ޚަބަރު

މޫސުމީ ބަދަލުތަކާ ކުރިމަތިލުމަށް ގުޅިގެން މަސައްކަތްކުރުމަށް މަޝްވަރާކުރައްވައިފި


  • މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުންތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވި

  • ފަލަސްތީނުގައި ހިންގަމުންދާ ލާއިންސާނީ އަމަލުތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވި

މޫސުމީ ބަދަލުތަކާ ކުރިމަތިލުމަށް ގުޅިގެން މަސައްކަތްކުރުމަށް އދ. އާއި ދިވެހިރާއްޖެއާ ދެމެދު މަޝްވަރާކުރައްވައިފިއެވެ.

މި މަޝްވަރާކުރައްވާފައިވަނީ އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުތަރޭޝާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސައިން މުޙައްމަދު ލަޠީފް ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިންނެވެ.

އދ. ސެކްރެޓަރީ ޖެެނެރަލާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްދަލުކުރެއްވީ އެމެރިކާގައި ކުރިއަށްދާ އދ. ގެ އާންމު މަޖިލީހުގެ 81ވަނަ ބައްދަލުވުމުގެ ހަވާސާގެ ތެރެއިންނެވެ. މި ބައްދަލުކުރެއްވުމުގައި އދ. އާއި ރާއްޖެއިން ގުޅިގެން މަސައްކަތް ކުރާނެ ދާއިރާތަކާ ގުޅޭގޮތުން ދެ ބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، މޫސުމަށް އަންނަ ބަދަލުތަކަކީ ދިވެހިރާއްޖެއަށް ކޮންމެ ދުވަހަކުވެސް ތަޙައްމަލުކުރަންޖެހިފައިވާ ހަޤީޤަތެއް ކަމަށާއި، މިކަމުގެ ސަބަބުން ޤައުމުގެ ތަރައްޤީއަށް ނޭދެވޭ އަސަރުތަކެއް ކުރަމުންދާކަން ފާހަގަކުރައްވާފައެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާއި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތައް (ސިޑްސް) އަށް ދިމާވެފައިވާ މައްސަލަތަކުގައި އދ. ގެ ސެކްރެޓަރީ ޖެނެރަލް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަށް އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.

އދ. ގެ ޢާންމު މަޖިލީހުގައި ރާއްޖެއިން އިސްކަންދޭ މުހިންމު ދާއިރާތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، މޫސުމީ ވިލުންތެރިކަމާއި، ދަރަނީގެ ދެމެހެއްޓެނިވި ކަމާއި، ސިޑްސްގެ އެންޓިގުއާ އެންޑް ބާބިއުޑާ އެޖެންޑާ (އޭބީއޭއެސް) ތަންފީޛު ކުރުމާއި، ސިޑްސްއިން އިސްކަންދޭ ކަންކަމުގެ އިތުރުން އދ. އިޞްލާޙުކުރުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ސެކްރެޓަރީ ޖެނެރަލް ވަނީ ދިވެހިރާއްޖެއާއެކު އޮތް އެއްބައިވަންތަކަން ހާމަކުރައްވައި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވަމުންދާ ގޮންޖެހުންތައް ޚާއްޞަ ގޮތެއްގައި ފާހަގަކުރައްވާފައެވެ.

ދުނިޔޭގެ ފެންވަރުގައި މޫސުމީ ހަރަކާތްތައް އިތުރަށް ހަރުދަނާކުރުމަށް އެއްބާރުލުން ދެއްވުމަށާއި، މިކަމުގެ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް ރާއްޖެއާއެކު ގުޅިގެން މަސައްކަތްކުރުމުގައި އދ. އިން އެހީތެރިކަންދެއްވާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ. މީގެއިތުރުން، ސަރަޙައްދީ ފެންވަރުގައި ކަންބޮޑުވުން އޮތް މައްސަލަތަކުގެ މައްޗަށާއި، ޚާއްޞަކޮށް ފަލަސްޠީނުގެ މިހާރުގެ ޙާލަތާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.