ޚަބަރު

އެސްއޯއީތައް މަދުކޮށް ހިންގުމަށް ހަރުދަނާ ބަދަލުތަކެއް


  • ކުންފުނިތަކުގެ އޮނިގަނޑަށް ބަދަލު ގެނެސް ހިންގުން ހަރުދަނާ ކުރުމުގެ މަސައްކަތް ވަނީ ފަށާފައި

  • ދެ ކުންފުންޏެއް އުވާލާ އެހެން ކުންފުންޏަކާ މަަސައްކަތް ހަވާލުކުރާނެ

  • ހިއްސާ ވިއްކާފައިވާ ދެކުންފުންޏެއްގެ ހިއްސާ އަނބުރާ ގަތުމަށް ނިންމައިފައިވޭ

ދައުލަތުގެ ގިނަ ކުންފުނިތަކެއް ހެދިފައި ހުރިއިރު، މީގެ ތެރެއިން ގިނަ ކުންފުނިތަކަކީ ގެއްލުމުގައި ހިންގަމުންދާ ކުންފުނިތަކެކެވެ. މާޒީއަށް ބަލާއިރު މި ކުންފުނިތައް ވެގެންދިޔައީ ކޮރަޕްޝަނާއި ދައުލަތުގެ މުދަލުގެ ނާޖާއިޒް ފައިދާ ނެގުމުގެ ވަސީލަތަކަށެވެ.

ދިގު މުއްދަތަކާށް ދެމިގެންދާ މައްސަލައަކަށް ހައްލެއް ހޯދުމަކީ އުނދަގޫ ކަމެކެވެ. ނަމަވެސް ސާރުކާރުން މިހާރު ވަނީ ކުންފުނިތައް ރައިޓް ސައިޒްކޮށް ކުންފުނިތަކުގެ ހިންގުމަށް ހަރުދަނާ ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ފަށާފައެވެ.

ދައުލަތުގެ ކުންފުނިތަކުގެ މައްސަލަ ހައްލުކުރަން ޖެހޭ ސަބަބުތައް ގިނައެވެ. ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި ކުންފުނިތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ އަދަދު މިހާރު ވަނީ 41،000 މައްޗަށް އަރާފައެވެ. އަޅާ ކިޔާ ނަމަ ސިވިލް ސާވިސްގައި މަސައްކަތް ކުރަނީ 30،000 އެއްހައި މުވައްޒަފުންނެވެ. މިއަދަދަށް މުވައްޒަފުންގެ އަދަދު އިތުރުވިނަމަވެސް ކުންފުނިތަކުންގެ ހިންގުމުގެ މައްސަލަތައް އިތުރުވުމާއި ޚަރަދުތައް ދެކޮޅު ނުޖެހި ބަޖެޓުން ކުރަންޖެހޭ ޚަރަދުތައް އިތުރުވުމާއެކު، ސަރުކާރުން ވަނީ ކުންފުނިތަކަށް ހަރުދަނާ ބަދަލުތަކެއް ގެނައުމަށް ނިންމާފައެވެ.

އެންމެ ފުރަތަމަ ކުރަން ނިންމި އެއް ކަމަކީ ކުންފުނިތައް ރައިޓް ސައިޒު ކުރުން ނުވަތަ ކުންފުނީގެ ހިންގުން ހަރުދަނާކުރުމަށް އިދާރީ އޮނިގަނޑަށް ބަދަލު ގެނައުމެވެ. މިކަމުގެ ތެރެއިން ކުންފުނީގެ ހިންގުމުގައި ބޭނުން ނުކުރެވޭ މުވައްޒަފުންނަށް ވަކިވުމުގެ ފުރުސަތު ބައެއް ކުންފުނިތަކުން ދީފައިވާއިރު އެހެން ކުންފުނިތަކުން މުވައްޒަފުން މަދުކުރުމަށް ތަފާތު އެކި ފިޔަވަޅުތައް އަޅާފައިވެއެވެ. ފެނަކަ ފަދަ ކުންފުނިތަކުން ވަނީ ކުންފުނީގެ މުވައްޒަފުން ބައެއް ރަށްރަށުގައި ކުރާނެ މަސައްކަތެއް ނެތިވެސް ތިބެން ޖެހޭ ކަމަށެވެ.

ސަރުކާރުން ކުންފުނިތައް ރައިޓް ސައިޒް ކުރުމަށް ކުރާ މަސައްކަތުގެ އިތުރަށް އެއްގޮތް މަސައްކަތް ކުރާ ނުވަތަ ކުންފުނީގެ މަސައްކަތާއި ގުޅޭ ގޮތަށް މަސައްކަތް ކުރާ ކުންފުނިތައް އެއްކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިކަމުގެ ބައެއް ތަފްސީލްތައް ހިއްސާކޮށްފައިވެއެވެ.

އެންމެ ބޮޑު އެއް ބަދަލަކީ ވާނީ މުޅި ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައިވެސް ކޮންމެވެސް އެއް ސިފައެއްގައި ހަރަކާތްތެރިވަމުން އައި ފެނަކަ ކުންފުނި އުވާލާ ކުންފުނީގެ މަސައްކަތް ސްޓެލްކޯއާއި ހަވާލުކުރުމަށް ނިންމި ނިންމުމެވެ. ކުންފުނީގެ މަސައްކަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރަން ނިންމުމުގެ އެންމެ ބޮޑު އެއް ސަބަބަކީ ކުރީގެ ސަރުކާރުގައި ފެނަކަ މެދުވެރިކޮށް ނަހަމަ ފައިދާ ނެގުމުގެ ސަބަބުން ކުންފުންޏަށް ބޮޑެތި ގެއްލުންތަކައި ކުރިމަތިވެފައި އޮތުމެވެ. މިކަމުން އަރައިގަނެވޭނެ ގޮތެއް ނެތްކަން ފަންނީ މާހިރުން ލަފާ ދެއްވުމުން ސަރުކާރުން ނިންމީ ކުންފުނި އުވާލާށެވެ.

ދެން އެފަދަ ބޮޑު ބަދަލެއް ގެންނަނީ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އާރްޑީސީއާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީ އެއްކޮށްލުމެވެ. ދާދި އެއް މަސައްކަތްތަކެއް މި ދެކުންފުނިން ކުރަމުން ދިއުމާއެކު ވަކި ދެބަޔަކު މަސައްކަތް ކުރާއިރު ޖުމްލަ ޚަރަދު ބޮޑު ކަމަށް ސަރުކާރުން ވިދާޅުވެއެވެ. އެހެން ކަމުން މި އާރްޑީސީ އުވާލާ އެމްޓީސީސީއާއި އެއްކޮށްލުމުން ސަރުކާރު ހިއްސާ އެމްޓީސީސީ ގައި ބޮޑުވެ މަސައްކަތްތައް ހަރުދަނާ ކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް އުފައްދާފައިވާ އެގްރޯނެޓް ކުންފުނި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް، މިފްކޯގެ ދަށަށް ދަށަށް ބަދަލުކުރުމަށްވެސް ވަނީ ނިންމާފައެވެ. މި ބަދަލާއެކު ލިބިގެންދާ "އިޤްތިޞާދީ ފައިދާ" ތަކެއް ހުރިކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ސަރުކާރުގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ލަނޑުދަނޑި ހާސިލްކުރުމާއެކު ދެ ކުންފުނި ގުޅިގެން މަސައްކަތް ކުރެވިދާނެ މަސައްކަތްތައް ހުރިކަން ސަރުކާރުން ފާހަގަކުރެއެވެ.

ސަރުކާރުން ކުންފުނިތައް އުވާލުމުގެ އިތުރަށް މީގެ ކުރިން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިއްސާ ބޭރުގެ ފަރާތްތަކަށް ވިއްކާލާފައި ވުމާއެކު އެ ހިއްސާ އަނބުރާ ގަތުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. މީގެ ތެރޭގައި ރާއްޖޭގެ މުވާސަލަތީ ޚިދުމަތް ދޭ ދިރާގުގެ މައި ހިއްސާދާރަށް ދިވެހި ސަރުކާރު ވުމަށް އެކުންފުނީގައި އޮންނަ ސަރުކާރުގެ ހިއްސާ 51 އިންސައްތައަށް އިތުރުކުރުމަށް ވަނީ ނިންމާފައެވެ. އަދި ހިޓާޗީ ކުންފުންޏަށް ވިއްކާލާފައި އޮތް މޯލްޑިވްސް ވޯޓަރ އެންޑް ސިވަރޭޖް ކޮމްޕެނީ ލިމިޓެޑްގެ ހިއްސާ އަލުން އަނބުރާ ގަނެ، އެކުންފުންޏަކީ ސައްތައިން ސައްތަ ދިވެހި ސަރުކާރުގެ ހިއްސާ އޮންނަ ކުންފުންޏަކަށް ހެދުމަށް ވަނީ ނިންމާފައެވެ. މި ބަދަލަކީ ސަރުކާރުން ހާސިލްކުރަން ބޭނުން ކަންކަން ހާސިލްކުރުމަށް އަޅާ ފިޔަވަޅެއް ކަމަށް ސަރުކަރުން ވިދާޅުވެއެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ބޮޑެތި ބަދަލުތަކެއް ގެންނައިރު، ސަރުކާރުގެ އަމާޒަކީ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް ޚަރަދުތައް ކުޑަކުރުމެވެ. އަދި ރައްޔިތުންނަނަށް ދެވޭ ޚިދުމަތުގެ ފެންވަރު މަތިކުރުމަކީވެސް މިމަސައްކަތުގެ މުހިންމު އަމާޒެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ. މިހާރު ސަރުކާރުން ކުރަމުންދަނީ އުވާލާ އެއްކޮއްލާ ކުންފުނިތައް އުވާލުމުގެ ކުރިން ކުރަންޖެހޭ ކަންކަމެވެ. އަދި ހިއްސާ ގަތުމަށް ގަސްތުކުރާ ކުންފުނިތަކުގެ ހިއްސާދާރުންނާއެކު މިހާރު މަޝްވަރާތައް ފަށާފައިވާ ކަމަށް ސަރުކާރުން ވިދާޅުވެއެވެ.