމަ ހަމަ ކޮންމެ މީހަކަށްވެސް ދެވޭނެ ޓުއަރ ގައިޑެއްގެ ގޮތުގަ. އެކަމު މިހާރު ރަސްމީކޮށް އޮންނަނީ މިކަމުގެ ލައިސަންސް ނެތް މީހުންނަށް އެގޮތަށް ޓޫރިސްޓުން ގޮވައިގެން އެގޮތަށް ނުދެވޭ ގޮތަށް،" ޝީނާ ކިޔައިދިނެވެ.

ހަނދާނުން ފޮހެލަން ދަތި ތަޖުރިބާތަކާއި މުޖުތަމަޢުގެ ފާޑުކިޔުން

ފަތުރުވެރިކަމުގެ ދާއިރާގައި ހޭދަކުރި 10 އަހަރާއި، ޓުއާ ގައިޑިންގގައި ވޭތުކުރި 2 އަހަރުގެ ތެރޭގައި ޝީނާއަށް ތަފާތު ތަޖުރިބާތައް ލިބުނެވެ. އެގޮތުން، 65 އަހަރުން މަތީގެ 500 އާއި 600 އާ ދެމެދުގެ ފަތުރުވެރިން އަންނަ ބޮޑެތި ކްރޫޒް ލައިނާތަކުގެ ޓުއަރތައް މެނޭޖުކުރުމާއި، ވީލްޗެއާގައި ތިބޭ ފަރާތްތަކާއެކު ކްރޮސްރޯޑްސް ފަދަ ތަންތަނަށް ދަތުރުތައް ރޭވުމަކީ ޝީނާ އެންމެ ގަޔާވާހިތުން ކުރާ އެއް ކަމެވެ.

"އަޅުގަނޑު ފުރަތަމަ އަޅުގަނޑަށް ދާންޖެހުނީ ކްރޮސް ރޯޑަށް. އެދުވަހު ނޭނގުނު ތޯ، ވަރަށް ބިރުން ހުރީ. ފުރަތަމަ ދާންޖެހޭ ބޯޓުގައިވެސް ގާތްގަނޑަކަށް 60 ޕެކްސް، އޭގައި ތިބި. ދެން ވީލްޗެއާރގައިވެސް ތިބި ގެސްޓުންތައްވެސް އުޅުނު. ދެން އެކަމާ ހެދި އަސްލު ވަރަށް ބޮޑަށް ޖެހިލުންވެ، ބިރުގަނެފަ އިނީވެސް. އަޅުގަނޑާއެކު އެދުވަހު އިތުރު ބަޑީއެއް ހުރި. އޭނާ ގައިޑެންސްވެސް ދިނީ. ދިނީމަ ދެން އޯކޭވެއްޖެ. އެކޮޅުގައި ތިބި ސްޓާފުންނާ އެންމެންނާ އެކޮށް މަސައްކަތް ކުރަން އެ ފުރުސަތު ލިބުނީމަ ވަރަށް ނައިސް،" ޝީނާ ކިޔައިދިނެވެ.

ޝީނާއަށް ވަނީ ހަނދާނުން ފޮހެލަން ދަތި އެތައް ކަންކަމާ ކުރިމަތިލާން ޖެހިފައެވެ. ޒަމާނުއްސުރެ މި ދާއިރާއަކީ ހަމައެކަނި ފިރިހެނުން މަސައްކަތްކުރާ ދާއިރާއެއް ކަމަށް މުޖުތަަމައު ދެކުމުގެ ސަބަބުން މީހުންގެ ފަރާތުންވެސް ޝީނާއާ ފުރައްސާރައާ ކުރިމަތިލާން ޖެހުނެވެ. އެގޮތުން މާލޭގެ ލޯކަލް މާރުކޭޓު ސަރަހައްދަށް ގެސްޓުން ގޮވައިގެން ދިޔަ ދުވަހު، ސަރަހައްދުގައި ތިބި ބަޔަކު "އަންހެން ކުއްޖަކު ގެސްޓުން ގޮވައިގެން ޓުއަރ ދަނިކޮށް ދުވަހަކުވެސް ނުދެކޭ" ކަމަށް ބުނެ ސުވާލު އުފެއްދިއެވެ. ޝީނާ އެމީހުންނަށް ދިނީ ވަރަށް ސާބިތު ޖަވާބެކެވެ.

"މިފަހަރު މިއޮތީ އަންހެނަކު ނުކުމެފައެވެ. ގެސްޓުންނަށް ޚިދުމަތް ދިނުމަކީ ވަކި ޖިންސަކަށް ޚާއްޞަވެފައި އޮތް ކަމެއް ނޫނެވެ. ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން އަޅުގަނޑުގެ ޤައުމުގެ ރީތިކަމާއި ސަގާފަތް ފަތުރުވެރިންނަށް ކިޔައިދިނުމުގެ ފުރިހަމަ ޙައްޤާއި ބާރު އަޅުގަނޑަށް ވެސް އެބައޮތެވެ." ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުގައި ޝީނާ ކިޔައިދިނެވެ.

ޒުވާނުންނާއި ބެލެނިވެރިންނަށް ޝީނާ ދޭން ބޭނުންވާ މެސެޖު

ޝީނާގެ ދަތުރަކީ މިއަދު މި ދާއިރާއަށް ވަންނަން ބޭނުންވާ އެތައް އަންހެން ކުދިން ނާމޫނާ ނަގަންވީ ދަތުރެކެވެ. މި ދާއިރާއަށް ފުރަތަމަ ވަންދުވަސްކޮޅު ތިން ހަތަރު އަންހެން ކުދިން އުޅުނުކަމުގައިވީނަމަވެސް މިހާރު ސްކޫލު ނިންމާ ގިނަ އަންހެން ކުދިންތަކެއް މި ދާއިރާއަށް ވަންނަމުންދާތީ އޭނާ އުފާކުރެއެވެ. މި ދާއިރާއަށް ނުކުންނަން ޖެހިލުންވާ ޒުވާނުންނަށާއި މުޖުތަމަޢަށް ޝީނާ ދޭން ބޭނުންވަނީ ވަރުގަދަ މެސެޖެކެވެ.

"ކެރިގެން މި ދާއިރާއަށް ނުކުންނާށޭ. އަޅުގަނޑުމެންގެ މުޖުތަމަޢުގައި ޤަދަރުވެރި ވަޒީފާއަކީ ހަމައެކަނި ޑޮކްޓަރުކަން، ޕައިލެޓުކަން ނުވަތަ ކެބިން ކްރޫކަން ފަދަ ރީތި ޔުނިފޯމު އަޅާ ވަޒީފާތައް ކަމަށް ދެކޭ ދެކކުން ބަދަލުކުރަން ވެއްޖެ. އަޅުގަނޑުމެންގެ ރާއްޖެއަކީ ފަތުރުވެރިކަމަށް މުޅިން ބިނާވެފައިވާ ޤައުމަކަށް ވާއިރު، މިއީ އިންތިހާއަށް ފުޅާ، މީހާގެ ވިސްނުމާއި ޝަޚުޞިއްޔަތު މުޅި ދުނިޔެއަށް ހުޅުވާލަދޭ އަގުހުރި ދާއިރާއެއް. ބެލެނިވެރިންނާއި ސްކޫލުތަކުގެ މުދައްރިސުންވެސް މި ދާއިރާގެ ހުރި ފުރުސަތުތަކަށް ކުދިން ހޭލުންތެރިކުރުވަން ޖެހޭ،" ޝީނާ ކިޔައިދިނެވެ.

ޝީނާ ފާހަގަކުރި ގޮތުގައި، ހޮސްޕިޓާލިޓީ އަދި ޓޫރިޒަމް ދާއިރާއަކީ އަންހެނުންނަށް މަސައްކަތް ކުރެވިދާނެ ދާއިރާއެކެވެ.

"ތިމާ ހޯދާ އުޖޫރައަކީ ހަލާލު ގޮތުގައި ހޯދާ އެއްޗެއް ކަމުގައި ވަނީނަމަ، ކޮންމެ ޙަލާލު މަސައްކަތަކީވެސް ޝަރަފުވެރި، ރީތި ކަމެއް. އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނުގައިވެސް އަންގަވަނީ އެކަކު އަނެކަކަށް އެހީތެރިވެ، އިންސާނިއްޔަތުކަން އިސްކުރުމަށް. އެހެން މީހުންނަށް ޚިދުމަތްދީ، ހިތްހަމަޖެހުން ހޯދައިދިނުމަކީ ޞަދަޤާތެއްގެ ދަރުމަ ލިބޭނޭ ހެޔޮ ޢަމަލެއް. އެހެންކަމުން، މި ދާއިރާގައި އަދިވެސް އޮތް ތަނަވަސް ފުރުސަތުތަކުގެ ބޭނުން ހިފައި، އަމިއްލަ ނަފްސަށް އިތުބާރުކޮށް، ކެރިގެން ކުރިއަށް ވަޑައިގަންނަވާ،" ޝީނާ ކިޔައިދިނެވެ.

ޢާއިޝަތު ޝީނާގެ މި ޢަޒުމާއި ސާބިތުކަމަކީ، ގޮންޖެހުންތަކާ ކުރިމަތިލައިގެން މެނުވީ ކާމިޔާބީގެ އައްސޭރިއަކަށް ވާސިލުނުވެވޭނެކަން ސާބިތުކޮށްދޭ ދިރިހުރި މިސާލެކެވެ. އޭނާ ކޮށައިދިން މި މަގަކީ، ރާއްޖޭގެ ފަތުރުވެރިކަމުގެ މައިދާނުގައި އަންހެނުންގެ ދައުރު ފުޅާކޮށް، ކުރިމަގުގެ ޖީލުތަކަށް ދެއްކި އަލިގަދަ ދަންމަރެކެވެ.