ޚަބަރު

ހަނގުރާމައިގެ ސަބަބުން އަރަބި އިޤްތިޞާދަށް 150 ބިލިޔަން ޑޮލަރުގެ ގެއްލުން


އެމެރިކާއިން އިރާނާ ދެކޮޅަށް ފެށި ޣައިރުޤާނޫނީ ހަނގުރާމައާއި، ހުރްމުޒް ކަނޑުއޮޅި ބަންދުކުރުމާއި އީރާނުން ދިން ވަރުގަދަ ރައްދު ހަމަލާތަކުގެ ސަބަބުން، ހަނގުރާމައިގެ ފުރަތަމަ މަސްދުވަހުގެ ތެރޭގައި އެކަނިވެސް ޢަރަބި ޤައުމުތަކުގެ އިޤްތިޞާދަށް ގާތްގަނޑަކަށް 150 ބިލިއަން އެމެރިކާ ޑޮލަރުގެ ބޮޑު މާލީ ގެއްލުމަކާ ކުރިމަތިލާން ޖެހިފައިވާކަމަށް އދއިން ބުނެފިއެވެ.

ހުޅަނގު އޭޝިއާގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ކޮމިޝަނުން ޓީއާރުޓީ ވޯލްޑް ނޫހަށް ދެއްވި ބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުގައި، މި ގެއްލުމަކީ މުޅި އެ ސަރަޙައްދުގެ ޖުމްލަ އުފެއްދުންތެރިކަން ނުވަތަ ޖީޑީޕީގެ ގާތްގަނޑަކަށް 4 އިންސައްތައެވެ. މި މަޢުލޫމާތު ހާމަކޮށްފައިވަނީ ބަހްރޭނުން އިސްނަގައިގެން ބޭއްވި އދގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއްގައި، އެ ކޮމިޝަނުގެ އެގްޒެކެޓިވް ސެކްރެޓަރީ އަދި އދގެ އަންޑަރ-ސެކްރެޓަރީ-ޖެނެރަލް ރާނިއާ އަލް-މަޝާތު އިއްޔެ ދެއްވި ތަޤަރީރުގައެވެ.

އުތުރު އެފްރިކާއާއި މެދުއިރުމަތީގެ ޢަރަބި 21 ޤައުމު ހިމެނޭ އެ ކޮމިޝަނުގެ އިސްވެރިޔާ ފާހަގަކުރެއްވި ގޮތުގައި، ހަނގުރާމައިގެ ފުރަތަމަ މަހުގެ ތެރޭގައި ލިބުނު މި ބޮޑު ގެއްލުމަކީ އިންތިހާއަށް ކަންބޮޑުވާންޖެހޭ ފަދަ ޢަދަދެކެވެ.

އެމެރިކާއިން ޔަހޫދީންގެ ނިރުބަވެރި ދައުލަތާ ގުޅިގެން އިރާނަށް ވައިގެ ހަމަލާތައް ދޭން ފަށާފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުއެވެ. މި ހަމަލާތަކުގައި އީރާނުގެ ރޫހީ ވެރިޔާ ލީޑަރު އާޔަތުﷲ ޢަލީ ޚާމަނާއީގެ އިތުރުން، އަސްކަރީ އަދި ސިޔާސީ އިސް ލީޑަރުންތަކެއް ވަނީ ޝަހީދުކޮށްލައިފައެވެ. އަދި އާންމުންގެ އެތަކެއް ސަތޭކަ މީހުން މަރުވެފައިވާއިރު، އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. އދގެ އެއްބާރުލުމާއެކު ހިންގި ތަޙުޤީޤުތަކުން ހާމަވާ ގޮތުގައި، މި ހަމަލާތަކުގެ ފުރަތަމަ މަރުޙަލާގައި އެމެރިކާއިން ވަނީ އިރާނުގައި ހަނގުރާމައިގެ ބޮޑެތި ޖަރީމާތައް ހިންގައިފައެވެ.

މި ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން އިރާނުން ވަނީ ދުނިޔޭގެ ތެލުގެ ފަސްބައިކުޅަ އެއްބައި ދަތުރުކުރާ މުހިންމު މަގު ކަމުގައިވާ ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލް ފުރިހަމައަށް އަތުލައިފައެވެ. މީގެއިތުރުން، އެމެރިކާއާ ގުޅުން އޮންނަ ގަލްފުގެ ޢަރަބި ޤައުމުތަކަށް އަމާޒުކޮށް މިސައިލާއި ޑްރޯން ހަމަލާތައް ދީފައެވެ.

ދަތުރުފަތުރުގެ މިނިވަންކަން ރައްކާތެރިކުރުމުގެ މައުޟޫގެ މައްޗަށް ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަޝާތު ވިދާޅުވީ، ހުރްމުޒް ކަނޑުއޮޅިއާއި ބާބުލްމަންދަބްގައި ކަނޑުދަތުރުފަތުރަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަކީ ހަމައެކަނި ސަލާމަތީ މައްސަލައެއް ނޫން ކަމަށެވެ. މިއީ ތަރައްޤީއާއި، އަސާސީ މުދާ ފޯރުކޮށްދިނުމުގެ ނިޒާމަށާއި، އިޤްތިޞާދީ ހަމަޖެހުމަށާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ އިތުރުން މުޅި ދުނިޔޭގެ އިޤްތިޞާދަށްވެސް އޮތް ބޮޑު ނުރައްކަލެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ހުރްމުޒް ކަނޑުއޮޅިއަކީ ދުނިޔޭގެ ކަނޑުމަގުން ކުރެވޭ ތެލުގެ ވިޔަފާރީގެ ގާތްގަނޑަކަށް 25 އިންސައްތައާއި، ގޭހުގެ ވިޔަފާރީގެ 19 އިންސައްތަ ޙިއްސާކުރާ މައި މަގެވެ. މީގެއިތުރުން ޖީސީސީގެ ޤައުމުތަކުން ބައިނަލްއަޤްވާމީ ބާޒާރަށް ބޭރުކުރާ އެމޯނިއާ، ކެމިކަލްސް، ސަލްފަރ، އަދި އެލުމިނިއަމް ފަދަ މުހިންމު އުފެއްދުންތަކުގެ ބޮޑު ބައެއް ދައުރުވަނީވެސް މި މަގުންނެވެ.

މަޝާތު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި ހަނގުރާމަ ފެށުމުގެ ކުރިންވެސް ޢަރަބި 22 ޤައުމުގެ ތެރެއިން 9 ޤައުމެއް އޮތީ ދާޚިލީ ހަމަނުޖެހުންތަކުގެ ތެރޭގައި ނުވަތަ އެއިން އަރައިގަތުމުގެ ދަތި އުނދަގޫ މަރުޙަލާއެއްގައެވެ. އެ ޤައުމުތަކުގެ އުމްރާނީ ވަޞީލަތްތައް ސުންނާފަތިވެ، މާލީ ދަތިކަން އިންތިހާއަށް ބޮޑުވެފައިވާ ދަނޑިވަޅެއްގައި، އިޤްތިޞާދު ސިންދަފާތުކޮށް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތްތަކަށާއި އިންވެސްޓްމަންޓްތަކަށް މި ހަނގުރާމައިގެ ސަބަބުން އިއާދަނުކުރެވޭ ފަދަ ބޮޑެތި ހުރަސްތަކެއް އެޅިގެންދާނެއެވެ.

މި ނުރައްކާތެރި ޙާލަތުން އަރައިގަތުމަށްޓަކައި މަޝާތު ވަނީ މައިގަނޑު ތިން އަސާސެއްގެ މައްޗަށް އެކުލެވޭ ފިޔަވަޅުތަކެއް އެޅުމަށް ގޮވާލައްވައިފައެވެ.

އޭގެ ތެރޭގައި، ބައިނަލްއަޤްވާމީ ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަނޑުދަތުރުފަތުރުގެ މިނިވަންކަމާއި އުޅަނދުފަހަރުގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، ހަނގުރާމަ އިތުރަށް ފުޅާވިޔަނުދީ ހިފެހެއްޓުމާއެކު، އިޤްތިޞާދީ އަދި އިންސާނީ ގެއްލުންތައް ވީހާވެސް ކުޑަކުރުމާއި، ސަރަޙައްދީ ފެންވަރުގައި ކާރިސާތަކަށް ތައްޔާރުވެފައިވާ މިންވަރު ވަރުގަދަކޮށް، ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް މެދުކެނޑުމެއްނެތި ފޯރުކޮށްދެވޭނެ ނިޒާމެއް ޤާއިމުކުރުން ހިމެނެއެވެ.