ކުޅިވަރު

އޭޝިއަން ގޭމްސްގައި މީހުން މާގިނަ، އެންމެން ނުބެލެހެއްޓޭނެ: ޖަޕާން


މިމަހުގެ 20 ވަނަ ދުވަހު ޖަޕާނުގައި ފަށާ އޭޝިއަން ގޭމްސްގައި މާ މީހުން ގިނަ ކަމަށާއި އެންމެން ބަލަހައްޓަން ދަތިވެއްޖެ ކަމަށް ޖަޕާނުން ބުނެފިއެވެ.

ސެޕްޓެމްބަރު މަހުގެ 19އިން އޮކްޓޫބަރު ހަތަރަކާ ހަމައަށް ކުރިއަށް ގެންދާ ގޭމްސްގައި 45 ގައުމަކުން ބައިވެރިއެވެ. ގޭމްސްގައި 43 ކުޅިވަރު ކުޅޭނެއެވެ. މިހުރިހާ ކުޅިވަރެއްގައި ކުޅުންތެރިންނާއި އޮފިޝަލުންނާއެކު 19 ހާހާއި 20ހާހާ ދެމެދުގެ އަދަދެއްގެ މީހުން ގޭމްސްގައި ހަރަކާތްތެރިވާނެއެވެ.

"ކުއްލިއަކަށް ބައެއް ކުޅިވަރުތައް އިތުރުވުމުން އެތުލީޓުންނާއި އޮފިޝަލުންގެ އަދަދު އިތުރުވުމުން އަހަރުމެންނަށް ވަނީ އެކޮމޮޑޭޝަންގެ މައްސަލަތައް ކުރިމަތިވެފައި. އެންމެން ބަލަހައްޓަން ވަރަށް ބޮޑަށް މިވަނީ ދަތިވެފައި،" ގޭމްސްގެ އޮގަނައިޒިން ކޮމިޓީގެ ޗެއާމަން ހިޑެއާކީ އަމޫރާ ވިދާޅުވިއެވެ.

މި ފަހަރުގެ ގޭމްސްގައި ކުޅުންތެރިންނާއި އޮފިޝަލުން ބައިތިއްބަން ޖަޕާނުން ނިންމާފައިވަނީ ކޮންޓޭނަރު ގޮތަށް ހަދާފައިވާ ކޮޓަރިތަކާއި ކްރޫޒްޝިޕް ތަކުގައެވެ. ނަމަވެސް ޖަޕާނުން ލަފާ ކުރިވަރަށްވުރެ މީހުން ގިނަވުމާއެކު ގިނަ މައްސަލަތަކެއް ކުރިމަތިވެ ގައުމުތަކާއި ކުޅުންތެރިންގެ ވެސް ފާޑުކިއުންތައް ވެސް މިހާރު ވަނީ ކުރިމަތިވެފައެވެ.

އެންމެ ބޮޑު މައްސަލައެއްގެ ގޮތަށް ފާހަގަވެފައިވަނީ ވެސް އެކޮމޮޑޭޝަންގައެވެ. ހާއްސަކޮށް ޖަޕާނުން ކޮންޓޭނަރު ގޮތަށް ހަދާފައިވާ ކޮޓަރިތައް ކުޑަވުމާއި މޫނުދޮންނަ ތަށިން ލީކުވުމާއި އެނދުތައް ކުޑަވުމުގެ މައްސަލައެވެ. އަދި މިހާރު މީހުން ގިނަވުމުން ކުޅުންތެރިންނާއި އޮފިޝަލުންނާއި ދެ މީހަކަށްވުރެ ގިނަ މީހުން އެއްތަނެއްގައި ބައިތިއްބަން ޖެހުން ފަދަ މައްސަލަތަކެވެ. މީގެ އިތުރުން ނަގޯޔާގައި މޫސުން ގޯސްވުމުން ބައެއް އިވެންޓްތައް ފަސް ކުރަން ޖެހުމާއި އެތަނުގައި ތިބި އެތްލީޓުން އެހެން ތަނަކަށް ބަދަލު ކުރަން ޖެހުމަކީ ވެސް ކުރިމަތިވެފައިވާ މައްސަލައަކެވެ.

ޖަޕާނުން ބުނީ މިކަންކަން ހައްލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި ނަމަވެސް މިވަގުތު އެންމެ އިސްކަން ދެނީ ރަސްމީކޮށް އަންނަ މައްސަލަތަކަށް ކަމަށެވެ.