ޚަބަރު

އެންމެ ބޮޑު ޕާޓީގެ ހައިސިއްޔަތުން ޕީއެންސީ އިސްކުރާނީ ޤައުމީ މަސްލަހަތު: ރައީސް


  • މެންބަރުންގެ އަދަދު 80،000 އާއި ހަމައަށް އިތުރު ކުރެއްވިއްޖެ

  • ޝިޢާރާއި އެއްގޮތަށް މަސައްކަތް ކޮށްދިނުމަށް ރައީސް ގޮވާލެއްވި

އެންމެ މެންބަރުން ގިނަ ޕާޓީއާއެކު ޒިންމާދާރު ސިޔާސީ ޕާޓީއެއްގެ ގޮތުގައި ޕީއެންސީ އިސްކުރާނީ ޤައުމީ މަސްލަހަތު ކަމަށް ޕީއެންސީގެ ރައީސް، އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ޕީއެންސީގެ މަތީ މަޖިލިސް ނުވަތަ ޕާޓީގެ ކޮންގްރެސްގެ އިފްތިތާޙީ ޖަލްސާ ފެއްޓެވުމުގެ ގޮތުން ދެއްކެވި ވާހަކަފުޅުގައެވެ.

ޕީއެންސީގެ މަތީ މަޖިލީސް އިފްތިތާޙީ ޖަލްސާގައި މަތީ މަޖިލިސް ފައްޓަވައި ދެއްވީ ޕީއެންސީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެވެ. މަތީ މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އެ ޕާޓީގެ މަތީ މަޖިލީހަކީ ޕާޓީގެ ކުރިމަގު ބައްޓަން ކުރުމަށާއި، ޤައުމުގެ ތަރައްޤީގެ ކަންކަމުގައި ޕާޓީގެ ދައުރު ފުޅާކޮށް އިތުރުކުރުމަށް މުހިންމު ދައުރެއް އަދާކުރާ މަންސައެއްކަން ފާހަގަކުރެއްވިއެވެ. އަދި ޕާޓީގެ މަތީ މަޖިލީހުގައި ބައިވެރިވެވަޑައިގަންނަވާ ހުރިހާ މަންދޫބުން އެއް ރޫހެއްގައި މިމަގަށް މަސައްކަތް ކުރައްވާނެ ޔަޤީން ކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ޕާޓީ ވެރިކަމަށް އައުމުގެ މަސައްކަތް 2023ގައި ކުރަން ފެށިއިރުން ފެށިގެން މިހާތަަނަށް ބޮޑު ކުރިއެރުމެއް ހޯދިފައިވާކަން ފާހަގަކުރެއްވިއެވެ. އަދި މިއީ ހުރިހާ މެންބަރުންގެ މަސައްކަތްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ މި ކޮންގްރެސް މަތީ މަޖިލިސް ފެށުމަށްޓައި މިގޮތަށް ހުރިހާ ބޭފުޅުންނާއި އެކު އަޅުގަނޑުމެން މިތިބީ. ތަނުގެ ޖާގަ ކުޑަ. އަޅުގަނޑުމެން ޕާޓީއަކީ މިހާރު ވަރަށް ބޮޑު ޕާޓީއެއް. އަޅުގަނޑު ހަނދާނަށް އާދޭ 2023 ގައި މެންބަރޝިޕް އޮތީ 3000 ގައި. މިއަދު ގާތްގަނޑަކަށް 80،000 ހަމައަށް މިވަނީ މަތިވެފައި. އެއީ ތިބޭފުޅުންގެ މަސައްކަތްޕުޅު. އެއީ ޕާޓީގެ ހުރިހާ މެންބަރުންގެ މަސައްކަތްޕުޅު. ހުރިހާ މެންބަރުންގެ ފަރާތުން ތިބޭފުޅުން ތިތިއްބެވީ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވަނީ، ޕާޓީގެ މައިގަނޑު ސިޔާސަތަކީ އަދި ޝީއާރަކީ ހަމަޖެހުމާއި ތަރައްޤީ އަދި ރައްކާތެރިކަން ކަމަށް ވިދާޅުވެފައެވެ. އަދި ސަރުކަރުގެ ސިޔާސަތުތަކާއި ވެރިކަމަށް އައުމަށް ރައްޔިތުންނަށް ހުށަހެޅި މެނިފެސްޓޯއާއި އެހެނިހެން ހުރިހާ ކަމެއްވެސް ގުޅެނީ މިކަންކަމާއި ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވއިެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ ރައްޔިތުންނަށް ކަންކަން އޮޅުންފިލުވައި ދިނުމުގައި މުޅި ޕާޓީގެ މިފަލްސަފާ ކިޔައިދިނުމަށް ގޮވާލައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ޕީއެންސީއަކީ ޒިންމާދާރު ސިޔާސީ ޕާޓީއެއް ކަމަށް ވިދާޅުވެފައެވެ. އެހެން ކަމުން ޤައުމީ މަސްލަހަތު ޕާޓީގެ މެންބަރުން އިސްކުރަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިކަން ސަރުކާރުގެ ސިޔާސަތުތަކުންވެސް ފެނިގެންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"ހަނދާން ބަހައްޓަންޖެހޭނެ ހަޤީޤަތް ސިޔާސީ މައިދާނުގައި ކަން ހިނގަމުންދާ ގޮތް. ވަރަށް ވެސް ޒިންމާދާރުކަން ކުޑަގޮތެއްގައި، އެއްވެސް ކަހަލަ އިމެއް ނެތް ގޮތުގައި ޤައުމުގައި ހަމަނުޖެހުން އުފެއްދުމަށް ޤައުމުގެ ކަންކަމުގައި ޒިންމާދާރުކަން ކުޑަކޮށް ކަންތައް ކުރާތަން ފެނޭ. އެކަހަލަ އެއްވެސް ކަމަކަށް. އަޅުގަނޑުމެންގެ މި ބަދަހި ލަޝްކަރުގެ ތެރެއަށް ފުރުސަތު ދީގެން ނުވާނެ. އަޅުގަނޑުމެންގެ އޮތީ ވަރަށް ސާފު އެޖެންޑާއެއް އެންމެ ފުރަތަމަ ޤައުމު." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމާވާލެއްވީ، ޕާޓީގެ ސިޔާސަތަކީ ވަރަށް ސާފު ސިޔާސަތެއްކަމަށް ވިދާޅުވަމުންނެވެ. އެގޮތުން ޤައުމުގެ ހެވާއި ލާބައަށް މަސައްކަތްކޮށް ޕީއެންސީގެ ޝީޢާރާއި އެއްގޮތަށް ހުރިހާ އެންމެންވެސް މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އަދި އެއީ ޕީއެންސީގެ ފިކުރު ކަމަށް ޕީއެންސީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ޕީއެންސީގެ މަތީ މަޖިލިސް މިމަހުގެ 18 އާއި ހަމައަށް ކުރިއަށްދާނެއެވެ. ޕާޓީގެ މަތީ މަޖިލީހުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން މަންދޫބުން ބައިވެރިވެވަޑައިގަންނަވައެވެ.