ދުނިޔެ

ޔަހޫދީންގެ ޖަރީމާތަކާ ގުޅިގެން ޔޫރޯވިޝަން މުބާރާތް އަޔަރލެންޑުން ބޮއިކޮޓްކޮށްފި


ޣައްޒާގައި ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޤަތުލުޢާއްމާ ދެކޮޅަށް އަޑުއުފުލުމުގެ ގޮތުން، 2027 ވަނަ އަހަރު ބާއްވާ ޔޫރޯވިޝަން ލަވަ މުބާރާތް ބޮއިކޮޓްކުރަން އަޔަރލެންޑުން ނިންމައިފިއެވެ.

ޣައްޒާގެ ކުށެއްނެތް ޢާންމުން ޝަހީދުކޮށް، އެ ސަރަޙައްދުގައި އިންސާނީ ބޮޑު ކާރިސާއެއް އުފައްދަމުންދާތީ، 2027 ވަނަ އަހަރު ބާއްވާ ޔޫރޯވިޝަން ލަވަ މުބާރާތުގައި ބައިވެރިނުވުމަށާއި މުބާރާތް ބްރޯޑްކާސްޓް ނުކުރުމަށް އަޔަރލެންޑްގެ ޤައުމީ ބްރޯޑްކާސްޓަރު، އާރްޓީއީ އިން ނިންމައިފިއެވެ. ޔަހޫދީ ދައުލަތުން ބައިވެރިވާތީ 2026 ވަނަ އަހަރުގެ މުބާރާތްވެސް ބޮއިކޮޓްކުރި އަޔަރލެންޑްގެ އިތުރުން، ނެދަލޭންޑްސްއިން ވެސް ވަނީ ދުނިޔޭގެ އެންމެ ބޮޑު މިއުޒިކް މުބާރާތުގައި ދެން ބައިވެރިނުވާނެކަން ހާމަކޮށްފައެވެ.

އާރްޓީއީއިން ނެރުނު ރަސްމީ ބަޔާނެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، ޣައްޒާގައި އިންސާނީ ފުރާނަތައް ގެއްލެމުންދާ މިންވަރާއި، ޙަޤީޤަތް ހާމަކުރުމަށްޓަކައި އެ ސަރަޙައްދަށް ވަނުމަށް މިނިވަން ނޫސްވެރިންނަށް ޔަހޫދީން ހުރަސްއަޅަމުންދާ ދިއުމާމެދު އެ ޤައުމުން އިންތިހާއަށް ކަންބޮޑުވެއެވެ. އަދި މިފަދަ ޙާލަތެއްގައި މި މުބާރާތުގައި ބައިވެރިވުމަކީ ޒަމީރު ޤަބޫލުކުރާ ކަމެއް ނޫން ކަމަށްވެސް އެ ބަޔާނުގައި ވެއެވެ. މީގެއިތުރުން، ހަނގުރާމަކުރާ ޤައުމުތަކުގައި މުބާރާތް އިންތިޒާމު ނުކުރެވޭނެ ގޮތަށް އިންތިޒާމުކުރާ ފަރާތުން ޤަވާޢިދު ބަދަލުކުރި ނަމަވެސް، ޣައްޒާގެ މައްސަލައިގައި ޔޫރޯވިޝަންއިން ވަކިފަރާތަކަށް ނުޖެހޭ ސިޔާސަތު ގެއްލުވާލާފައިވާތީ އެވަރުން ފުދެން ނެތް ކަމަށް ނެދަލޭންޑްސްއިން ވެސް ވަނީ ބުނެފައެވެ.

1955 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މި މުބާރާތުގައި ޔަހުދީ ދައުލަތް ބައިވެރިކުރާތީ ޤައުމުތަކުން ކުރި އިޙްތިޖާޖާއި ބޮއިކޮޓްތަކާ ގުޅިގެން، މިއަހަރު މުބާރާތް ބެލި މީހުންގެ ޢަދަދު ވަނީ 35 މިލިއަން ދަށްވެ، 131 މިލިއަނަށް ވެއްޓިފައެވެ. 2026 ގެ މުބާރާތް ނެދަލޭންޑްސް، އައިސްލޭންޑް، ސްޕެއިން، އަޔަރލެންޑް އަދި ސްލޮވީނިއާއިން ބޮއިކޮޓްކުރިއިރު، މީގެ ތެރެއިން ގިނަ ޤައުމުތަކުން ވަނީ މުބާރާތް ޓީވީތަކުން ދެއްކުންވެސް ހުއްޓާލާފައެވެ.

2023 ވަނަ އަހަރުން ފެށިގެން ޔަހޫދީން ޣައްޒާގައި ހިންގަމުންދާ ޤަތުލުޢާއްމުގައި މިހާތަނަށް 73,700 އަށްވުރެ ގިނަ މުސްލިމުން ޝަހީދުވެފައިވާއިރު، 2025 ގެ އޮކްޓޯބަރު މަހު އެމެރިކާ މެދުވެރިވެގެން ވެވުނު ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމާވެސް ޔަހޫދީން ދަނީ ކަނޑައެޅިގެން ޚިލާފުވަމުންނެވެ.

ކުރިއަށް އޮތް އަހަރުގެ މުބާރާތް ބަލްގޭރިއާގެ ބުރްގާސްގައި މެއި 15 ވަނަ ދުވަހު ބޭއްވުމަށް ތައްޔާރުވަމުންދާއިރު، ޔަހޫދީ ދައުލަތް ބައިވެރިކުރުމާ ގުޅިގެން މުބާރާތުގެ މަޤްބޫލުކަން ކުޑަވެ، އިތުރު ޤައުމުތަކުން މުބާރާތް ދޫކޮށްލުމުގެ ފުރުޞަތު ވަނީ ބޮޑުވެފައެވެ. ފާއިތުވި ދެ އަހަރުގެ މުބާރާތުގައިވެސް ޔަހޫދީންނަށް ދެވަނަ ލިބުނު ނަމަވެސް، ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ޖަރީމާތަކުގެ ސަބަބުން، ޔޫރޯވިޝަންއަކީ ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ މުބާރާތެއްގެ ގޮތުގައި އޮތް އިތުބާރު މިހާރު ވަނީ މުޅިން ގެއްލިފައެވެ.