އިސްލާމީ ދާއިރާއިން މިހާރު ކުރިއަށްދާ މަޝްރޫޢުތަކަކީ ކުރިއަށް އޮތް ޖީލުތަކަށް މި ޤައުމު އިސްލާމީ ޤައުމެއްގެ ގޮތުގައި ފޯރުކޮށްދިނުމަށް ކުރެވޭ މުހިންމު މަސައްކަތްތަކެއްކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ރާއްޖެ އިސްލާމްވީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުން ވަޒީރު ޑރ. ޝަހީމްގެ ވާހަކަފުޅުގައި ވަނީ މިއަދާ ހަމައަށް ރާއްޖެ އިސްލާމީ ޤައުމެއްގެ ގޮތުގައި އޮތް ސަބަބުތަކަށް އަލިއަޅުވާލައްވާފައެވެ.
ދިވެހިރާއްޖެ އިސްލާމީ ޤައުމެއްގެ ގޮތުގައި މިއަދާ ހަމައަށް އައިރުވެސް އޮތުމުގެ އެންމެ ބޮޑު ސަބަބެއްގެ ގޮތުގައި މާތް ﷲގެ ފަޟުޟުވަންތަކަން ފާހަގަކުރައްވާ ދުނިޔެވީ ސަބަބުތަކަށްވެސް ވަޒީރު އަލިއަޅުވާލެއްވިއެވެ.
ވަޒީރު ވިދާޅުވީ، ޤައުމަށް ދިނީ ގޮތުންނާ މިނިވަންކަމުގެ ގޮތުން ގޮންޖެހުންތައް ކުރިމަތިވާ ކޮންމެ ދަނޑިވަޅެއްގައި ދިވެހިންގެ ސަފުތައް އެއްބައިވަންތަ ކުރުވަނީ މާތްވެގެންވާ އިސްލާމްދީންކަމަށެވެ. އަދި އިސްލާމްދީނުގެ މަތިވެރި އަޤީދާގައިި ހިފަހައްޓައިގެން ތިބެ އަނބުރާ އިސްލާމްދީނުގެ ހިދާޔަތުގެ ތެރެއަށް ގެންނަނީ ދިވެހި ރައްޔިތުންކަން ވަޒީރު ފާހަގަކުރެއްވިއެވެ.
"ރައްޔިތުންގެ ވަރުގަދަ ޖިހާދުން. 900 އަހަރު ދުވަހުގެ ތެރޭގައި ދައުލަތުން އިސްލާމްދީން ހިމާޔާތް ކުރުމަށްޓަކައި ގެނގުޅުނު ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުން. ރަސްކަމުގެ ދުވަސްވަރުގައާއި އެކި މަރުހަލާތަކުގައި ރަސްރަސްކަން ކުރެއްވި މީހުންނާއި ވެރިން ކުރެއްވި ޚިދުމަތް ކުރެއްވި މަސައްކަތްތައް ހަނދާނަށް ގެންނަން ޖެހޭ. އިސްލާމީ އުންމަތަށް ދިވެހި ޤައުމާމެދު އޮންނަ ގުޅުމަކީ، އިސްލާމީ ޤައުމާ މެދުގައި އޮތް ބަދަހި ގުޅުމަކީ ރާއްޖެ އިސްލާމީ ޤައުމެއްގެ ގޮތުގައި ދެމިއޮތުމަށް މެދުވެރިވި ވަރަށް މުހިއްމު ސަބަބެއް." އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ސަޢީދު ވިދާޅުވިއެވެ.
ރާއްޖޭގައި 900 އަހަރު ވަންދެން އިސްލާމް ދީން ހިމާޔަތް ވެފައި އޮތް މުހިންމު އަނެއް ސަބަބެއްގެ ގޮތުގައި ވަޒީރު ފާހަގަކުރެއްވީ ދުސްތޫރީ ގޮތުންނާއި ޤާނޫނީ ގޮތުން ހިމާޔަތްވެފައި އޮތުމުންކަމަށެވެ. އަދި ކުރިއަށް އޮތް ޤަރުނުތަކަށްވެސް ދިވެހިރާއްޖެ އިސްލާމީ ދައުލެއްތެއްގެ ގޮތުގައި ކުރިއަށްދާނީ މިގޮތަށް ހުރި ޤާނޫނުތައް އިތުރަށް ހަރުދަނާކޮށް އިސްލާމް ދީނާ ޚިލާފުނުވާނޭ ގޮތުގެ މަތިން ޤާނޫނުތައް ހެދުމުގެ ހަރުދަނާ ނިޒާމެއް ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ޤާއިމްކޮށްގެންކަމަށެވެ.
އިސްލާމީ ދާއިރާއިން ކުރިއަށްގެންދާ މުހިިންމު މަޝްރޫޢުތަކަށް އަލި އަޅުވާލައްވަމުން ވަޒީރު ވިދާޅުވީ މިދިޔަ 2 އަހަރުގެ ތެރޭގައި މުހިންމު މަސައްކަތްތަކެއް ކޮށްފައިވާކަމަށެވެ.
އެގޮތުން ޒަކާތުގެ ޤާނޫނެއް ވުޖޫދުކޮށް ޒަކާތުގެ ކަންކަން ހަރުދަނާކޮށްފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. މިއާއެކު ޒަކާތަށް އޮތް އިތުބާރު ބޮޑުވެ އެއް އަހަރުން އަނެއްއަހަރަށް ޒަކާތުގެ ގޮތުގައި ލިބޭ މިންވަރުވެ އެކަމުގެ ނަފާ ބޮޑުވެފައިވާކަމަށެވެ. އަދި 6 އަހަރުދުވަހުގެ މެދުކެނޑުމަށްފަހު ޒަކާތުގެ ސްކޮލަރޝިޕް މިދިޔަ އަހަރުން ފެށިގެން އަލުން ދޭން ފަށާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
"ތާރީޚުގައި ގެންދެވޭ އެންމެ ބޮޑެތި ވަޤުފު މަޝްރޫޢުތައް މިދަނީ ހިންގަމުން. މި މަޝްރޫޢުތައް 2 އަހަރު ދުވަހުގެ ތެރޭގައި ނިންމުމަކީ އަމާޒެއްކަމަށް. ވަޤުފުގެ ނިޒާމް މުޅި ރާއްޖެއަށް ދަނީ ފުޅާވަމުން. ދާރުލްނޫރުގެ ނަމުގައި މިއަހަރުގެ ފަހުކޮޅު ނުވަތަ އަންނަ އަހަރުގެ ކުރީކޮޅު އެ މަޝްރޫއު ފެށުމަށް މަސައްކަތްދަނީ ކުރަމުން. މިތަންތަނުގެ ނަތީޖާއަކީ އެތައް ސަތޭކަ މިލިޔަން ރުފިޔާ ވަޤުފު ފަންޑަށް ޖަމާކުރެވިގެންދިޔުން. އެއާއެކު މުޅި ޤައުމަށް އިސްލާމީ ޙިދާޔަތުގެ ނޫރު ފެތުރުމަށްޓަކައި ބޭނުންވާ ފައިސާ ދިވެހި ދައުތަލަށް ލިބޭނެ. 2 އަހަރު ދުވަހުގެ ފަހުން އެދުވަސްތައް ފެންނާނެ." އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ވިދާޅުވިއެވެ.
ކީރިތި ޤުރުއާންނުގެ ޢިލުމް ފެތުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކޮށް ވަޒީރު ވަނީ ޙާފިޒުންގެ އެލަވަންސްވެސް ބޮޑުކޮށްފައިވާކަމަށް ވިދާޅުވެފައެވެ. އަދި ކީރިތި ޤުރުއާންގެ އިލްމު ރާއްޖޭގެ އެކިކަންކޮޅުތަކަށް ފުޅާކުރުމުގެ ގޮތުން 30 ރަށެއްގައި ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮފިތައް ޤާއިމްކޮށްފައިވާކަމަށާއި 20 ތަނެއް ރަޖިސްޓަރކުރުމުގެ މަސައްކަތް ކުރިއަށް ދާކަމަށް ވިދާޅުވިއެވެ. އަދި 58 ތަނެއްގެ މަސައްކަތްތައް ކުރަމުންދާކަމަށާއި 30 ތަނެއް ތަރައްޤީކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމެނުމަށް ނިންމާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ މިކަންކަމުގެ ބޭނުމަކީ އިސްލާމީ ޤައުމެއްގެ ގޮތުގައި ދެމެހެއްޓުމަށްޓަކައި މަސައްކަތްތައް ކުރުންކަމަށާއި ކުރިއަށް އޮތް ޖީލުތަކަށް މި ޤައުމު އިސްލާމީ ޤައުމެއްގެ ގޮތުގައި ފޯރުކޮށްދިނުންކަމަށެވެ.
ވަޒީރުގެ ވާހަކަފުޅުގައި ވަނީ މިއަދު ޤައުމު ހޭދަކުރަމުން ދަނީ އިސްލާމީ ގޮތުން ހެޔޮ ދުވަސްތަކެއްކަމަށާއި މިދުވަސްތައް ދެމެހެއްޓުމަށްޓަކައި ގުޅިގެން މަސައްކަތް ކުރަންޖެހޭކަމަށް ވިދާޅުވެފައެވެ. އަދި ސިޔާސީ ގޮތުން ޚިޔާލު ތަފާތުވިނަމަވެސް ދީނުގެ ކަންކަމާއި ޤައުމުގެ މިނިވަންކަމާ ގުޅުން ހުރި ކަންތައްތަކުގައި އެއްބައިވަންތަ ބަޔަކަށް ވާންޖެހޭކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވިއެވެ.