ބިންވެރިޔާ ސްކީމްގެ ދަށުން ގުޅިފަޅުން ގޯތި ލިބިފައިވާ 3086 ފަރާތަކަށް ރަޖިސްޓްރީ ދޫކޮށްފައިވާކަމަށް ބިނާރާއި އުމްރާނީ ތަރައްޤީއާއި ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
އެ ވުޒާރާއިން ވަނީ ބިންވެރިޔާ ސްކީމްގެ ދަށުން ގުޅިފަޅުން ހަވާލުކުރެވުނު ގޯތިތަކާއި ރަޖިސްޓަރީތަކުގެ ތަފާސްހިސާބުތައް ހިއްސާކޮށްފައެވެ. ބިންވެރިޔާ ސްކީމުގެ ދަށުން ގުޅީފަޅުން ޖުމްލަ 3548 ގޯތި ދޫކުރުމަށް ހަމަޖެހިފައިވެއެވެ.
ގުޅިފަޅުން ދޫކޮށްފައިވާ ބިންތަކުގެ ރަޖިސްޓްރީ އާއި ލިޔެކިޔުންތައް ވެރިފަރާތްތަކާ ހަވާލުކުރުމުގެ މަސައްކަތް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން އަންނަނީ ކުރަމުންނެވެ. އެގޮތުން މިހާތަނަށް 3548 ގޯތީގެ ތެރެއިން 3086 ގޯޗަށް ރަޖިސްޓްރީ އަދި އެއްބަސްވުން ހަވާލުކޮށްފައިވާކަމަށެވެ. އެގޮތުން ރަޖިސްޓްރީ ހަވާލުކުރުމުގެ 87% ނިމިފައިވާކަމަށް ވިދާޅުވިއެވެ. އަދި މިހާތަނަށް 1393 ގޯތީގެ ބިން ހަވާލުކޮށްފައިވާއިރު މިއީ 39.3% ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ ތިން ވަނަ ފިޔަވަހިން ހަވާލުކުރެވުނު ގޯތިތަކާއި ރަޖިސްޓަރީތަކަށް ބަލާއިރު 698 ގޯތި ވަނީ ދޫކުރުމަށް ހަމަޖެހިފައެވެ. އެގޮތުން މިހާތަނައް 641 ފަރާތަކަށް ރަޖިސްޓްރީ ދޫކޮށްފައިވާއިރު 603 ފަރާތަކަށް ބިން ވަނީ ހަވާލުކޮށްފައެވެ.
ގެދޮރުވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވީ ހުޅުމާލެ ފޭސް 3 އިން ގޯތި ލިބިފައިވާ ފަރާތްތަކުން ގޯތީގެ ރަޖިސްޓްރީއާ ޙަވާލުވުމުން، އެފަރާތްތަކަށް ލިބިފައިވާ ބިމުގެ ސަރަޙައްދު ސާފުކޮށް، ބިމުގެ އިން ވަކިކުރުމަށްފަހު ބިމާ ޙަވާލުވުމަށް އައުމަށް އެ ވުޒާރާއިން އެފަރާތްތަކަށް އަންގާނެކަމަށެވެ.
ބިންވެރިޔާ ސްކީމްގެ ދަށުން ގުޅިފަޅުން ހަވާލުކުރެވުނު ގޯތިތަކާއި ރަޖިސްޓަރީތަކުގެ ތަފާސްހިސާބު:
— Ministry of Infrastructure, Housing and Urban Dev. (@MIHUDmv) September 17, 2026
ގުޅިފަޅުން ލިބިފައިވާ ގޯތި ހަވާލުކުރިކަމުގެ ލިޔުން ހިޔާވެހި ޕޯޓަލް މެދުވެރިކޮށް މިހާރު ލިބޭނެއެވެ. އަދި ގުޅިފަޅުން ތިލަމާލެ ބްރިޖް މަޝްރޫޢަށާއި އެކި ބޭނުންތަކަށް ދޫކޮށްފައިވާ… pic.twitter.com/blxStalzIu
ގެދޮރުވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވީ ގުޅިފަޅުން ލިބިފައިވާ ގޯތި ހަވާލުކުރިކަމުގެ ލިޔުން ހިޔާވެހި ޕޯޓަލް މެދުވެރިކޮށް މިހާރު ލިބޭނެކަމަށެވެ. އަދި ގުޅިފަޅުން ތިލަމާލެ ބްރިޖް މަޝްރޫޢަށާއި އެކި ބޭނުންތަކަށް ދޫކޮށްފައިވާ ސަރަޙައްދުގައި ހިމެނޭ ގޯތިތައް، އެ ބިންތައް ހުސްކުރެވުނުހާ އަވަހަކަށް ހަވާލުކުރެވޭނެކަމަށްވެސް ވިދާޅުވިއެވެ.
ގުޅިފަޅުން ގޯތި ލިބިފައިވާ މީހުން އައު ރަޖިސްޓަރީ އާއި އެގްރީމަންޓުގައި ސޮއިކުރުމަށް ދިގު މުއްދަތެއް މިދިޔަ އަހަރުގެ ފަހުކޮޅު ވެސް ދީފައިވެއެވެ. އޭރު އެފުރުޞަތު ދިނީ ހިޔާވަހި ޕޯޓަލް މެދުވެރިކޮށް އެޕޮއިންޓްމަންޓަށް އެދެން ޖެހޭ ގޮތަށެވެ. އަދި ބިމާއި ލިޔުން ދޫކުރަމުން އައީ ގުޅިފަޅަށް ގޮސް ބިން ވެރިފަރާތަށް ދެއްކުމަށް ފަހު ބިން އޮތް ސަރަހައްދުގަ ތިބެގެންނެވެ. ނަމަވެސް މިހާރު ވަނީ ހިޔާވެހި ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ލިޔުން ދޫކުރަން ފަށާފައެވެ.
ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ މިލިޔުން ޑައުންލޯޑް ކުރެވޭނީ ލޭންޑް ޔޫސް ޕްލޭނަށް ގެނެވުނު ބަދަލުތަކާ ގުޅިގެން ގޯތީގެ ރަޖިސްޓްރީ ހަވާލުވެފައިވާ ފަރާތްތަކަށް އެކަނިކަމަށެވެ. ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ތިން ފަހަރެއްގެ މަތިންވަނީ ބަދަލުގެނެސްފައެވެ. ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭންގައި ދިރިއުޅުމަށް ދޫކުރާ ގޯއްޗާއި ސޯޝަލް ހައުސިންއަށް ބޮޑު ސަރަޙައްދެއް ވަނީ ކަނޑައަޅާފައެވެ. އަދި ދިރިއުޅޭ ފަރާތްތަކަށް ބޭނުންވާނެ ޚިދުމަތްތައް ފޯރުކޮށްދިނުމަށްވެސް ބިން ކަނޑައަޅާފައިވެއެވެ. އެގޮތުން ތަޢުލީމީ ޚިދުމަތާއި، ޞިއްޙީ ޚިދުމަތުގެ އިތުރުން އިންޑަސްޓްރިއަލް މަސައްކަތްތަކަށްވެސް ޚާއްސަ ސަރަޙައްދުތައް ކަނޑައަޅާފައިވެއެވެ. މީގެއިތުރުން، ގުޅީފަޅުގައި ދިރިއުޅޭ ފަރާތްތަކަށް ހިތްފަސޭހަ މާޙައުލެއް ހޯދައިދިނުމުގެ ބޭނުމުގައި ޕާކުތަކާއި، ކުޅިވަރު ކުޅޭ ސަރަހައްދުތައް ތަރައްޤީކުރުމަށްވެސް ޕްލޭންގައި ކަނޑައަޅާފައިވެއެވެ.