ޣައްޒާގެ ހަސްފަތާލުތަކުގައި ބޭނުން ކުރަމުންދާ ޖަނަރޭޓަރުތަކުގެ ތެރެއިން ގިނަ ޖަނަރޭޓަރުތަކެއް ތެލާއި ސްޕެއާ ޕާޓު ލިބުމުގައި ދަތިތައް ކުރިމަތިވެ ހުއްޓުމަކަށް އައިސްފިއެވެ.
ޣައްޒާގެ ޞިއްޙީ ވުޒާރާއިން ބުނީ ފާއިތުވި މަދު ދުވަސްތަކުގައި ގިނަ ޢަދަދެއްގެ ޖަނަރޭޓަރުތައް ހުއްޓިފައިވާ ކަމަށާއި އޭގެ ސަބަބުން ހަސްފަތާލުތަކުގައި ކަރަންޓު ހިންގުމަށް ދަތިވެ ގޮންޖެހުންތައް ކުރިމަތިވެފައިވާ ކަމަށެވެ. ޔަހޫދީން ޣައްޒާއަށް އެތެރެކުރުމަށް ޙުއްދަދޭ މަދު ޢަދަދުގެ ތެޔޮ ފުދެނީ ހަމައެކަނި ކުއްލި ބޭނުންތަކަށް ކަމަށް ވެސް އެ ވުޒާރާއިން ބުނެފައިވެއެވެ. ހަސްފަތާލުތަކަށް މަހެއްގެ މައްޗަށް ގާތްގަނޑަކަށް 2،500 ލީޓަރުގެ ތެޔޮ ބޭނުންވާ ކަމަށް އެ ވުޒާރާއިން ފާހަގަކުރެއެވެ.
ޞިއްޙީ ވުޒާރާއިން އިތުރަށް ބުނީ ހަސްފަތާލުތަކުގައި ބޭނުންކުރާ ޖަނަރޭޓަރުތަކަކީ މެދުކެނޑުމެއް ނެތި ހުރިހާ ވަގުތެއްގައި ވެސް ބޭނުންކުރަމުންދާ އާލާތްތަކެއް ކަމަށެވެ. އެ ތަކެތި ބޭނުން ކުރަނީ ޓެކްނިކަލް ގޮތުންނާއި މެކޭނިކަލް ގޮތުން ވެސް އުނދަގޫ ޙާލަތްތަކެއްގައި ކަމަށާއި، ލިބެން ހުރި ވަޞީލަތްތަކުގެ ދަތިކަމުގެ ސަބަަބުން ހަސްފަތާލުގައި ފުރާނަ ސަލާމަތްކުރުމުގެ މަސައްކަތަށް ބުރޫއަރާ ކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.
ޞިއްޙީ ވުޒާރާއިން ވަނީ ޖަނަރޭޓަރުތަކުގެ ތެޔޮ ކޮންމެހެން ބަދަލުކުރަން ޖެހޭ ޙާލަތުގައި ތެޔޮ ބަދަލުނުކުރެވި އިތުރަށް ލަސްވާ ނަމަަ އިތުރު ޖަނަރޭޓަރުތައް މަސައްކަތްކުރުން ހުއްޓޭނެ ކަމުގެ އިންޒާރު ދީފައެވެ. އަދި އެ ޖަނަރޭޓަރުތައް ނުުހުއްޓި ހިންގޭނެ ގޮތެއް ކަށަވަރު ކުރުމަށް ބޭނުންވާ ސާމާނު ޣައްޒާއަށް މިހާރުން މިހާރަށް ވެއްދޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް އެ ވުޒާރާއިން ވަނީ ގޮވާލާފައިވެއެވެ.
ޣައްޒާއަށް ކަރަންޓުގެ ޚިދުމަތް ކެނޑިފައިވާތާ އެތައް ދުވަހެއް ވެފައިވާއިރު، ޖަނަރޭޓަރަކީ އެ ސަހަރުގެ ހަސްފަތާލުތަކަށް ކަރަންޓު ފޯރުކޮށްދިނުމަށް ބޭނުންކުރާ މައި ވަޞީލަތެވެ. އަދި ތެލާއި ސްޕެއާ ޕާޓު ލިބުމުގައި ހުރި ދަތިތަކުގެ ސަބަބުން ޖަނަރޭޓަރުތައް ބޭނުން ކުރުމަށް ތަކުރާރުކޮށް ހުރަސްއެޅެއެވެ.
ޣައްޒާގެ ރައްޔިތުން ނަސްލުހޭދު ކުުރުމަށް 2023ވަނަ އަހަރުގެ އޮކްޓޯބަރު ޔަހޫދީން ދޭން ފެށި ޢުދުވާނީ ހަމަލާތަކުގައި މިހާތަނަށް 73،000އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ. އަދި 174،000އަށްވުރެ ގިނަ މީހުންނަށް ވަނީ ޒަޚަމްވެފައެވެ. ޔަހޫދީންގެ ހަމަލާތަކުގައި ޣައްޒާގެ ބޮޑު ބައެއް ވަނީ ސުންނާފަތިވެ ބިމާ ހަމަވެފައެވެ.