ހުރްމުޒް ކަނޑުއޮޅީގައި އޮންނަ ޤަޝަމް ޖަޒީރާގެ ވައިގެ ސަރަޙައްދުން، އެމެރިކާގެ ޑްރޯނެއް ވައްޓާލާފައިވާ ކަމަށް އީރާނުގެ އިންޤިލާބީ ފައުޖު (އައިއާރުޖީސީ)އިން ބުނެފިއެވެ.
އައިއާރުޖީސީގެ ބަޔާނުގައިވާ ގޮތުން، އަންގާރަ ދުވަހުގެ ރޭ އެ ސަރަޙައްދުން ދަތުރުކުރަމުންދިޔަ އެމެރިކާގެ އެމްކިއު-9 މަރުކާގެ ޑްރޯން ވައްޓައިލީ، އީރާނުގެ ވައިގެ ދިފާއީ ނިޒާމުން އޭތި ދެނެގަތުމަށްފަހުގައެވެ.
އީރާނުން ބުނާ ގޮތުގައި މިއީ މިހާރު ހިނގަމުންދާ ހަނގުރާމައިގެ ތެރޭގައި ވައްޓައިލި އެ މަރުކާގެ 52 ވަނަ ޑްރޯނެވެ. މީގެއިތުރުން، ހުރްމުޒް ކަނޑުއޮޅި ހިމެނޭ ސަރަޙައްދުން އެމެރިކާގެ އެމްކިއު-1 މަރުކާގެ އިތުރު ތިން ޑްރޯނެއްވެސް ވައްޓާލާފައިވާ ކަމަށް އައިއާރުޖީސީން ބުނެފައިވެއެވެ.
ނަމަވެސް، މި ކަމާ ގުޅިގެން އެމެރިކާއިން އަދި މިހާތަނަށް ރަސްމީކޮށް އެއްވެސް ވާހަކައެއް ނުދައްކައެވެ.
މި ކުރިމަތިލުންތައް އިތުރަށް ގޯސްވެގެންދިޔައީ، މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާއާއި ޔަހޫދީންގެ ނިރުބަވެރި ދައުލަތް ގުޅިގެން އީރާނުގެ މުހިންމު ބިނާތަކަށާއި، އަސްކަރީ މަރުކަޒުތަކަށާއި، އަދި ވައިގެ ދިފާއީ ނިޒާމުތަކަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދޭން ފެށުމާ ގުޅިގެންނެވެ.
މީގެ ރައްދެއްގެ ގޮތުން، އީރާނުން ވަނީ ޔަހޫދީ ދައުލަތުގެ އިތުރުން މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް މިސައިލާއި ޑްރޯން ހަމަލާތައް ދީފައެވެ. މި ކުރިމަތިލުންތައް ޙައްލުކުރުމަށް ސިޔާސީ ގޮތުން މަސައްކަތްތަކެއް ކުރެވުނު ނަމަވެސް، މި ހަނގުރާމަ މިހާރު ވަނީ މުޅި ސަރަޙައްދަށް ފުޅާވެފައެވެ.
ހަނގުރާމައިގެ ސަބަބުން އެމެރިކާގެ ވައިގެ ދިފާއީ ނިޒާމުތަކުގެ ސްޓޮކަށް ބާރު ބޮޑުވެފައިވާ ކަމަށް ވޯލް ސްޓްރީޓް ޖަރނަލް ނޫހުން ވަނީ ރިޕޯޓްކޮށްފައެވެ. އެ ނޫހުގައި ބަޔާންކޮށްފައިވާ ގޮތުގައި، އުރުދުންއަށް އީރާނުން ދާދިފަހުން ފޮނުވާލި 20 ވަރަކަށް ބެލިސްޓިކް މިސައިލް ހުއްޓުވުމަށްޓަކައި އެމެރިކާއިން ވަނީ 60 އާއި 70 އާ ދެމެދުގެ ޢަދަދަކަށް ޕެޓްރިއަޓް އަދި ތާޑް (THAAD) މަރުކާގެ 12 އަށްވުރެ ގިނަ މިސައިލް ބޭނުންކޮށްފައެވެ. މިއީ އާންމު ޙާލަތްތަކުގައި މުޅި ހަފުތާއެއްގެ ހަނގުރާމައަށް އެމެރިކާއިން ބޭނުންކުރާ މިންވަރުގެ ބޮޑު ޢަދަދެކެވެ.
އީރާނުގެ މިސައިލްތައް އަމާޒާ ކައިރިވުމުން އޭގެ ވޯހެޑްތައް ވަކިވަކި ގިނަ ބައިތަކަކަށް ބެހިގެންދާ ގޮތަށް ފަރުމާކޮށްފައިވުމަކީ، އެ ތަކެތި ވައްޓާލުމަށް އެމެރިކާއަށް ކުރިމަތިވި ބޮޑު ގޮންޖެހުމެކެވެ. މިގޮތުން ބައެއް މިސައިލްތައް އުރުދުންގައި ހުންނަ އަސްކަރީ ވައިގެ ބަނދަރަކަށް އަމާޒުވެ، ހަނގުރާމަމަތީ މަތިންދާބޯޓުތަކަށާއި އިތުރު ވަޞީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. ނަމަވެސް މި ހަމަލާގައި އެމެރިކާގެ އެއްވެސް ސިފައިންގެ މީހަކު މަރުވެފައެއް ނުވެއެވެ. އެމެރިކާގެ އޮފިޝަލުން ފާހަގަކުރައްވާ ގޮތުގައި، ދިފާޢީ ނިޒާމުތައް ފޫއަޅުވާލުމަށް އީރާނުން ބޭނުންކުރާ އުކުޅުތަކާއި ޓެކްނޮލޮޖީ ދަނީ ހަލުއިކަމާއެކު ތަރައްޤީވަމުންނެވެ.
މިދިޔަ ޖުލައި މަހުގެ މެދާ ހަމައަށް އެމެރިކާއިން 1,700 އެއްހާ ޕެޓްރިއަޓް އަދި 200 އަށްވުރެ ގިނަ ތާޑް މިސައިލް ބޭނުންކޮށްފައިވާއިރު، އެ ޤައުމުގެ ކަނޑުގެ ސިފައިން ވަނީ 150އަށްވުރެ ގިނަ އާންމު މިސައިލް ބޭނުންކޮށްފައެވެ.
މިހާ ގިނަ ޢަދަދަކަށް ދިފާޢީ ހަތިޔާރު ބޭނުންކުރަން ޖެހުމުން، އެމެރިކާގެ ހަތިޔާރު ސްޓޮކް އަވަސް މުއްދަތެއްގެ އަލުން އުފެއްދުމުގެ ޤާބިލުކަމާމެދު ވަނީ ސުވާލު އުފެދިފައެވެ. އަދި ޔޫރަޕާއި އިންޑޯ-ޕެސިފިކް ފަދަ އެހެނިހެން މުހިންމު ސަރަޙައްދުތަކުގެ ސަލާމަތީ ރައްކާތެރިކަމަށްވެސް މީގެ ނޭދެވޭ އަސަރު ފޯރައިފާނެ ކަމުގެ އިންޒާރު ވަނީ ދީފައެވެ.
ނަމަވެސް، އެމެރިކާގެ ދިފާޢީ ވުޒާރާއިންނާއި ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެމެރިކާގެ ހަތިޔާރުގެ ސްޓޮކް ހުސްވަމުންދާ ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައިފައެވެ. ދިފާޢީ ވުޒާރާގެ ތަރުޖަމާނު ޝޯން ޕާނެލް އަދި ސެންޓްރަލް ކޮމާންޑުގެ ކޮމާންޑަރު އެޑްމިރަލް ބްރެޑް ކޫޕަރ ވިދާޅުވީ، އެމެރިކާގެ އަސްކަރިއްޔާ އޮތީ ކުރިމަތިވެދާނެ ކޮންމެ ޙާލަތަކަށްވެސް ފުރިހަމައަށް ތައްޔާރުވެގެން ކަމަށެވެ. މީގެއިތުރުން، ޕެޓްރިއަޓް މިސައިލް އުފައްދާ ލޮކްހީޑް މާޓިން ކުންފުނިން ދަނީ އަހަރަކު އުފައްދާ މިސައިލްގެ ޢަދަދު 2,000 އަށް އިތުރުކުރުމަށް މަސައްކަތްކުރަމުންނެވެ.
މި ހަނގުރާމައިގެ ސަބަބުން ގަލްފު ސަރަޙައްދުގެ ޤައުމުތަކުން އިތުރު ވައިގެ ދިފާޢީ ހަތިޔާރު ހޯދުމަށް އެދެމުންދާ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާއިރު، މިކަމުގެ ސަބަބުން ރަޝިއާއާ ދެކޮޅަށް ހަނގުރާމަކުރަމުންދާ ޔޫކްރޭނަށް ބޭނުންވާ ދިފާޢީ ހަތިޔާރު ފޯރުކޮށްދިނުމުގެ މަސައްކަތަށްވެސް ވަނީ ބޮޑެތި ހުރަސްތަކަކާ ކުރިމަތިލާން ޖެހިފައެވެ.