މާލޭ ސޯސަންމަގުގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ތިން މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިއްޖެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ ރޭ ދަންވަރު 01:12 އެހައިކަންހާއިރުކަމަށެވެ.
މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ 21 އަހަރާއި 22 އަހަރުގެ ދިވެހި ދެ ފިރިހެނުންގެ އިތުރުން 26 އަހަރުގެ ދިވެހި އަންހެނަކަށެވެ. އަނިޔާވި މީހުންގެ ތެރެއިން އަންހެން މީހާއަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު، އަނިޔާވި ދެ ފިރިހެނުންނަށް ފަރުވާދެމުންދަނީ އައިޖީއެމްއެޗްގައެވެ.
ފުލުހުން މައުލޫމާތު ދެއްވާގޮތުގައި، މި އެކްސިޑެންޓްގައި ހިމެނޭ 1 ސައިކަލު ދުއްވަން އިން 21 އަހަރުގެ މީހާއަކީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ މީހެއް ނޫނެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.