ދިވެހިރާއްޖެއަކީ ކުޑަ ޤައުމަކަށްވީނަމަވެސް، ރާއްޖޭގެ ތާރީޚަކީ މުއްސަނދި، އެހާމެ ދިގު ތާރީޚެކެވެ. ދިވެހި ތާރީޚުގެ އެންމެ ޝަރަފުވެރި އަސްލަކީ ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ޤައުމަކަށްވުމެވެ. 9 ޤަރުނު އިސްލާމީ ހިދާޔަތު ލިބިފައިވާ ޤައުމެއްގެ ގޮތުގައި ހޭދަކުރުމަކީ ރާއްޖެއަށް ލިބުނު އެންމެ މަތިވެރި ނިޢުމަތެވެ.
ތާރީޙީ ލިޔުންތަކުން ހާމަވާކަމަކީ ދުނިޔޭގެ ޤައުމުތަކުގައި އިސްލާމްދީން ފެތުރުނު ގޮތާއި، ދިވެހިރާއްޖޭގައި އިސްލާމް ދީން ފެތުރުނު ގޮތާ ދެމެދު ފަރަޤުތަކެއްވާކަމެވެ. ރާއްޖޭގައި އިސްލާމް ދީން ފެތުރެން ފެށީ، ރަސްކަމުގެ ހިސާބުންނެވެ.
މީލާދީން 1153 އަހަރު އޭރުގެ ރަދުން، ތީމުގޭ މަހާ ކަލަމިންޖާ އިސްލާމް ދީން ޤަބޫލުކުރައްވައި، އައްސުލްޠާނު މުޙައްމަދު ބިން ޢަބްދުﷲގެ ނަންފުޅު ޚިޔާރުކުރެއްވި ހިސާބަކީ ރާއްޖެ އިސްލާމްވުމުގެ ފެށުމެވެ. އިހު ޒަމާނުގައި ރާއްޖޭގައި އަޅުކަންކުރި، ބުޑިސްޓުދީން ދޫކޮށް ދިވެހި ދައުލަތުން ރަސްމީގޮތުން އިސްލާމްދީން ޤަބޫލުކޮށް ދިވެހިރާއްޖޭގެ ރައްޔިތުން އެދީނަށް އެނބުރުމަށް އޭރުގެ ރަދުން އަމުރުކުރެއްވީ ހިޖުރައިން 548 ވަނައަހަރުގެ ރަބީޢުލްއާޚިރު (1153 މ. ޖޫން) މަހުގެ ތެރޭގައެވެ.
އައްސުލްޠާނު މުޙައްމަދު ބިން ޢަބްދުﷲ، 1166 ވަނަ އަހަރާ ހަމައަށް ރާއްޖޭގެ ރަސްކަމުގައި ހުންނެވިއިރު، އިސްލާމީ ދައުލަތެއް ހިންގަވަން އިސްކަންދެއްވިއެވެ. އަދި އެ މަނިކުފާނު ދިވެހިންނާ ހަވާލުކޮށްދެއްވީ، އިސްލާމީ ހިދާޔަތުގެ އަޑުބޮޑު އަމާނާތެކެވެ.
އިސްލާމްދީނުގެ މަތިވެރި ނިޢުމަތް ދިވެހިންނާ ހަމައަށް ފޯރާފައިވަނީ ހިޖުރައިން 6 ވަނަ ޤަރުނުގެ ކުރީކޮޅެވެ. އެއީ މީލާދީން 12 ވަނަ ޤަރުނުގެ ކުރީކޮޅެވެ.
އެ ހިސާބުން ފެށިގެން މިއަދާ ހަމައަށްވެސް، ރާއްޖޭގެ ރައްޔިތުން އިސްލާމް ދީނުން ބޭރުކުރުމަށްޓަކައި ސިއްރާއި ފާޅުގައި މަސައްކަތްތަކެއް ކޮށްފަވާކަން ތާރީޙުން ސާފުކޮށް އެނގެން އެބައޮތެވެ. ނަަމަވެސް އެ ޙުރާފަތުތަކަށް ރާއްޖެ ދީލާނުލުމުގެ ސަބަބުތަކެއްވެއެވެ. ހިޖުރައިން 548 ވަނަ އަހަރުގެ ރަބީޢުލްއާޚިރު މަހު މުޅި ދިވެހި އުންމަތް އިސްލާމްދީނަށް އެނބުރުނީއްސުރެ މިއަދާހަމައަށް، އިސްލާމީ ހިދާޔަތުގެ މަގުގައި ރާއްޖެ ދެމި އޮތީ އެތައް ބައެއްގެ ބުރަ މަސައްކަތާއި، ހިންމަތާއި، މިންނަތުންނެވެ.
ޤައުމެއްގެ ހައިސިއްޔަތުން ބަލާނަމަ އަމިއްލަ ޒާތާއި، ޝަޙުސާ، ދީން އޭގެ އަސްލާއި އެއްގޮތަށް ދެމިއޮތުމުގައި، ފުރިހަމަ މާނައިގައި އެ ޤައުމެއް މިނިވަން ވެފައި އޮތުން މުހިންމު ދައުރެއް އަދާކުރެއެވެ. އެހެންކަމުން، މާޒީގައި ރާއްޖޭގެ މިނިވަންކަން ގެއްލި ދިޔަ ކޮންމެ ފަހަރަކު، ދިވެހި ކާބަފައިން ލޮތްބާއެކު، ދިވެހިންގެ މިނިވަންކަން އަނބުރާ ހޯދައިދެއްވުމުގައި، ދެއްކެވި ފުރިހަމަ ނަމޫނާއަކީ ދިވެހިން އިސްލާމް ދީނުގެ މަތީގައި ދެމި އޮތުމުގައި މުހިންމު ބައެކެވެ.
މީލާދީން 17 ވަނަ ޤަރުނާއި 18 ވަނަ ޤަރުނުގެ ތެރޭގައި ރާއްޖެއަށް އެކި ހަމަލާތައް ދީފައިވާއިރު، އެއިން ކޮންމެ ޙަމަލާއަކާ ކުރިމަތިލުމުގައި ދިވެހިން ދެއްކީ އިސްލާމީ މަތިވެރި ރޫޙެވެ.
ޕޯޗުގީޒުންގެ އަޅުވެތިކަމުގައި ރާއްޖެ އޮންނަންޖެހުނު ފަނަރަ އަހަރުގެ ތެރޭގައި، ކްރިސްޓިއަން ދީން ޤަބޫލުކުރުން ނޫނީ، މަރާ ކުރިމަތިލުން ނޫން އެހެން އެއްވެސް ގޮތެއް ނެތް ޙާލަތުގައިވެސް ދިވެހިން އިސްކުރީ ފުރާނަ ގެއްލުނަސް އިސްލާމްދީނުގެ މަތީގައި ދެމިތިބުމަށެވެ. މުޙައްމަދު ތަކުރުފާނާއި އެ ތަކުރުފާނުގެ އަރިހުގައިވި ހިތްވަރު ގަދަ މަދު ފަހުލަވާނުންގެ ކުރެއްވި މަސައްކަތުން ރާއްޖެ ސަލާމަތްކުރުމުގައި، އިސްކުރެއްވީ މާތްވެގެންވާ އިސްލާމް ދީނާއި ޤައުމުގެ މިނިވަންކަމެވެ.
މަލާބާރުންގެ އަތްދަށުން ރާއްޖެ ސަލާމަތް ކުރެއްވުމުގައި، މުލީގެ އައްސުލްޠާނު ޙަސަން ޢިއްޒަތްދީނު ވެވަޑައިގެންނެވި މަތިވެރި ޤުރުބާނީގެ ފަހަތުގައިވަނީވެސް މިފަދަ ޤައުމީ ޖަޒުބާތުތަކެވެ. މި މޭރުމުން، ދިވެހިންގެ މިނިވަންކަން ހޯދުމަށް ހަނގުރާމަކުރަންޖެހުނު ހާލަތުގައި ގަދަ ހިތްވަރާއިއެކު ނުކުމެ، ދިވެހި އަބްޠާލުން ކުރެއްވި ޖިހާދުގެ އަސްލަކީ، އިސްލާމް ދީނަށް ނަސްރާ ފަތަޙަ ހޯދާދިނުންކަން ގައިމެވެ. ﷲގެ ދީނަށް ނަސްރުދިނުމުގައި ކާބަފައިން ކުރެއްވި މަތިވެރި ޖިހާދަކީ އިސްލާމްދީނުގައި ރާއްޖެ ދެމި އޮތުމުގައި މުހިންމު ދައުރެއް އަދާކުރާކަމެކެވެ.
ރާއްޖޭގެ ރައްޔިތުން އިސްލާމްދީނާއި ދުރުކޮށް، ޢައިރު ދީންތަކަށް ވައްދަން އެކި ދުވަސްވަރު ކުރަމުންއައި މަސައްކަތް ކާމިޔާބު ނުވާ ސަބަބަކީ އިސްލާމްދީނުގެ ސާފުސީދާކަމެވެ. ރާއްޖޭގައި ރަސްކަންކުރެއްވި ބޭފުޅުންނާއި، ޤައުމުގެ އިސްވެރިންގެ ސިޔާސަތުތައް ރާވާލުމުގައި އިސްލާމް ދީން އިސްކުރެއްވުމަކީ، ދިވެހިން އިސްލާމް ދީނުގެ މަތީގައި ދެމި ތިބުމަށް މުހިންމު ފިޔަވަޅެކެވެ.
ދީން ހިމާޔަތްކުރުމާއި، އިސްލާމީ އަޚުލާޤާއި، ދީނީ ޝިޢާރުތައް ރާއްޖޭގެ އެކިކަންކޮޅުތަކަށް ފެތުރުއްވުމުގައި އެ ބޭފުޅުން ދެއްވާފައިވާ އިސްކަމަކީ ދިވެހިންގެ ދީނީ ތަނބު ވަރުގަދަކޮށް، ދެމެހެއްޓުމުގެ ބާރެވެ.
މާތްﷲއަށްޓަކައި އަޅުކަންއަދާކުރުމަށް ފަހިކޮށްދިނުމަށް މިސްކިތްތަކުގައި ނަމާދުކުރުމުގެ އިންތިޒާމްތައް ޤާއިމްކޮށްދެއްވުމާއި، ދީނީ ޢިލްމުވެރިން ބިނާކުރެއްވުމާއި، ދީނުގެ ހަމަތައް ކުޑަކުދިންނާއި ބޮޑެތި މީހުންނަށް އުނގަންނައިދެއްވުމުގައި ދަޢުލަތުން ދެއްވާފައިވާ އިސްކަމަކީ ދިވެހިންގެ އިސްލާމީ އަޚުލާގު ތަރުތީބުކުރުމުގައި މުހިންމު ބިންގަލަކަށްވެގެންދެއެވެ.
ޢަރަބި ބަހަށް ދެއްވާ ސަމާލުކަމާއި، މަދަރުސީ ތަޢުލީމުގައި އިސްލާމް ދީން އުނގަންނައިދިނުމުގެ މަންޙަޖަކަށް އިސްކަންދެއްވުމަކީ އިސްލާމީ އަޚުލާގު ދިވެހި ހިތްތަކުގައި ފަވާލުމަށް މަގުފަހިކޮށްދޭ ސަބަބެވެ.
ދިވެހިން މި ދީނުގެ މަތީގައި ދެމިތިބުމަށް ދެއްކެވި ރިވެތި ނަމޫނާއަކީވެސް އިސްލާމް ދީން ދިވެހިންގެ މެދުގައި އަށަގަނެފައި އޮތުމުގެ މުހިންމު ސަބަބެކެވެ. ޅަފުރައިން ފެށިގެން ދީނުގެ އަޤީދާ އުނގަންނައިދީ، ދީނީ ވަޙުދަތު ދިވެހި ހިތްތަކުގައި ރުކުރުވާލުމަށް ކޮންމެ ދިވެހި މަޔަކާއި ބަފަޔަކު ކުރި މަސައްކަތަކީ، އިސްލާމީ މުޖުތަމަޢުއެއް ރާއްޖޭގައި ބިނާކުރުމުގެ އަސްލެވެ.
އުނގެނުމުގެ ފުރަތަމަ މަރުހަލާއެއްގެ ގޮތުގައި އަރަބިއަކުރުގައި ވޮށުފިލާ އެޅުމުންފެށިގެން، ދެނަމާދުދޭތެރޭގައި ޤުރުއާންކިޔެވުން ފަދަ އާދަތަކަކީ ދިވެހި އާއިލާތަކުން ދަމަހައްޓަމުން އަންނަ ރީތި އިސްލާމީ އަޚުލާޤުގެ މިސާލެވެ. އިސްލާމީ ތަރުބިއްޔަތުގެ އުސްލޫބާ އެއްގޮތަށް ދަރިން ތަރުބިއްޔަތުކުރުމަށް ދިވެހިންދޭ އިސްކަމަކީ ރާއްޖެ އިސްލާމްދީނުގެ މަތީގައި ދެމިއޮތުމަށް އެޅޭ މުހިންމު ބާރެކެވެ. އެހެންކަމުން އެއީ ދިވެހިން ކުރިއަށްއޮތްތަނުގައި ދެގޮތެއް ނުވެ ދަމަހައްޓަންޖެހޭ އާދައެކެވެ.
ޒަމާނުއްސުރެ ދިވެހިންގެ މެދުގައި އޮތް އެއްބައިވަންތަކަމާއި، އިސްލާމްދީނަށް އޮތް ލޯތްބެއްގެ ބޮޑުކަމަކީ ދިވެހިން އިސްލާމްދީނުގެމަތީގައި ދެމިއޮތް ސަބަބެވެ. އެހެންކަމުން، ދިވެހި އަބްޠާލުން އަދުގެ ދިވެހި ޖީލާއިހަމައަށް އަމާނާތްތެރިކަމާއި އެކު ފޯރުކޮށްދިން، އިސްލާމީ ރިވެތި ރިސާލަތު މުސްތަޤްބަލުގެ ޖީލުތަކަށް ވާސިލްކޮށްދިނުމުގެ މަސްޢޫލިއްޔަތު މިއަދު ހަވާލުވެފައިވަނީ އަޅުގަނޑުމެންނާއެވެ. މިއީ ޤައުމީ އަދި ފަރުދީ ފެންވަރުގައި ދިވެހި ކޮންމެ މީހަކާ ހަވާލުވެފައިވާ އަމާނާތެކެވެ.
މާދަމާގެ ދިވެހިންނަކީ، އެއް ޘަޤާފަތަކާއި އެއް ތާރީޚެއް ޙިއްސާކުރާ ސައްތަވަންތަ މުސްލިމު ދިވެހިންނަށް ހެދުމަށް ތިމާއަށް އަދާކުރެވިދާނެ ދައުރާމެދު ވިސްނާ، އެ ޒިންމާ އިޚްލާސްތެރިކަމާއެކު އަދާކުރުމަކީ އަޅުގަނޑުމެން އެންމެންގެ އަޒުމުކަމަށްވާންޖެހެވެ. މާތްﷲ ދިވެހިން އިސްލާމްދީނުގެ މަތީގައި ދެމެހެއްޓުމުގެ ތަޢުފީގު ތާއަބަދަށް މިންވަރުކުރައްވާށިއެވެ. އާމީން!