ޚަބަރު

އދގެ އާންމު މަޖިލީހުގައި ބައިވެރިވުމަށް ޢަރާޤިޖީ ނިއު ޔޯކަށް


އެކުވެރި ދައުލަތްތަކުގެ (އދ) ޢާންމު މަޖިލީހުގައި ބައިވެރިވެވަޑައިގެންނެވުމަށް އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤިޖީ ނިއު ޔޯކަށް ވަޑައިގަންނަވައިފިއެވެ. އޭނާ އެމެރިކާއަށް ވަޑައިގެންނެވީ ޤަޠަރުގެ ދަވްޙާގައި އެ ގައުމުގެ އޮފިޝަލުންނާއެކު ސަރަހައްދީ މަސްރަހާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ފަހުއެވެ. މި ދަތުރުފުޅު މި ކުރެއްވީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގަލްފުގެ ޤައުމުތަކުގެ ވެރިންނާ ބައްދަލުކުރެއްވުމަށް ތައްޔާރުވެވަޑައިގަންނަވަމުންދާ ދަނޑިވަޅެއްގައެވެ. މީގެއިތުރުން، އދގެ މި ޖަލްސާގައި ބައިވެރިވެވަޑައިގެންނެވުމަށް އީރާނުގެ ރައީސް މަސްޢޫދު ޕީޒިޝްކިޔާން ވެސް ނިއު ޔޯކަށް ވަޑައިގަންނަވާނެއެވެ. އޭނާއާ ބައްދަލުކުރެއްވުމާމެދު ޓްރަމްޕް ވިސްނަވަމުންދާއިރު، މި ފަދަ ބައްދަލުވުމަކަށް ޓްރަމްޕް ތައްޔާރަށް ހުންނެވި ކަމުގައި އެމެރިކާގެ މަޞްދަރުތަކުން ބުނެއެވެ.

އީރާނާއި އެމެރިކާއިން ހަނގުރާމަކުރަމުންދާތާ މަސްތަކެއް ފާއިތުވެފައިވާއިރު، ދެ ޤައުމުގެ ދެމެދު މަޝްވަރާތައް އަލުން ފެށުމަށް މެދުވެރިން ދަނީ މަސައްކަތްކުރަމުންނެވެ. މި ގޮތުން، މަޝްވަރާތައް އަލުން ފެށުމަށް އީރާނުން ބޭނުންވާ ޝަރުޠުތައް އެ ގައުމުން ވަނީ ޤަޠަރު މެދުވެރިކޮށް އެމެރިކާއަށް ހުށަހަޅާފައެވެ. އީރާނުގެ ޤާއުމީ ސަލާމަތާބެހޭ މަޖިލީހުގެ ވެރިޔާ މުޙުސިން ރިޒާއީ ވިދާޅުވީ، އީރާނުގެ ޝަރުޠުތަކުގެ ތެރޭގައި ހަނގުރާމަ ހުއްޓާލުމާއި، ހިފަހައްޓާފައިވާ އީރާނުގެ މުދަލާއި ފައިސާ ދޫކޮށްލުމުގެ އިތުރުން ކަނޑުގެ ޙިޞާރު ނިމުމަކަށް ގެނައުން ހިމެނޭ ކަމުގައެވެ. މީގެއިތުރުން، ކުރީގެ މަޝްވަރާތަކާ ގުޅިގެން ރިޕޯޓުކޮށްފައިވާ އެހެން ޝަރުޠުތަކުގެ ތެރޭގައި، އައު ދަތިކުރުމުގެ ފިޔަވަޅުތައް ނޭޅުމުގެ ޔަގީންކަން ދިނުމާއި، ހުރްމުޒް ކަނޑުއޮޅިއާ ގުޅޭ އިންތިޒާމުތައް ހަމަޖެއްސުން ހިމެނެއެވެ.

ހަމަމިއާއެކު، ނިއު ޔޯކުގައި ޕީޒިޝްކިޔާނާ ބައްދަލުކުރެއްވުމުގެ ފުރުސަތު އޮތް ކަމަށާއި، އެ ކަމަށް ތައްޔާރަށް ހުންނެވި ކަމުގެ އިޝާރާތެއް ޓްރަމްޕް ވަނީ ދެއްވާފައެވެ. މި ފަދަ ބައްދަލުވުމަކާ ގުޅޭގޮތުން ސުވާލުކުރުމުން، އދއަށް އެމެރިކާއިން ކަނޑައަޅާފައި ހުންނަވާ ސަފީރު މައިކް ވޮލްޓްޒް ވިދާޅުވީ، އެއްބަސްވުމެއް ޤާއިމުކުރުމަށް ޓްރަމްޕް އަބަދުވެސް މަރުޙަބާ ވިދާޅުވާނެ ކަމުގައެވެ. އަދި، އީރާނާމެދު ދެން އަޅުއްވާނެ ކުރިއަށް އޮތް ފިޔަވަޅުތަކާ ގުޅޭގޮތުން ގޮތެއް ނިންމެވުމުގެ މަރުޙަލާގައި މި ވަގުތު ހުންނެވި ކަމުގައި ވެސް އެމެރިކާގެ ރައީސް ވަނީ ވިދާޅުވެފައެވެ.