ޚަބަރު

"މަސްވެރި އުފެއްދުންތައް އެކްސްޕޯޓްކުރާ މިންވަރު ތިންގުނަ އިތުރުކުރުމަކީ އަމާޒެއް"


  • މަސްވެރިކަން ކޮޅަށް ޖެހުމަށް ސަރުކާރުގެ ސިޔާސަތުތައް އިތުރަށް ވަރުގަދަކުރައްވާނެކަމަށް ވިދާޅުވި

  • މަސްވެރިންނަށް ދަނީ 48 ގަޑިއިރުތެރޭ ފައިސާ ދޫކުރަމުން

މަސްވެރިކަމުގެ އުފެއްދުންތައް އެކްސްޕޯޓްކުރާ މިންވަރު 2033 ވަނަ އަހަރުގެ ކުރިން މިހާރަށްވުރެ ތިންގުނައަށް އިތުރުކުރުމަކީ ސަރުކާރުގެ އަމާޒެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ ޕީޕަލްސް ނޭޝެނަލް ކޮންގްރެސްގެ މަތީ މަޖިލީސް ނިންމުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މަސްވެރިކަމަކީ ދިވެހިންގެ ލޭ ނާރުކަމަށާއި، އެ ސިނާޢަތް ކުރިއެރުވުމަކީ ސަރުކާރުން ޚާއްސަ އިސްކަމެއްދެއްވާ ދާއިރާއެއްކަމަށެވެ.

ރައީސް ވިދާޅުވީ، މި ސަރުކާރު ހަވާލުވީއިރު މަސްވެރިން އަތުން މަސްގަތުމަށްފަހު މަސްވެރިންނަށް 250 މިލިޔަނެއްހާ ރުފިޔާ ނުދައްކާއޮތް ކަމަށެވެ. އެ ފައިސާ ދައްކައި ޚަލާސްކޮށް، މި ސަރުކާރުން މަސްވެރިންނަށް މިހާތަނަށް 1 ބިލިޔަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ، މަސްވެރިންނަށް މިހާރު 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރަމުންދާކަމަށާއި، އެމަނިކުފާނު ވަޢުދުވި ރޭޓުކަމަށްވާ 20 ރުފިޔާގެ ރޭޓަށްވުރެ މައްޗަށްވެސް ބައެއް ދުވަސް ދުވަހު ފައިސާ ދޫކުރަމުންދާކަމަށެވެ.

މަސްވެރިކަމުގެ ސިނާޢަތް ނަގައި ކޮޅަށް ޖެހުމުގައި މި ސަރުކާރުގެ ސިޔާސަތު އިތުރަށް ވަރުގަދަ، މި ދާއިރާ އިތުރަށް ކުރިއަށް ގެންދިއުމަށްޓަކާ ކުރަންޖެހޭ ހުރިހާ މަސައްކަތެއް ސަރުކާރުން ކޮށްދެއްވާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި މަހުގެ އުފެއްދުންތައް އެކްސްޕޯޓް ކުރާ މިންވަރު މިހާރަށްވުރެ 3 ގުނަ އިތުރުކުރުމަށް ސަރުކާރުން މަސައްކަތްކުރައްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މަސްވެރިކަމުގެ އުފެއްދުން އެކްސްޕޯޓް ކުރެވޭ ނިސްބަތް އަޅުގަނޑުމެންގެ ސިޔާސަތަކަށްވާނީ މިހާރު އެކްސްޕޯޓްކުރެވޭ އަދަދަށްވުރެ ތިންގުނައަށްވުރެ ބޮޑަށް 2033 ހާ ހަމައަށް ދާންވާއިރަށް އިރާދަކުރެއްވިއްޔާމުން ތިން ގުނައަށްވުރެ ބޮޑަށް ރާއްޖޭން އެކްސްޕޯޓްކުރެވޭ ހިސާބަށް އަޅުގަނޑުމެން މި ސިނާޢަތް ފުޅާކޮށްދޭނަން." ރައީސް ވިދާޅުވިއެވެ.

ދިވެހި މަސްވެރިކަމުގެ ދާއިރާ ޒަމާނާ އެއްގޮތަށް ބައްޓަންކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ކަނޑުގެ ވަސީލަތްތައް ބޭނުންކުރުމަށް ބޭނުންވާ ވަސީލަތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤާއިމުކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ. އެގޮތުން ސަރުކާރުގެ މައި މަސް ކުންފުނި މިފްކޯގެ ކެޕޭސިޓީ އިތުރުކުރުމަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ ޤާއިމުކުރުމާއި، މަސްވެރިންނަށް ފަސޭހައިން ތެލާއި އައިސް ލިބޭނެ އިންތިޒާމް އަތޮޅުތަކުގައި ޤާއިމުކުރުމަށް ގިނަ މަޝްރޫޢުތަކެއް މި ވަގުތުވެސް ސަރުކާރުން އަންނަނީ ހިންގަވަމުންނެވެ.