މި މަހު ޖަޕާނުގައި ފަށާ އޭޝިއަން ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ތިން ކުޅިވަރެއްގެ ކުޅުންތެރިންނާއި މީޑިއާ އޮފިޝަލުން ފުރައިފިއެވެ.
އަންގާރަ ދުވަހު ހެނދުނު ޖަޕާނަށް ދިޔުމަށް ފުރާފައިވަނީ ޓޭބަލް ޓެނިސް، ޝޫޓިން އަދި ބީޗް ވޮލީބޯޅަ ކުޅުންތެރިންނާ އޮފިޝަލުންނެވެ. މީގެ އިތުރުން މި ގޭމްސްގެ މައުލޫމާތުތައް ގެނެސްދިނުމަށް މޯލްޑިވްސް އޮލިމްޕިކް ކޮމެޓީން ކަނޑައަޅާފައިވާ މީޑިއާ ޓީމުންވެސް ވަނީ ގޭމްސްއަށް ފުރައިފައެވެ.
މީގެ ކުރިން މިދިޔަ ހަފުތާގައި ރާއްޖޭގެ ސާފިން ޓީމުންވެސް ވަނީ ގޭމްސްއަށް ފުރައިފައެވެ. ސާފިން ޓީމުން ގޭމްސްގެ ކުރިން ޖަޕާނުގައި 10 ދުވަހުގެ ތަމްރީނުވެސް ފުރިހަމަ ކުރާނެއެވެ.
ޓީޓީއަށް ބަލާއިރު، ގޭމްސްގައި ޓީޓީގެ 8 ކުޅުންތެރިން ވާދަކުރާނެއެވެ. އޭގެ ތެރެއިން 3 ކުޅުންތެރިން ޓީމާ ގުޅޭނީ ޖަޕާނުންނެވެ. އެއީ މެލޭޝިއާ މަގުން ޖަޕާނަށްދާ ފާތިމަތު ދީމާ ޢަލީއާއި އަޚްޔާރް، އިނގިރޭސިވިލާތުން ޖަޕާނަށްދާ އާއިޝަތު ރަފާ ނާޒިމެއެވެ.
މީގެ އިތުރުން އަންގާރަ ދުވަހު ގޭމްސްއަށް ފުރި ޝޫޓިން ޓީމުގައި 12 ކުޅުންތެރިން ހިމެނެއެވެ. ޝޫޓިންއިން މި ފަހަރުގެ މުބާރާތައް ދަނީ މެޑައްޔަށް އަމާޒު ހިފައިގެންނެވެ.
ބީޗް ވޮލީބޯޅައިން މި ފަހަރުގެ މުބާރާތުގައި ރާއްޖޭގެ އެއްވަނަ ފިރިހެން ޕެއާއާއި އެއްވަނަ އަންހެން ޕެއާ ވާދަކުރާނެއެވެ. ފިރިހެން ޕެއާގައި ހިމެނޭ ކުޅުންތެރިންނަކީ އިސްމާޢީލް ސާޖިދު (ކުޑަ ކާއްޓޭ) އާއި އާދަމް ނަސީމެއެވެ. އަދި އަންހެން ޕެއާގައި ހިމެނޭ ކުޅުންތެރިންނަކީ އާމިނަތު އަރީޝާއާއި ފާތިމަތު އަނާލްއެވެ.
މި ގޭމްސްގެ މީޑިއާ ޓީމުގައި ޕީއެސްއެމް ނިއުސްގެ މެނޭޖަރު ޓެކްނިކަލް އޮޕަރޭޝަން ޢަލީ އާދަމް ހިމެނެއެވެ.
މި ފަހަރުގެ ގޭމްސްގައި ރާއްޖެއިން ހަތް ކުޅިވަރަކުން ވާދަކުރާނެއެވެ. އެއީ ސްވިމިންގް، ބީޗް ވޮލީބޯލް، ޝޫޓިން، ޓޭބަލް ޓެނިސް، ސާފިން، ބެޑްމިންޓަން އަދި އެތުލެޓިކްސްއިންނެވެ.
މި ފަހަރުގެ މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ދިދަ އުފުލާލާނީ ޓޭބަލް ޓެނިސް ތަރި މޫސާ މުންސިފް އަހްމަދާއި ޝޫޓިން، ތަރި މަރިޔަމް އީޝަލް މިސްބާހުއެވެ.