މައްކާގައި ތިބި އުމްރާވެރިންގެ ހާލު ރަނގަޅުކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާބެހޭ ވަޒީރު ޑރ.މުހައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވެފައި މިވަނީ މިފަހަކަށް އައިސް ސަޢޫދީ ޢަރަބިއްޔާއަށް އަމާޒުކޮށް ދެމުންދާ ޙަމަލާތަކާ ގުޅިގެން، މައްކާގެ މުޤައްދަސް ބިމަށާއި ޖިއްދާ އާއި ޠާއިފްއަށް ޙަމަލާއެއް އަތުވެދާނެކަމުގެ އިންޒާރެއް ނެރުމާއި ގުޅިގެނެވެ. ނަމަވެސް މި އިންޒާރުތައް ވަނީ މާ ގިނައިރުތަކެއް ނުވެ އުވާލާފައެވެ.
ވަޒީރު ވިދާޅުވީ މިވަގުތު މައްކާގައި ތިބި އުމްރާވެރިންނަށް އެއްވެސް ކުރައްކަލެއް ނެތްކަމަށެވެ.
މިއީ މެދުއިރުމަތީގެ ހަނގުރާމަ ފެށުނު ފަހުން މައްކާގެ ސަރަޙައްދަށް މިފަދަ އިންޒާރެއް ނެރުނު ފުރަތަމަ ފަހަރެވެ. ސަޢޫދީގެ މަދަނީ ދިފާޢުން ފަހުން ވަނީ މި ސަރަޙައްދުތަކަށް އެޅި ރައްކާތެރިކަމުގެ ކުއްލި ފިޔަވަޅުތައް ނިމުމަކަށް އައިސްފައިވާކަން ކަށަވަރުކޮށްދީފައެވެ.
މި އިންޒާރުތައް ނެރެފައިވަނީ ޔަމަނުގެ ސަރަޙައްދުން ފޮނުވައިލި ބެލިސްޓިކް މިސައިލާއި ޑްރޯން ޙަމަލާތަކެއްގައި ސަޢޫދީގެ ދެކުނުގެ ސަރަޙައްދުތަކުން 13 މީހުން ޒަޚަމްވިތާ އެއް ދުވަސް ފަހުންނެވެ.
ޔަމަނުން ދެމުންދާ މިފަދަ ޙަމަލާތަކުގެ ސަބަބުން ސަޢޫދީ ޢަރަބިއްޔާގެ މުހިންމު ސަރަޙައްދުތަކާއި ޢުމްރާނީ ވަޞީލަތްތަކުގެ ރައްކާތެރިކަމާމެދު ވަނީ ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައެވެ. މެދުއިރުމަތީގެ ސަރަޙައްދީ ޤައުމުތަކުން އަމަންއަމާންކަމާއި ސުލްޙަ މަސަލަސްކަން ޤާއިމުކުރުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.