ޚަބަރު

އެމެރިކާއިން އުޅެނީ އަލުން ހަމަލާތައް ފަށަން: އީރާން


އީރާނާ ދެކޮޅަށް އެމެރިކާއިން އަލުން ހަމަލާތައް ފަށަން އުޅޭ ކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށް އީރާނުގެ އަސްކަރިއްޔާއިން ބުނެފިއެވެ.

މި އަހަރުގެ ފެބްރުއަރީ މަހުގެ 28ވަނަ ދުވަހު އެމެރިކާއާއި ޔަހޫދީން ވަނީ އީރަނަށް އިސްވެ ހަމަލާ ދީ ހަނގުރާމަ ފަށައިފައެވެ. އެ ހަމަލާތަކާއެކު އީރާނުން ވަނީ އެމެރިކާގެ މަސްލަހަތު ހިމެނޭ ސަރަޙައްދީ ޤައުމުތަކަށް ރައްދު ހަމަލާތައް ދީފައެވެ. އޭގެ އިތުރުން ތެލާއި ޤުދުރަތީ ގޭސް އުފުލުމަށް ބޭނުން ކުރާ މައި މަގެއް ކަމަށްވާ ހުރްމުޒް ކަނޑުއޮޅި ވެސް އީރާނުން ވަނީ ބަންދުކޮށްފައެވެ.

ނަމަވެސް އޭގެ ފަހުން މި އަހަރުގެ ޖޫން މަހުގެ ތެރޭގައި އެމެރިކާއާއި އީރާނުން ވަނީ ހަމަލާ ބަދަލުކުރުން މެދުކަނޑާލައި ހުރްމުޒް ކަނޑުއޮޅި އަލުން ހުޅުވައިލުމަށް އޮނިގަނޑެއް އެކުލަވާލައިފައެވެ. ނަމަވެސް ހުރްމުޒް ކަނޑުއޮޅިއާ ގުޅޭ ގޮތުން ދެ ޤައުމުން ދެބަސްވެ، އެ އެއްބަސްވުން ފަހުން ވަނީ ރޫޅިފައެވެ.

އިރާންގެ ޚާތަމް އަލް-އަންބިޔާ ސެންޓްރަލް ހެޑްކުއާޓާސް ނެރުނު ބަޔާނެއްގައި ބުނީ ވިލާތުގެ ޤައުމެއްގައި ބައެއް އެހެން ޤައުމުތަކާއެކު އެމެރިކާއިން ބޭއްވި ބައްދަލުވުމެއްގައި، އެ ޤައުމުތަކުގެ ފެހި ސިގުނަލާއެކު އީރާނާ ދެކޮޅަށް ހަމަލާތައް އަލުން ފެށުމަށް ނިންމާފައިވާ ކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށެވެ. އެމެރިކާއިން ގޯހެއް ހަދައިފި ނަމަ އެ ޤައުމުގެ މަސްލަހަތުތަކަށް އަމާޒުކޮށް ރައްދު ހަމަލާތައް ދޭނެ ކަމަށާއި މެދުއިރުމަތީގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާ ދޭނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. އީރާނަކީ ބާރުގަދަ އަދި އިސްތިޤުލާލު ލިބިގެންވާ ޤައުމެއް ކަމަށް ފާހަގަކޮށް ބަޔާނުގައި އިތުރަށް ބުނީ އެހެން ޤައުމުތަކުން އެމެރިކާއާ ބައިވެރިވާ ނަމަ އީރާނުން ދެކޭނީ އެ ޤައުމުތަކަކީ ވެސް އެމެރިކާގެ ވިޔާނުދާ ޢަމަލުތަކުގައި ޙިއްޞާ އޮތް ބައެއް ކަމަށެވެ. އަދި އީރާނުން އެ ފަދަ ޤައުމުތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ފަސް ނުޖެހޭނެ ކަމަށް ވެސް ބުނެފައިވެއެވެ.

މީގެ ކުރިން އެމެރިކާއިން ވަނީ އެ ޤައުމުގެ ތައްޔިތުން މެދުއިރުމައްޗަށް ދަތުރުކުރުމާއި އެ ސަރަޙައްދު މެދުވެރިކޮށް އެހެން ސަރަޙައްދުތަކަށް ދަތުރު ކުރުމާ ދެކޮޅަށް ވިސްނުމަށް ނަސޭޙަތްތެރިވެފައެވެ. މެދުއިރުމަތީގެ ސަލާމަތީ ވެށި އޮތީ ނާޒުކު ޙާލަތެއްގައި ކަމަށާއި، ކުއްލި ގޮތަކަށް އެ ސަރަޙައްދުގެ ޙާލަތު ބަދަލުވުން އެކަށީގެންވާ ކަމަށް ވެސް އެ ޤައުމުން ބުނެފައިވެއެވެ.

އެމެރިކާގެ ޚާރިޖީ ވުޒާރާއިން ވެސް ވަނީ މެދުއިރުމަތީގައި ދިރިއުޅޭ އެމެރިކާގެ ރައްޔިތުން ޙާލަތަށް ފާރަވެރިވުމަށާއި، ފްލައިޓުތައް ކެންސަލްވުމާއި ވައިގެ ސަރަޙައްދުތައް ބަންދުކުރުމާއި ދަތުރުފަތުރަށް ބުރޫ އެރުން ފަދަ ކަންކަމަށް ސަމާލުވުމަށް ގޮވާލައިފައެވެ.