ދިވެހި ރުފިޔާގެ ނިޝާން ޑިޖިޓަލް ޕްލެޓްފޯމްތަކުގައި ބޭނުންކުރެވޭ ގޮތަށް ޔުނިކޯޑް ސްޓޭންޑާޑުގައި ހިމަނައިފިއެވެ.
ދިވެހި ރުފިޔާގެ ނިޝާން ޔުނިކޯޑް ސްޓޭންޑާޑްގައި ހިމަނާފައިވަނީ ސެޕްޓެމްބަރ 16 ވަނަ ދުވަހު ކަމަށް މަރުކަޒީ ބޭންކް އެމްއެމްއޭއިން ވިދާޅުވިއެވެ.
ދަ ޔުނިކޯޑް ކޮންސޯޓިއަމް އިން ނެރެފައިވާ ޔުނިކޯޑް ސްޓޭންޑަރޑްގެ ވަރޝަން UNICODE 18.0 ގައި ދިވެހި ރުފިޔާގެ ނިޝާން ހިމަނިއިރު، ނިޝާނަށް ދީފައިވާ ކޯޑް ޕޮއިންޓަކީ U+20C2 އެވެ. މި ނިޝާނަކީ 2022 ވަނަ އަހަރުން ފެށިގެން މަރުކަޒީ ބޭންކުން ނެރެ ބޭނުން ކުރަމުން ނިޝާނެކެވެ. ނަމަވެސް ނިޝާން މިހާތަނަށް ބޭނުން ކުރަމުން އައިސްފައިވަނީ އެކި ޑިޒައިނަށް ބިނާކޮށް އެކި މިންގަނޑުތަކުގައެވެ.
އެމްއެމްއޭއިން ވިދާޅުވީ ރުފިޔާގެ ނިޝާން މި ސްޓޭންޑަރޑްގައި ހިމެނިގެން ދިއުމުން، ވެބްސައިޓްތަކާއި މޯބައިލް އެޕްލިކޭޝަންތައް އަދި އެކިއެކި ޑިޖިޓަލް ޕްލެޓްފޯމްތަކުގައި ދިވެހި ރުފިޔާގެ ނިޝާން އެއް މިންގަނޑަކަށް ބޭނުންކުރެވޭނެ ކަމަށެވެ. އަދި މިއީ، ޑިޖިޓަލް ވަސީލަތްތަކުގައި ދިވެހި ރުފިޔާގެ ނިޝާން ފަސޭހަ ކަމާއެކު ބޭނުންކުރެވޭނެ ގޮތް ހެދުމުގައި ހާސިލްވި މުހިންމު ލަނޑުދަނޑިއެއް ކަމަށް މަރުކަޒީ ބޭންކުން ވިދާޅުވިއެވެ.
ރުފިޔާގެ ނިޝާން މިގޮތަށް ބޭނުންކުރެވެން ފެށޭނީ ދެން އަންނަ އަޕްޑޭޓްތަކާއި އެކުގައިކަން އެމްއެމްއޭއިން ފާހަގަކުރެއެވެ. އެމްއެމްއޭއިން ވަނީ ޔުނިކޯޑް ސްޓޭންޑަރޑްގައި ދިވެހި ރުފިޔާގެ ނިޝާން ހިމެނުމަށް މި އޮތޯރިޓީއަށް މަސައްކަތްކޮށްދެއްވި އެންމެހައި ފަރާތްތަކަށް މި ފުރުސަތުގައި ޝުކުރު އަދާކޮށްފައެވެ.
ދިވެހި ރުފިޔާގެ ނިޝާނަކީ އާއްމުންނަށް ހުޅުވާލައިގެން ބޭއްވި ދިވެހި ރުފިޔާގެ ނިޝާން ފަރުމާކުރުމުގެ މުބާރާތަށް ހުށަހެޅުނު ފަރުމާތަކުގެ ތެރެއިން، މުބާރާތަށް އިންސާފުކުރެއްވި ކޮމިޓީން އެންމެ ރަނގަޅު ކަމަށް ހޮއްވެވި ފަރުމާއެވެ. އެ ފަރުމާ 2022 ގައި ބޭނުންކުރަން ފަށައި، ދިވެހި ރުފިޔާގެ ނޫޓުތަކުގައިވެސް ބޭނުންކުރަން ވަނީ ފަށާފައެވެ.