މިހާރު ރާއްޖެއަށް ކުރަމުން އަންނަ ވިއްސާރައިގައި ބައެއް ރަށްރަށަށް މިއަދުވެސް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.
މޫސުން ގޯސްވާނެކަމަށް ލަފާކޮށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ބ އަތޮޅުން ފެށިގެން ލ އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފައެވެ. މި ސަމާލު ނެރެފައިވަނީ މެންދުރު 14:00 އާ ހަމައަށެވެ. އެއިދާރާއިން ވިދާޅުވީ ގަޑިއަކު 19 މޭލާ 24 މޭލާ ދެމެދު ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެކަމަށެވެ. އަދި ކަނޑުތައްވެސް ގަދަ ވާނެކަމަށްވަނީ ލަފާކޮށްފައެވެ. ރާޅުގެ އުސްމިން ހުންނާނެ ކަމަށް ލަފާކޮށްފައިވަނީ 4 ފޫޓާ 7 ފޫޓު ދެމެދުގައެވެ.
ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށް މިއަދު ހެނދުނު 09:30 އާ ހަމައަށް މުޅި ރާއްޖެއަށް ވެސް ވަނީ ހުދު ސަމާލު ނެރެފައެވެ. ހުދު ސަމާލު ނެރެފައިވަނީ ބޯކޮށް ވާރޭވެހުމާއި ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށެވެ.
މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ރާއްޖެއަށް މޫސުން ގޯސްވާން ވަނީ ފަށާފައެވެ. އަދި މިހާރު ލަފާކުރާގޮތުން އަންނަ ބުދަ ދުވަހާ ހަމައަށް ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެއެވެ.
މިހާރު ރާއްޖެއަށް ކުރަމުން އަންނަ ހުޅަނގު މޫސުމުގެ ވިއްސާރައިގައި ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ހާދިސާތައްވަނީ ހިނގާފައެވެ. އެގޮތުން އައްޑޫ ސިޓީ ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަށް ފެންވަދެ، އެކިވަރުގެ ގެއްލުންތައް ވަނީ ލިބިފައެވެ.
މިވިއްސާރައިގައި އަންނަ ބުދަ ދުވަހާ ހަމައަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށްފައިވާތީ، ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިންވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ފެންބޮޑުވުމުގެ ސަބަބުން ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވުމަށް ކަމާބެހޭ ފަރާތްތަކުންވަނީ އިލްތިމާސްކުރައްވާފައެވެ.