ގައުމީ ބެޑްމިންޓަން މުބާރާތް ކާމިޔާބުކުރި ވ. ކެޔޮދޫ ހައިޝަމް އިބްރާހީމް އަލީގެ އަމާޒަކީ ރާއްޖެއަށް މެޑަލްއެއް ހޯދައިދިނުން ކަމަށާއި، އެކަމަށް މަސައްކަތް ކުރުމަށް ސަރުކާރުން ދޭ އަރުތަ ސްކޮލަޝިޕުން ފުރުސަތު ލިބޭނެ ކަމަށް އުންމީދުކުރާ ކަމަށް ހައިޝަމް ބުނެފިއެވެ.
ސަރުކާރުން ދޭ އަރުތަ ސްކޮލަޝިޕްގެ ދަށުން ކުޅުންތެރިންނަށް ރާއްޖެއިން ބޭރުގެ މުބާރާތްތަކުގައި ވާދަކުރުމުގެ ފުރުސަތާއި ތަމްރީނުތައް ލިބޭނެއެވެ. މި ޕްރޮގްރާމްގެ ދަށުން ގިނަ ކުޅުންތެރިން މިހާރުވެސް ތަމްރީނު ހަދަމުން އަންނައިރު، ސަރުކާރުން މި ފަހުން ވަނީ އަލުން މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ކުޅުންތެރިންނަށް ހުޅުވާލައިފައެވެ.
ގައުމީ ބެޑްމިންޓަން މުބާރާތް ހައިޝަމް ކާމިޔާބުކުރީ އޭނާއާ އެއް ކުލަބަކަށް ނިސްބަތްވާ ނިބާލް އަހުމަދު ބަލިކޮށްގެންނެވެ. ނިބާލްގެ މައްޗަށް ގައުމީ ފައިނަލުން ހައިޝަމް ކުރިހޯދީ 2 ސެޓް 1 ސެޓުންނެވެ.
މީގެ ކުރިން އަތޮޅު މުބާރާތުގެ ސިންގަލްސް ޗެމްޕިއަންކަން ހައިޝަމް ހޯދިއިރު، ރިވައިވަލް ސްޕޯޓްސް އިން އޭނާއަށް ވަނީ ސްކޮލަޝިޕްގެ ފުރުސަތު ދީފައެވެ. އެ ފުރުސަތުގައި ތަމްރީނުވަމުން އައި ހައިޝަމް، 2023 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ނެގި ގައުމީ ސްކޮޑުގައި ނުހިމެނުމުން ދިމާވި ކަންތައްތަކާއެކު ކުޅުން ހުއްޓާވެސްލިޔެވެ.
ދެ އަހަރެއްހާ ދުވަހު ކުޅުމާ ދުރުގައި ހުރި ހައިޝަމް އެނބުރި ކުޅުމުގެ ތެރެއަށް އައީ މިދިޔަ އަހަރުގެ ޖުލައި މަހުއެވެ. އަދި ގައުމީ ޓީމުގެ ސެލެކްޝަނުގައި ބައިވެރިވެ، ގައުމީ ޓީމުގެ ސްކޮޑުން ވެސް އޭނާ ޖާގަ ހޯދިއެވެ.
"ޕީއެސްއެމް ނިއުސް"އާ ވާހަކަ ދައްކަމުން ހައިޝަމް ބުނީ، މިހާރު އެންމެ ބޮޑު އަމާޒަކީ ބައިނަލްއަގްވާމީ މުބާރާތަކުން ރާއްޖެއަށް މެޑަލްއެއް ހޯދައިދިނުން ކަމަށެވެ. އަދި އެ އަމާޒަށް ވާސިލްވުމަށް މަސައްކަތް ކުރާނެ ކަމަށާއި، އެ އަމާޒަށް ވާސިލްވާން ސަރުކާރުން ދޭ އަރުތަ ސްކޮލަޝިޕް ލިބޭނެ ކަމަށް އުންމީދުކުރާ ކަމަށެވެ.
އަރުތަ ސްކޮލަޝިޕް ލިބުން ވާނީ އޭނާގެ ކެރިޔަރު އިތުރު ހަރުފަތަކަށް ހިއްލާލާނެ ކަމެއް ކަމުގައި ހައިޝަމް ދެކެއެވެ. އަދި މީގެ ކުރިންވެސް އަރުތަ ސްކޮލަޝިޕް ލިބޭތޯ އޭނާ ވަނީ މަސައްކަތް ކޮށްފައެވެ.
މި ފަހުން ހައިޝަމް ހޯދި ކާމިޔާބީތަކުގައި އެންމެ ބޮޑު ދައުރެއް އަދާކުރީ އޭނާގެ ކުލަބް ރިވައިވަލް ސްޕޯޓްސްއެވެ. ރިވައިވަލްގެ އެހީތެރިކަމާއެކު ގައުމީ މުބާރާތުގެ ކުރިން މަހެއްހާ ދުވަހު ހައިޝަމް މެލޭޝިއާގައި ވެސް ފަރިތަކޮށްފައިވެއެވެ.