އެންމެ ގިނައިން ކަސްޓަމަރުން އީ-ކޮމާސް މުއާމަލާތްކުރާ ސައިޓްތައް ކަމަށްވާ ޓީމޫ، އަލީބާބާ، އެޕަލް، އެމެޒޯން ފަދަ ސައިޓްތަކަށް ސިކުންތަކު 70 އަށްވުރެ ގިނަ އީކޮމާސް މުއާމަލާތް ހިނގަމުންދާކަން ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ބައިނަލްއަގުވާމީ އީ-ކޮމާސް ޕްލެޓްފޯމްތަކުގައި ކޮންމެ ދުވަހަކުވެސް ބީއެމްއެލްގެ އީ-ކޮމާސް ލިމިޓް ރިސެޓްވަނީ ހެނދުނު 7:00ގައެވެ. ކަސްޓަމަރުންގެ އެދުމުގެ މަތިން ރީސެޓްވާ ގަޑި ބޭންކުން ހާމަކުރުމުން މިހާރު ގިނަ ކަސްޓަމަރުން ގަންނަން ބޭނުންވާ ތަކެތި ކާޓަށް އަޅައިގެން ތައްޔާރަށް ތިބުމާއެކު މި ޓްރާންސެކްޝަބްތައް ފުރިހަމަވެ، ދުވާލަކަށް ކަނޑައެޅިފއިވާ ބަޖެޓް ހަމަވެއެވެ.
ބީއެމްއެލް ކާޑުތައް މެދުވެރިކޮށް ދުނިޔޭގެ 40,000 އަށްވުރެ ގިނަ އީ-ކޮމާސް ސައިޓްތަކުން ވިޔަފާރިކުރެވެމުންދާއިރު، ދުވާލަކު އެވްރެޖްކޮށް 20,000 އަށްވުރެ ގިނަ މުއާމަލާތް މިހާރު ހިންގަމުންދާކަމަށް ބީއެމްއެލްއިން ވިދާޅުވެއެވެ. ތަފާސްހިސާބުތަކުން ފެންނަ މަންޒަރު އެންމެ ބޮޑު ޑިމާންޑެއް އޮންނަ ސައިޓުތަކަށް ކަނޑައަޅާފައިވާ މިންވަރު، ލިމިޓް ރީސެޓްވާތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ހަމަވަނީ ސިކުންތަކު 70 އަށްވުރެ ގިނަ މުއާމަލާތް ބޭންކުގެ ސިސްޓަމް ތެރެއިން ހިނގަމުންދާތީ ކަަމށް ވެސް ވިދާޅުވިއެވެ. މިފަދަ ޕްލެޓްފޯމްތަކުގައި ދުވަހުގެ ލިމިޓް ހަމަވުމުން މުއާމަލާތް ނުކުރެވޭ ހާލަތްތަކުގައި، އެކަން ކަސްޓަމަރަށް ވަގުތުން އަންގައި، ޑޮލަރު ކާޑެއް ބޭނުންކުރުމަށް ނުވަތަ ޖެހިގެން އަންނަ ދުވަހު އަލުން މަސައްކަތްކުރުމަށް އިރުޝާދު ދެވެއެވެ.
ބީއެމްއެލްއިން ވިދާޅުވީ، މިގޮތަށް ލިމިޓްތައް ކަނޑއެޅިފަހުން ދަތުރުފަތުރާއި ޒަރޫރީ ސަބްސްކްރިޕްޝަންތައް ފަދަ އެހެން ކެޓަގަރީތަކުން ދުވަސް ނިމޭއިރުވެސް ކަނޑައެޅިފައިވާ ޑޮލަރުގެ ލިމިޓުން ބާކީ ހުންނަކަން ފާހަގަކުރެވޭ ކަމަށެވެ. މިއީ އާންމު ދިރިއުޅުމުގެ މުހިންމު ބޭނުންތަކަށް ދުވަހުގެ ހުރިހާ ވަގުތެއްގައިވެސް ލިމިޓް ލިބިގެންދާ ކަމެކެވެ. ރާއްޖެއިން ބޭރަށް ދާ ދިވެހިންނާއި ބޭރުގައި ކިޔަވަމުންދާ ދަރިވަރުންނާއި ދިރިއުޅޭ ދިވެހިންނަށް ބޭރުގައި ބޭނުންކުރެވޭ ލިމިޓަށް އެއްވެސް ދަތިކަމެއްނެތި ބޭނުންކުރެވޭނެއެވެ.
• އެންމެ ގިނައިން ބޭނުންކުރާ އީ-ކޮމާސް ޕްލެޓްފޯމްތައް (ޓީމޫ، އަލީބާބާ، އެޕަލް، އެމެޒޯން ފަދަ 150 ސައިޓް): 3 މިލިއަން ޑޮލަރު، (ދުވާލަކަށް ގާތްގަނޑަކަށް 100,000 ޑޮލަރު)
• ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް (މެޓާ، ޓިކްޓޮކް ފަދަ ޕްލެޓްފޯމްތައް): 1.5 މިލިއަން ޑޮލަރު، (ދުވާލަކު ގާތްގަނޑަކަށް 50,000 ޑޮލަރު)
• ދަތުރުފަތުރާއި ހޮޓެލް ބުކިންގ: 6 މިލިއަން ޑޮލަރު، (ދުވާލަކަށް ގާތްގަނޑަކަށް 200,000 ޑޮލަރު)
• ޒަރޫރީ ސަބްސްކްރިޕްޝަންތަކާއި މުހިންމު ޚިދުމަތްތައް: ( 3 މިލިއަން ޑޮލަރު، ދުވާލަކަށް ގާތްގަނޑަކަށް 100,000 ޑޮލަރު
• އެހެނިހެން ހުރިހާ އޮންލައިން ވިޔަފާރިތަކަށް: 1.8 މިލިއަން ޑޮލަރު، ދުވާލަކަށް ގާތްގަނޑަކަށް 60,000 ޑޮލަރު
• ސިއްހަތާއި ތައުލީމީ ޚިދުމަތްތައް: އެއްވެސް ލިމިޓެއް ނެތި، ހުރިހާ ވަގުތެއްގައިވެސް ފައިސާ ދެއްކޭނެކަން ކަށަވަރުކުރުމަށް ހާއްސަ ބަފަރެއް ކަނޑައެޅިފައިވޭ
ދުވާލަކު ވަކި މިންވަރެއް ކަނޑައެޅީ މި މުއާމަލާތްތައް ފުރިހަމަކުރުމަށް ބޭނުންވާ ޑޮލަރަށް އޮތް ބޮޑު ޑިމާންޑުގެ ސަބަބުން، ބޭންކުގެ ފޮރިން ކަރަންސީ ލިކިއުޑިޓީ ދެމެހެއްޓެނެވި ގޮތެއްގައި މެނޭޖްކޮށް، ބޭންކުން އިސްކަންދިނީ ކަސްޓަމަރުންނަށް ދުރާލައި ކަންކަން ރޭވުމަށް މަގުފަހިވާނޭހެން، ދެފުށް ފެންނަ ހަރުދަނާ އުސޫލެއްގެ ދަށުން އެކި ކެޓަގަރީތަކަށް، ދުވާލަކު ބޭނުންކުރެވޭނެ ސީދާ އަދަދުތައް ކަނޑައަޅައި އާންމުކުރުމަށް ކަމަށްވެސް ބީއެމްއެލްއިން ވިދާޅުވެއެވެ.
ބޭންކުން ކަސްޓަމަރުންނަށް ފުޅާދާއިރާއެއްގައި ބޭރުފައިސާގެ އެހީތެރިކަން ފޯރުކޮށްދެއެވެ. މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެން އޮގަސްޓްގެ ނިޔަލަށް، އީ-ކޮމާސްގެ އިތުރުން، އެހެނިހެން ކާޑު މުއާމަލާތްތަކާއެކު މަހަކު އެވްރެޖްކޮށް 38 މިލިއަން ޑޮލަރު ބޭންކުން ހޭދަކުރެއެވެ. އަދި ހުރިހާ ދާއިރާއެއް ހިމެނޭހެން، މަހެއްގެ މައްޗަށް ޖުމްލަ 81 މިލިއަން ޑޮލަރު ކަސްޓަމަރުންނަށް ބޭންކުން ވަކިން ހާއްސަކޮށް، ސިއްހީ އަދި ތައުލީމީ ބޭނުންތަކަށް ވަކި ފަންޑެއް ހަމަޖައްސާފައިވަނީ ކޮންމެ ހާލަތެއްގައިވެސް މިފަދަ ޒަރޫރީ ޚިދުމަތްތަކަށް އެއްވެސް ދަތިކަމެއް ނެތި ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖެއްސުމަށެވެ.
ބޭންކުން މުއާމަލާތްތައް ދައުރުވާ ގޮތާއި ކަސްޓަމަރުންގެ ބޭނުންތަކަށް އަންނަ ބަދަލުތަކުގެ އިތުރުން، ބޭންކަށް ލިބޭ ބޭރު ފައިސާގެ މިންވަރަށް ބަލައި މި އަދަދުތައް ބޭންކުން މުރާޖައާ ކުރަމުން ގެންދާނެއެވެ. ބޭންކް އޮފް މޯލްޑިވްސް އިން އަބަދުވެސް މަސައްކަތްކުރަމުން ދާނީ ޒިންމާދާރުކަމާއެކު ބޭރު ފައިސާގެ ވަސީލަތްތައް ބަލަހައްޓައި، ދިވެހި ރައްޔިތުންނަށް ދުނިޔޭގެ ބާޒާރުތަކުން ފަސޭހަކަމާއެކު މުދަލާއި ޚިދުމަތް ހޯދުމުގެ ފުރުސަތު ހަމަހަމަކަމާއެކު ފަހިކޮށްދިނުމުގައެވެ.